ޤާސިމް ގެންގުޅުއްވަނީ ޤައުމާއި ރައްޔިތުން ބިނާކުރުމުގެ ވިސްނުން: ސައުދު

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމަކީ އަބަދުވެސް ޤައުމާއި ރައްޔިތުން ބިނާކުރުމުގެ ވިސްނުންފުޅުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއްކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަޙްމަދު ސަޢުދު ވިދާޅުވެއްޖެ އެވެ. 
ސައުދު މިފަދައިން ވިދާޅުވެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޤާސިމަށް ވޯޓުދޭންވީ ސަބަބު ބަޔާންކޮށް ކުރެއްވި ޓްވީޓެއްގަ އެވެ. 
ރިޔާސީ އިންތިޚާބުގައި ޖޭޕީ އިސްވެ ހަދާ ކޯލިޝަނަކާއެކު ވާދަކުރުމަށް އެ ޕާޓީގެ ގައުމީ ކޮންފަރެންސްއިން ފާސްކުރުމާއި ގުޅިގެން އަދި ޖޭޕީގެ ރިޔާސީ ކެންޑިޑޭޓަކީ ޤާސިމްކަމަށް ކަނޑައެޅުމާއި ގުޅިގެން ސަރުކާރުގެ ތެެރެއިން އަންނަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުން ނެވެ. 
Advertisement
ޤާސިމަކީ މިހާރު ވެރިކަން ކުރަމުންދާ ކޯލިޝަން ސަރުކާރުގެ މުހިންމު ހިއްސާދާރަކަށް ވެފައި، މިހާތަނަށް މި ކޯލިޝަން ސަރުކާރުން ދަމަހައްޓާފައި ވާއިރު، އަންނަ ރިޔާސީ އިންތިޚާބުގައިވެސް މި ކޯލިޝަނާއެކު ކުރިއަށް ވަޑައިގަތުމަކީ އެންމެ ފައިދާހުރި ގޮތްކަމަށް ސަރުކާރަށް ތާއީދު ކުރައްވާ ބައެއް މެމްބަރުން ދަނީ ވިދާޅުވަމުން ނެވެ. 
އެހެން ނަމަވެސް ޖުމްހޫރީ ޕާޓީން ވަނީ ވަކިން ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމާފަ އެވެ. އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އޭނާގެ ފިކުރެއްގެ ދިރުން ގޮފީގެ މެމްބަރު ވަނީ ޤާސިމަށް ތާއީދުކުރާކަން އިއުލާނުކޮށްފަ އެވެ. 
ސިޔާސީ މައިދާނުގައި އެތައް ދުވަހެއް ވަންދެން މަސައްކަތްޕުޅު ކުރައްވާފައިވާ، އަދި ރިޔާސީ އިންތިޚާބުތަކުގައިވެސް ވާދަކުރައްވަމުން ގެންދަވާ ޤާސިމް އިބްރާހިމްއަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދިނުމަކީ މުހިންމު ކަމެއްކަމަށް ޖުމްހޫރީ ޕާޓީން ދަނީ ބުނަމުންނެވެ. 
ފެހި ޤާނޫނު އަސާސީ ވުޖޫދުވިފަހުން އުފެދުނު ކޮންމެ ވެރިކަމެއް އުފެދިފައިވަނީ ޤާސިމްގެ ހިއްސާއާއި އެއްކޮށް ކަމަށްވާއިރު، ޖުމްހޫރީ ޕާޓީއަށް ސަރުކާރު ހިންގުމުގެ ބާރު ދިނުމަކީ ރައްޔިތުން ނިންމާ ޖެހޭ މުހިންމު ނިންމުމެއްކަމަށް އެ ޕާޓީން ދަނީ ވަކާލާތު ކުރަމުންނެވެ. އަދި އަންނަ ރިޔާސީ އިންތިޚާބަކީ އެފަދައިން އެ ނިންމުން ނިންމުމަށް ލިބޭނެ ފަހި ފުރުސަތެއްކަމަށްވެސް އެ ޕާޓީން ދަނީ ބުނަމުންނެވެ. 
ޤާސިމާއި ގުޅޭގޮތުން ސައުދު ވިދާޅުވީ ޤާސިމަކީ އަބަދުވެސް ރައްޔިތުން ބިނާކުރުމުގެ ވިސްނުންފުޅުގައި މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ލީޑަރެއް ކަމަށެވެ. އެހެންކަމުން ރިޔާސީ އިންތިޚާބުގައި ޤާސިމަކީ ރަނގަޅު "ޗޮއިސް" އަކަށް ވާނެކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ