އާނޯލްޑް، ލިވަޕޫލާ ދެކޮޅަށް ފެނުމުގެ ފުރުސަތު އެބައޮތް އާނޯލްޑް، ލިވަޕޫލާ ދެކޮޅަށް ފެނުމުގެ ފުރުސަތު އެބައޮތް

މެޑްރިޑް (އޮކްޓޫބަރު 17) - މި ފަަހަރުގެ ޓްރާންސްފާ މާކެޓްގައި ލިވަޕޫލް ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވި އިނގިރޭސި ފުލްބެކް، ޓްރެންޓް އަލެކްސަންޑަ އާނޯލްޑް، ޗެމްޕިއަންސް ލީގުގައި ރެއާލުން ލިވަޕޫލް ދަނޑުގައި ކުޅޭ މެޗުގައި ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ހިލޭ ޓްރާންްސްފާއެއްގައި ރެއާލަށް ބަދަލުވާން އާނޯލްޑް، 27، އަށް ފުރުސަތު އޮއްވައި، ކޮންޓްރެކްޓް ހަމަވުމުގެ ކުރިން ކްލަބް ވޯލްްޑް ކަޕްގައި އޭނާ ލައްވައި ކުޅުވަން ބޭނުންވާތީ، ރެއާލުން ވަނީ 13 މިލިއަން ޑޮލަރު ދީފައި އެ ޓްރާންސްފާ އަވަސްކޮށްފަ އެވެ. ކްލަބް ވޯލްޑް ކަޕްގައި ރެއާލުން ކުޅުނު މެޗުތަކުގައި، އާނޯލްޑް ވަނީ ކުޅެފަ އެވެ.
އާނޯލްޑަށް އަނިޔާވީ، މިދިޔަ މަހު 16 ވަނަ ދުވަހު ޗެމްޕިއަންސް ލީގުގައި މާސޭއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗުގެ ފަސް ވަނަ މިނިޓްގަައި އާނޯލްޑް ބަދަލުކުރަން ޖެހުނީ މަސްގަނޑަށް ލިބުނު އަނިޔާއަކާ ހެދި އެވެ. އެހެންވެ، ހަ ހަފްތާ އަށް އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ރިޕޯޓްތަކުން ދެއްކި އެވެ.
ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އަންނަ މަހުގެ ހަތަރު ވަނަ ދުވަހު، ލިވަޕޫލް ދަނޑުގައި ރެއާލުން ކުޅޭ މެޗުގައި އާނޯލްޑް ފެނުމުގެ ފުރުސަތު އެބައޮތެވެ. އެ މެޗު އޮތީ، އާނޯލްޑް އަނިޔާވި ދުވަހުން ފެށިގެން ގުނާނަމަ، ބަރާބަރު ހަތް ހަފްތާ ހަމަވާ ދުވަހުގަ އެވެ.
ލިވަޕޫލް އެކަޑަމީން ސީނިއާ ޓީމަށް ޕްރޮމޯޓްވި އާނޯލްޑް ވަނީ އެ ޓީމަށް 354 މެޗު ކުޅެދީފަ އެވެ. ރެއާލަށް ބަދަލުވި ފަހުން މި ސީޒަނުގައި އާނޯލްޑް ވަނީ ފަސް މެޗުގައި ކުޅެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ