ރާއްޖޭގެ ތިމާވެށީގެ މައްސަލަތައް ހައްލުކުރަން ތަޖުރިބާކާރެއްގެ ގިނަ ޚިޔާލުތަކެއް

ރާއްޖޭއަށް ދިމާވާ ތިމާވެށީގެ މައްސަލަތައް ހައްލުކުރެވޭނެ ގިނަ ގޮތްތަކަކާއި ޚިޔާލުތަކެއް ތިމާވެށީގެ ދާއިރާގެ އ.ދ.ގެ ތަޖުރިބާކާރެއްކަމަށްވާ ޑޭވިޑް ބޯއިޑް ދެއްވައިފިއެވެ.
ސާފު ރައްކާތެރި ދެމެހެއްޓެނިވި ވެށްޓެއް ބިނާކުރުމަށް ރާއްޖެއިންކުރާ މަސައްކަތްތައް އޮބްޒަރވްކުރުމަށް އ.ދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ސްޕެޝަލް ޕްރޮސީޖަރސް ގުރޫޕުގެ ތަޖުރިބާކާރެއްކަމަށްވާ ޑޭވިޑް ބޯއިޑް ވަނީ ރާއްޖެއަށް 10 ދުވަހުގެ ދަތުރެއްކުރައްވާފައެވެ.
އޭނާގެ މި ދަތުރުގައި ރާއްޖެއަށް ދިމާވާ ތިމާވެށްޓާ ގުޅުންހުރި މައްސަލަތަކުން އަރައިގަތުމަށްކުރާ މަސައްކަތާއި ރާއްޖޭގައި ސާފު ބޯފެން ލިބޭ މިންވަރާއި އެކަންކަން ކުރުމަށް ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެއިންކުރާ މަސައްކަތްތައް އޮބްޒަރވްކޮށް މޮނިޓަރކޮށްފައިވެއެވެ.
އޮބްޒަވޭޝަން ނިންމުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ބޯއިޑް ވިދާޅުވީ 8 ރަށަކަށްކުރި ދަތުރުގައި ރާއްޖޭގައި ތިމާވެށީގެ ދާއިރާއިން ކުރިމަތިވެފައިވާ ގިނަ މައްސަލަތަކެއް ދެނެގަނެވިފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއަކީ ތިމާވެށީގެ ގޮތުން އެންމެ ނާޒުކު އެއް ޤައުމުކަން ފާހަގަކުރެއްވިއެވެ.
• ކަނޑުގެ ލޮނުގަނޑު އުފުލުން
• މުރަކަ ހުދުވުން
• ރަށް ގިރުން
• މޫސުމީ ތޫފާންތަކަށް ނާޒުކުވުން
• ޑީސަލް ބޭނުންކުރުން އެއްކޮށް ހުއްޓާލުން
• އިލެކްޓްރޯނިކް އުޅަނދު ބޭނުންކުރުން
• ބިން ހިއްކުމުގެ މަޝްރޫޢުތައް ތިމާވެށްޓަށް ގެއްލުންނުވާނެހެން ހިންގުން
• ތިމާވެށީގެ ކަންކަމާގުޅޭ ޤާނޫނުތައް ހަދައި އަވަހަށް ޢަމަލުކުރަން ފެށުން
މީގެ އިތުރުން އ.ދ.އިން ހިފާފައިވާ އަމާޒާ އެއްގޮތަށް 2030 ވަނަ އަހަރު އައުމުގެ ކުރިން ކޮންމެ ޤައުމެއްގެވެސް ބިމާއި ކަނޑުން 30 އިންސައްތަ ތިމާވެށީގެ ގޮތުން ރައްކާތެރިކުރުމުގެ އަމާޒަށް ވާޞިލްވުމަށް ރާއްޖެއިން ވަރަށް ބޮޑަށް މަސައްކަތްކުރަންޖެހޭކަމަށް ބޯއިޑް ވިދާޅުވިއެވެ.
"ރާއްޖޭގައި ކުނި މެނޭޖްކުރާ ގޮތް ވޭސްޓް މެނޭޖްމެންޓް އެކްސްޓެންޑެޑް ޕްރޮޑިޔުސަރ ރެސްޕޮންސިބިލިޓީ ނިޒާމަކަށް ބަދަލުކުރަންޖެހޭ. ތިމާވެށްޓާ ގުޅޭ ވަރަށް ރަނގަޅު ބިލުތައް މަޖިލީހުގައި އެބަހުރި. މި ބިލްތައް ވީހާވެސް އަވަހަކަށް ޤާނޫނަކަށްވެ ބިލްތަކަށް ޢަމަލުކުރަން ފެށެންޖެހޭ." ޑޭވިޑް ބޯއިޑް ވިދާޅުވިއެވެ.
ބޯއިޑް ވަނީ ރާއްޖޭގައި ހޭދަކުރި ދުވަސްތަކުގައި ތިމާވެށީގެ ގޮތުން ފާހަގަވި މައްސަލަތައް ހައްލުކުރެވޭނެ ގޮތްތައް ހިމެނޭ ރިޕޯޓެއް ސަރުކާރަށް ހުށައަޅުއްވާނެކަމަށް ވިދާޅުވެފައެވެ.
މި ދަތުރުގައި ބޯއިޑް ވަނީ ސަރުކާރުގެ އިސް ބޭބޭފުޅުންނާއި އިޖުތިމާޢީ ޖަމިއްޔާތަކާއި ތިމަވެށީގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާ ބައްދަލުކުރައްވާފައެވެ.
ސްޕެޝަލް ޕްރޮސީޖަރސްއަކީ އ.ދގެ ހިއުމަން ރައިޓްސް ކައުންސިލްގެ ގޮތްޕެކެވެ. ސްޕެޝަލް ޕްރޮސީޖަރސްގައި ހިލޭސާބަހަށް ޤައުމުތަކުގެ ހާލަތާއި ދިމާވާ އެކި ކަހަލަ މައްސަލަތައް މޮނިޓަރކުރާ ދާއިރާތަކުގެ ތަޖުރިބާކާރުން މަސައްކަތްކުރެއެވެ. މި ތަޖުރިބާކާރުން މޭންޑޭޓަކާއެކު ޤައުމުތަކަށް ފޮނުވުމަށް އައްޔަންކުރަނީ އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ