ހުޅުމާލޭ ފަޅު ތެރޭ އަޅާފައި އޮތް ކަންނެލި ދޯންޏަކުން ހޯދި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ސާބިތުވެ، އުމުރަށް ޖަލަށްލާން ހުކުމްކޮށްފައިވާ ގއ. ވިލިނގިލީ، ލައިޓްހައުސް، ޝަހީބު އިބްރާހީމްގެ ޖަލު ހުކުމްގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
ޝަހީބުގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއަކާއި، ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ. އޭނާގެ މައްޗަށް ދައުލަތުން ކުރި ދެ ދައުވާއެއް ސާބިތުވެ، 25 އަހަރަށް ޖަލަށްލުމާއެކު، ދިހަ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރަން ހުކުމް އިއްވީ، މިދިޔަ ސެޕްޓެމްބަރު މަހުއެވެ.
2020 ވަނަ އަހަރު ކަނޑުމަގުން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ޝަހީބުގެ އިތުރުން 7 މީހަކު ހައްޔަރުކުރި ނަމަވެސް ފަހުން އެ އެންމެން ވަނީ ދޫކޮށްލާފައެވެ. އެ މައްސަލައިގެ ހުކުމް އިއްވަން ކްރިމިނަލް ކޯޓުން ބޭއްވި އަޑުއެހުމުގައި ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައި ވަނީ އެ ކަމުގައި އިސްކޮށް ހަރަކާތްތެރިވި ޝަހީބުގެ އިތުރުން ހއ. ހޯރަފުށީ، ވައިލެޓްވިލާ، އަހުމަދު މޫސާ، ގއ. ވިލިނގިލި، ދުންފިނިގެ، އަސީލް މާހިރު، ޅ. ހިންނަވަރު، ސެލް، އަނަސް ހުސައިންގެ މައްޗަށެވެ. އަދި މީގެ އިތުރުން ވެސް ބަންގްލަދޭޝްގެ އިގުބާލާއި އެ ގައުމަށް ނިސްބަތްވާ މުހައްމަދު ރިޔާދުގެ މައްޗަށް ވެސް ކުށް ވަނީ ސާބިތުވެފައެވެ.
މި މައްސަލައިގައި ޝަހީބުގެ މައްޗަށް ހުކުމް އިއްވުމުގެ ކުރިން އޭނާ ވަނީ ފިލާފައެވެ. 130 ކިލޯ މަސްތުވާތަކެތީގައި ހުރީ މެޓައެމްފިޓަމިން އާއި ހެރޮއިން ކަމަށްވާއިރު އެ މައްސަލައިގެ ޝަރީއަތަށް ހާޒިރު ނުވެގެން ޝަހީބު ފުލުހަށް ހާޒިރުކުރުމަށް އާންމުންގެ އެހީތެރިކަމަށްވެސް ވަނީ އެދިފައެވެ. އަދިޝަހީބު ފިލުވުމަށް އެހީތެރިވިކަމުގެ ތުހުމަތުގައި އޭނާގެ އަންހެނުން ހައްޔަރު ކުރުމުން، އޭނާ ވަނީ ފުލުހުންނާ އަމިއްލައަށް ހަވާލުވެފައެވެ.
25 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ޝަހީބުގެ ޖަލު ހުކުމްގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ