ބޭރުގައި އުޅެން ނުވާވަރަށް ދިއްލީގެ ވައި ނުސާފުވެއްޖެ
އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ނުސާފުވެއްޖެއެވެ. ސެންޓްރަލް ޕޮލިއުޝަން ކޮންޓްރޯލް ބޯޑު (ސީޕީސީބީ) އިން ބުނީ ވައިގެ ސާފުކަން މިންކޮށްދޭ އެއާ ކޮލިޓީ އިންޑެކްސް (އޭކިޔުއައި) މިއަދު ހެނދުނު ހުރީ 462 ގައި ކަމަށެވެ. އެއީ، ނުރައްކަލުގެ ރަތް ސަމާލު ލެވެލް ކަމަށްވާއިރު، އޭކިޔުއައި މޮނިޓާ ކުރާ ދިއްލީގެ 40 މޮނިޓަރިން ސްޓޭޝަނުންވެސް ވަނީ ރަތް ސަމާލު ނެރޭ މިންވަރަށް ވައި ނުސާފުވެފައިވާ ކަމަށް ދައްކާފައެވެ. އެގޮތުން ދިއްލީގެ ހުޅަނގު އުތުރުގައި ހުންނަ ރޯހިނީގެ އޭކިޔުއައި 499 ގައި ހުރި ކަމަށް ރެކޯޑްކޮށްފައިވާއިރު، ޖަހަންގިރްޕޫރީ އާއި ވިވެކް ވިހާރުގެ އޭކިޔުއައި ހުރީ 495 ގައެވެ. ދިއްލީގެ ބައެއް އެހެން ސަރަހައްދުތަކުގައިވެސް ދުން ފިނީގެ ސަބަބުން ފެނުން ދަށް ކަމަށް ރިޕޯޓްކޮށްފައިވެއެވެ. ހެނދުނު ހައެއް ޖެހިއިރުވެސް ދިއްލީގެ ޕަޓްޕަރުގަންޖުން އުޅަނދުތަކުގައި މީހުން ދަތުރުކޮށްފައި ވަނީ ހެޑް ލައިޓް ދިއްލައިގެން ވަރަށް މަޑުމަޑުން ކަމަށް އެންޑީޓީވީން ރިޕޯޓުކޮށްފައިވެއެވެ. އެ ސަރަހައްދުގެ އޭކިޔުއައި ހުރީ 488 ގައެވެ. ހެނދުނު 6 ޖެހިއިރު ދިއްލީގެ މަގެއް ފެންނަ ގޮތް. ފޮޓޯ/އެންޑީޓީވީ ސީޕީސީބީން ބުނާ ގޮތުގައި އޭކިޔުއައި 0 އާއި 50 ދެމެދު ހުންނަ ނަމަ، އެއީ 'ރަނގަޅު' މިންވަރެކެވެ. ފަންސާސް އެކަކާއި 100 އާއި ދެމެދު ހުންނަ ނަމަ، އެއީ 'ހިތްހަމަޖެހޭ' މިންވަރެއް ކަމަށާއި، 101 އާއި 200 އާއި ދެމެދު ނަމަ، އެއީ 'މެދުމިނެއް' ކަމަށާއި 201 އާއި 300 އާއި ދެމެދު ނަމަ 'ދަށް' މިންވަރެއް ކަމަށް ބަލާއިރު، 301 އާއި 400 އާއި ދެމެދު ނަމަ 'ވަރަށް ދަށް' ކަމަށް ބަލާ ކަމަށެވެ. އަދި އޭކިޔުއައި 401 އާއި 500 އާއި ދެމެދު ނަމަ އެއީ 'ސީރިއަސް' މިންވަރެއް ކަމަށް އެ އިދާރާއިން ބުނެއެވެ. މިއިން ކޮންމެ ކެޓަގަރީއަކުން ވެސް ވައި ތަޣައްޔަރުވުމުގެ މިންވަރު ދައްކާދޭއިރު، އެއާ ގުޅިގެން ދިމާވެދާނެ ސިއްޙީ ނުރައްކާތައް ހުރެއެވެ. މިސާލަކަށް 'ސީރިއަސް' ކެޓަގަރީގައި ހިމެނޭ އޭކިޔުއައި އަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބި މީހުންނަށް ވެސް ނުރައްކާތެރި މިންވަރަކަށް ވާތީ، ބޭރަށް ނުކުމެ ނޫޅެން ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ. މި ދުވަސްވަރަކީ ރާއްޖޭގެ ވައި ވެސް ވަރަށް ބޮޑަށް ނުސާފުވެފައިވާ ދުވަސްވަރެކެވެ. އައިކިއު އެއާއިން މިއަދު ދައްކާ ގޮތުގައި، ރާއްޖޭގައި ޔޫއެސް އައިކިއުއައި ހުރީ 57 ގައެވެ. އެއީ، ނުރައްކަލުގެ ރީނދޫ ސަމާލު ލެވެލް ކަމަށްވާއިރު، ފައިން ޕާޓިކިއުލޭޓް މެޓާ ނުވަތަ ޕީއެމް2.5 ރާއްޖޭގައި ހުރީ، ކޮންމެ ކިއުބިކް މީޓާއަކަށް 12.9 މައިކްރޯގްރާމްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ