ޔާމީނަށް ވެރިކަން ހޯދައިދިނުމުން ދިން ހަދިޔާއަކީ އަޅުގަނޑާއި ދަރީން ޖަލަށްލައި ވިޔަފާރީގައި ލޮކްއެޅުވުން: ގާސިމް

ދެހާސް ތޭރަވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި، ރައީސް ޔާމީނަށް ވެރިކަން ހޯދައިދިނުމުން ދިން ހަދިޔާއަކީ، ގާސިމް އާއި އޭނާގެ ދަރިން ޖަލަށްލައި، ވިޔަފާރީގައި ލޮކް އެޅުވުން ކަމަށް، އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރައްވާ އެ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ކެމްޕެއިން ދަތުރުގައި ށ. ފުނަދުއަށް ވަޑައިގެން އެރަށުގެ ސަޕޯޓަރުންނާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، "އަޅުގަނޑުމެން 2018 ގައި އިންތިހާބަށް ނިކުންނަން ތައްޔާރުވަމުން އަންނަނިކޮށް، އޭރު ވެރިކަމަށް ކުރިމަތިލައިފާނެހެން ހީވާ ކޮންމެ މީހަކުވެސް ލަމުން އައީ ޖަލަށް، ޕީޕީއެމްގެ ވެރިކަމުގައި، އަޅުގަނޑުމެން ވެރިކަން ހޯދައިދިނީމާ އަޅުގަނޑުމެންނަށް ދިން ސަޔަކީ އެއީ، ނޫނީ ދިން ހަދިޔާއަކީވެސް އެއީ އަޅުގަނޑާއި އަޅުގަނޑުގެ ދަރިންނާއި، އަޅުގަނޑުގެ މުޅި ވިޔަފާރިވެސް ލޮކް އަޅުވައިލީ،" ކަމަށެވެ.
ގާސިމް ވިދާޅުވީ، އޭރުވެސް ޖަލަށްލީ ހައްގުބަސް ބުނަމުން ދިއުމުގެ ސަބަބުން އެމީހުންނަށް ކެތް ނުކުރެވިގެން ކަމަށެވެ. ނަމަވެސް އެ ދުވަހު ބުނީ ހައްގުބަސްކަން މިއަދު އެނގިގެންދާ ކަމަށާއި، އެދުވަހު ގޯސްކޮށް ކަންތައްތަކެއް ހިނގާފައިވާކަން މިހާރު އެނގެން އެބަހުރިކަމަށްވެސް ވިދާޅުވިއެވެ. ހަމަ އެގޮތަށް މިހާރުވެސް ސަރުކާރުން ގޯސް ކަންތައްތަކެއް ކުރާ ވާހަކަ ދައްކަން ފެށީ އެކަންތައްތަކާބެހޭ މައުލޫމާތު ލިބިގެން ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
"މިހާތަނަށް އަޅުގަނޑު ހަމަ އަނގައިން ނުބުނެ ހުރީނޫންތޯ، އަޅުގަނޑުމެންގެ ކޯލީޝަން ޕާޓްނަރުކަމަށްވާތީ، އަޅުގަނޑުމެން ތިބީތާ، އެހެންނަމަވެސް ކެތް ނުކުރެވޭ ހިސާބަށް ދިޔައިމަ ގައުމުގެ މިނިވަންކަމާ އިސްތިގުލާލު ގެއްލޭ ހިސާބަށް ދިޔައިމަ ދެން އަޅުގަނޑުމެނަށް ކުރެވޭނެ އެއްވެސް ކަމެއްނެތީމަ ދެން އަޅުގަނޑުމެނަށް ޖެހޭނީ ހައްގުގެބަސް ބުނަން ނިކުންނަން ހަމަ ކުރީގަވެސް އެކަންކުރި ފަދައިން،"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ގާސިމް ވަނީ، އިންޑިއާއިން ރާއްޖޭގެ މިނިވަންކަމަށް ނުފޫޒު ފޯރުވަމުން ގެންދާ ކަމަށް ތުހުމަތު ކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ