ގާޒީ ނިހާންގެ އިސްތިއުނާފް މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު ކަމަށް ބުނާ މައްސަލާގައި ދައުލަތުން އުފުލި ދައުވާ ސާބިތުވެ އދ. މާމިގިލި މެޖިސްޓްރޭޓް ކޯޓުގެ ގާޒީ އަހްމަދު ނިހާން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމްގެ އިސްތިއުނާފް އަޑުއެހުންތައް ހައިކޯޓުގައި މިއަދު ނިންމާލައިފި އެވެ.
ރައީސް ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު ކަމަށް ބުނާ މައްސަލާގައި ދައުލަތުން ވަނީ ގާޒީ ނިހާންގެ މައްޗަށް ހަތަރު ދައުވާއެއް އުފުލާފަ އެވެ. އެއީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ އާއި، ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ އަމަލެއް ހިންގުމުގެ ދައުވާ އާއި، ފޭކް ލިޔުމެއް އުފެއްދުމުގެ ދައުވާ އާއި، ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
މިހަތަރު ދައުވާގެ ތެރެއިން މިހާތަނަށް ޝަރީއަތް ހިންގާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގައި ބައިވެރިވުމުގެ ދައުވާގަ އެވެ.
މި ދައުވާ ސާބިތުވެ ގާޒީ ނިހާން 17 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2016 ވަނަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހު އެވެ.
ގާޒީ ނިހާން ހައްޔަރުކޮށް ކްރިމިނަލް ކޯޓުގައި މިމައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދިޔައިރު ގާޒީ ނިހާންގެ ގާނޫނީ ވަކީލަކަށް އޭރު ހުންނެވީ ދައުލަތުގެ ކުރީގެ ބަންޑާރަނައިބް ހުސްނުއްސުއޫދު އެވެ.
ނަަމަވެސް ސުއޫދު ސަސްޕެންޑް ކުރުމާ ގުޅިގެން ގާޒީ ނިހާންގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރައްވަނީ ނިހާނާ އެކު ހައްޔަރުކޮށްފައިވާ ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒު މުހުސިންގެ އަނބިކަނބަލުން ޝާދިޔާ އާދަމް އެވެ.
ގާޒީ ނިހާންގެ އިސްތިއުނާފް މައްސަލަ ހައިކޯޓުގައި ފެށުމަށްފަހު ހަފްތާއެއްގެ ތެރޭގައި އަޑުއެހުންތައް ނިންމާލާފައި މިވަނީ މައްސަލަ އިސްތިއުނާފަށް ހުށަހެޅިތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވީ ފަހުންނެވެ.
ގާޒީ ނިހާންގެ މައްޗަށް ކުށް ސާބިތުވެފައިވާ މައްސަލާގައި ހައިކޯޓުން ހުކުމެއް ކުރަންދެން ގާޒީ ނިހާން ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އޭނާގެ ފަރާތްޕުޅުން މީގެކުރިން ވަނީ ހައިކޯޓުގައި އެދިފަ އެވެ. ނަމަވެސް މިމަހުގެ 10 ވަނަ ދުވަހު ހައިކޯޓުގައި ބޭއްވި އަޑުއެހުމުގައިވަނީ ކަފާލާތުގެ ދަށުން ނިހާން ދޫކޮށްލެވެން ނެތް ކަމަށްވެސް ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ