ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި، އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމަށް މަގުފަހިކުރާ ގޮތަށް، މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާގައި މި ބިލު ފާސްކުރަން ފެނޭތޯ ނެގި ވޯޓުގައި، މި ބިލު ފާސްވީ މަޖިލީހުގެ 65 މެންބަރުންގެ އިއްތިފާޤުންނެވެ.
މި އިސްލާޙުތަކުގެ އެންމެ ބޮޑު ބަދަލަކީ، ކަނޑައެޅިފައިވާ ވަކި މިންވަރަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމުގެ ބާރު ކޯޓުތަކަށް ލިބިގެންދިއުމެވެ.
މަޖިލީހުން ފާސްކުރި އިސްލާޙުތަކުގެ ދަށުން، 350 ގްރާމަށްވުރެ ގިނަ ކެނެބިސް، 250 ގްރާމަށްވުރެ ގިނަ ޑައިފޯމިން، ނުވަތަ 100 ގްރާމަށްވުރެ ގިނަ އެހެން ބާވަތެއްގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރާ މީހުންނަށް، އަދި އެތަކެތި ހިފައިގެން ރާއްޖެއަށް އެތެރެވާ މީހުންނަށް މަރުގެ އަދަބު ދެވޭނެއެވެ. ނަމަވެސް، މަރުގެ އަދަބު ދެވޭނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން އިއްތިފާޤުން ޙުކުމް ކުރުމުންނެވެ.
އިއްތިފާޤުން މަރުގެ ޙުކުމް ނުކުރެވޭނަމަ، އެފަދަ ކުށްވެރިން އުމުރަށް ޖަލަށްލުމުގެ އިތުރުން 100،000 ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި މިފަދަ ކުށްވެރިންނަށް އަބަދުވެސް މާފުކުރުމެއް ނުވަތަ ލުޔެއް ނުދެވޭނެ ކަމަށާއި، ޕެރޯލްގެ ދަށުންވެސް ދޫނުކުރެވޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.
މި ގާނޫނުގެ ދަށުން މަސްތުވާތަކެތި ޓްރެފިކްކޮށްގެން އަދި ވިޔަފާރިކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ އުސޫލުތައް ވެސް ވަނީ ކަނޑައަޅާފައެވެ. މިގޮތުން ކުށްކޮށްގެން ހޯދި މުދަލާއި ފައިސާ އާއި، ކުށްކޮށްގެން ހޯދާ މުދާ ނުވަތަ ކުށްކޮށްގެން ހޯދާ މުދަލުން ހޯދާ ފައިސާ، ކުށްކުރުމަށް ބޭނުންކުރި މުދަލާއި ފައިސާ، ކުށް ކުރުމަށް ބޭނުންކުރި މުދާ، ކުށްކޮށްގެން ހޯދާ މުދަލާއި އެކުލެވިގެން ހޯދާ ފައިސާ އާއި މުދާ އަދި ކުށްކޮށްގެން ސީދާގޮތުންނާއި ނުސީދާގޮތުން ހޯދާ މުދަލާއި ފައިސާވެސް ދައުލަތަށް ނެގޭނެ އުސޫލު ވަނީ މި ގާނޫނުގައި ބަޔާންކޮށްފައެވެ.
މި ބިލުގެ މައިގަނޑު މަޤްޞަދަކީ މަސްތުވާތަކެތީގެ ވިޔަފާރި އާއި ޓްރެފިކް ކުރުން ހުއްޓުވައި، ކުށްތައް މަދުކުރުމަށް ޤާނޫނު ތަންފީޒުކުރާ ފަރާތްތަކުގެ ބާރުތައް އިތުރުކުރުމެވެ. މީގެ އިތުރުން، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާދީ މުޖުތަމަޢަށް އަނބުރާ ރުޖޫޢަކުރުމަށްޓަކައި ނިޒާމު ހަރުދަނާކުރުމަށްވެސް މި އިސްލާޙުތަކުގައި ބާރު އަޅާފައިވެއެވެ.
އިސްލާޙުތަކުގެ ތެރޭގައި، ކަސްޓަމްސް އޮފިސަރުންނާއި ފުލުހުންނަށް މަސްތުވާތަކެތި ހުއްޓުވުމަށް ލިބިފައިވާ ބާރުތައް ވަނީ އިތުރަށް ހަރުކަށިކުރެވިފައެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
ޑްރަގް ވިޔަފާރިކޮށްގެން ހޯދާ މުދަލާ ފައިސާ ދައުލަތަށްނަގައި، ޑްރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ