ރަސްފަންނު އަލުން އާންމުންނަށް ހުޅުވާލައިފި

ރަސްފަންނުގެ މޫދުން ނަޖިހުގެ އަސަރު ފެންނާތީ އެތަނަށް މޫދަށް އެރިއުޅުން މަނާކޮށް، ބަންދުކޮށްފައި އޮތުމަށްފަހު އަލުން އެސަރަހައްދު ހުޅުވައިފި އެވެ.
ސިޓީ ކައުންސިލުން ބުނީ ރަސްފަންނު އާމުންނަށް ބޭނުންކުރެވޭ ގޮތަށް އަލުން ހުޅުވީ އެތަނަކީ މޫދަށް އެރި އުޅުމަށް ރައްކާތެރި ތަނެއް ކަމަށް ހެލްތް ފްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ޔަގީންކޮށްދިނުމުން ކަމަށެވެ.
މިދިޔަ އާދިއްތަ ދުވަހުގެ ހަވީރުން ފެށިގެން ރަސްފަންނު މިހާރު އާމުންނަށް ހުޅުވާލާފައި ވާނެ ކަމަށްވެސް ސިޓީކައުންސިލުން މައުލޫމާތު ދެއެވެ.
ސިޓީ ކައުންސިލުން ބުނީ މިދިޔަ މަހުގެ ފަހު ކޮޅު ރަސްފަންނުން ނަޖިސް ފެނުމުން އެތަން ބޭނުން ނުކުރުމަށް އަންގާ ބަންދު ކުރި ނަމަވެސް، މިހާރު އެކަން ހައްލުކޮށްފައި ވާނެ ކަމަށެވެ. އަދި އެޗްޕީއޭއިން ހެދި ދެ ޓެސްޓުންވެސް ނުރައްކާތެރިކަމެއް އެސަރަހައްދުން ފެނިފައި ނުވާ ކަމަށްވެސް ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ.
ކުރިން ވެސްޓް ޕާކް ހިންގި ދިމާލުން މޫދަށް ގުޅާފައި އޮންނަ ނަޖިސް ހޮޅިއަކުން ނަޖިސް ލީކުވުމާ ގުޅިގެން ރަސްފަންނު ސަރަހައްދުގެ މޫދުން ކުރިންވެސް ގިނަ އަދަދަކަށް ވަނީ ނަޖިސް ފެނިފަ އެވެ.
މާލެ އިން ބޭރުކުރާ ނަޖިހާއި އައިޖީއެމްއެޗުން ބޭރުކުރާ ކެމިކަލްތައް ބޭރުކުރަނީ މާލޭގެ ހުޅަނގު ފަރާތު މޫދަށްވާ ގޮތަށް ބާލާފައިވާ ހޮޅިތަކުންނެވެ. އެހެންކަމުން މާލޭގެ ހުޅަނގު ފަރާތުގައި ރަސްފަންނު ބީޗް ހެދިއިރުވެސް އެ ސަރަހައްދުގައި ހަދާ ބީޗަށް މޫދަށް އެރުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް ބައެއް ފަރާތްތަކުން ދިޔައީ ބުނަމުންނެވެ. ނަމަވެސް ސަރުކާރުން އޭރު ބުނީ އެސަރަހައްދުގައި ނަޖިސް ބޭރުކުރަން މޫދަށް ބާލާފައި ހުރި ހޮޅިތައް ބީޗް ސަރަހައްދާ ދުރަށް ޖެއްސުމަށްފަހު ނަޖިހުގެ އަސަރު ނުކުރާ ގޮތް ހަދާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ