މާރިޗުމަހު ޒަކާތު ފަންޑުން 59 މީހަކަށް ބޭސްފަރުވާގެ އެހީ

މިދިޔަ މާރިޗު ޒަކާތު ފަންޑުން ބޭސްފަރުވާ ކުރުމަށް 59 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ މާރިޗު މަހުގެ ތަފާސް ހިސާބު ރިޕޯޓް މިހާރު ވަނީ އާންމުކޮށްފައެވެ. އެ ރިޕޯޓުން ދައްކާ ގޮތުގައި ސިއްހީ ކަންކަމުގެ އިތުރުން ޒަރޫރީ އެހީ އާއި ސްކޮލަރޝިޕަށްވެސް ޒަކާތު ފަންޑުން ވަނީ ޚަރަދުކޮށްފައެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޒަކާތު ފަންޑުން މައިގަނޑު ހަތަރު ދާއިރާއަކުން ބޭސްފަރުވާގެ އެހީ ވަނީ ފޯރުކޮށްދީފައެވެ. އެއީ ކެންސަރު ބައްޔާއި ހިތުގެ އޮޕަރޭޝަނާއި ޓްރާންސްޕްލާންޓް އަދި ސިކުނޑީގެ އޮޕަރޭޝަންތަކަށެވެ.
ކެންސަރ- 190،882.5ރ.
ހިތުގެ އޮޕަރޭޝަން- 8،481ރ.
ޓްރާންސްޕްލާންޓް- 25،443ރ.
ސިކުނޑީގެ އޮޕަރޭޝަން- 180،407.50ރ.
އެހެނިހެން- 279،872.50ރ.
ޒަކާތު ހައުސްއިން ބުނެފައިވާ ގޮތުގައި މާރިޗުމަހު އެހީގެ ގޮތުގައި 685،026.19 ރުފިޔާ ހަމަޖެހިފައި ހުރި ނަމަވެސް އެހީގެ ގޮތުގައި 878،682.88 ރުފިޔާ ޚަރަދު ކުރެވުނު ކަމަށެވެ. މި ޚަރަދުތަކުގެ ތެރޭގައި މިއަހަރުގެ ފެބްރުއަރީމަހު އެހީ ހަމަޖެހިފައިވާ މީހުންނަށް ފޯރުކޮށްދިން އެހީވެސް ހިމެނޭކަން ޒަކާތު ހައުސުން ފާހަގަކުރެއެވެ.
ޒަރޫރީ އެހީގެ ގޮތުގައި ޒަކާތު ފަންޑުން އެހީ ފޯރުކޮށްދެނީ ހާއްސަ ހާލަތްތައް މެދުވެރިވެގެން ހާލުގައި ޖެހޭ ފަރާތްތަކަށެވެ. އެގޮތުން، މިދިޔަ މާރިޗު މަހު އެފަދަ ފަރާތްތަކަށް ޖުމްލަ 17،207.65 ރުފިޔާ ޚަރަދު ކުރިކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
މީގެ އިތުރުން 2018 ވަނަ އަހަރު ސްކޮލަރޝިޕް އެވޯޑު ކުރެވިފައިވާ ދަރިވަރުންގެ ތެރެއިން ކިޔަވަމުންދާ ދަރިވަރަކަށް ކޯސް ފީ އަދި ސްޓައިޕެންޑް ދިނުމަށް 44،563.80 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި އިދާރީ މުވައްޒަފުންގެ އުޖޫރައިގެ ގޮތުގައި ޚަރަދު ކުރެވިފައިވަނީ 374،950.28 ރުފިޔާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ސަރުކާރުން އިދާރާއެއް އުފައްދަވާފައިވަނީ ރާއްޖޭގައި ޒަކާތާމެދު ހޭލުންތެރިކަން އުފައްދާ ޒަކާތް ބަލައިގަތުމުގެ މަސައްކަތް ހަރުދަނާކުރުމުގެ ބޭނުމުގައެވެ. މި އިދާރާ އުފައްދަވާފައިވަނީ ނިމިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 18 ވަނަ ދުވަހުއެވެ. އަދި އިދާރާ އިފްތިތާޙްކޮށްފައިވަނީ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ