ސަރުކާރުގެ 5 މަސްދުވަހުންވެސް ބްރިޖް މަޝްރޫއަށް ލިބުނީ ބޮޑު ކުރިއެރުމެއް: ރައީސް

މި ސަރުކާރުގެ 5 މަސްދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖްގެ މަޝްރޫއަށް ލިބުނީ ބޮޑު ކުރިއެރުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ބްރިޖްގެ މަސައްކަތް ބައްލަވާލެއްވުމަށްފަހު މީޑިއާއަށް މައުލޫމާތުދެއްވަމުންނެވެ.
ތިލަމާލެ ބްރިޖް ނިންމަން އޮތް ޝެޑިއުލަށްވުރެ ވަރަށް ބޮޑަށް ލަސްވެ މި ސަރުކާރު ހަވާލުވިއިރު މި މަޝްރޫއުއޮތީ ވަރަށް ބޮޑަށްވެސް ފަހަތައް ގޮއްސައެވެ. ނަމަވެސް މި މަޝްރޫއަކީ ރައްޔިތުންނާއި ވަރަށް ބޮޑަށް ގުޅިފައިވާ މުހިންމު މަޝްރޫއަކަށް ވުމުގެ ސަބަބުން ސަރުކާރުން ދަނީ މިހާރު މަޝްރޫއު އަވަސްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ބްރިޖްގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށްފަހު ރައީސް ވިދާޅުވީ، މުޅި މަޝްރޫއުގެ %36 މިހާރު ނިމިފައިވާކަމަށެވެ. ސަރުކާރު ބަދަލުވެގެން އައިއިރު ކުރިއަށްދިޔަ ސްޕީޑަށްވުރެ ބާރު ސްޕީޑްގައި ގާތްގަނޑަކަށް %7 ކުރިއެރުމެއް މިދިޔަ 5 މަހުގެ ތެރޭގައި ލިބިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
"ޕްރޮޖެކްޓް މިހާރު އޮތްގޮތުން އޮރިޖިނަލީ އަޅުގަނޑުމެންނާއި ހަވާލުވިއިރުގައި ގޮއްސައޮތް ހިސާބަށް ބަލާއިރުގައި ނިމެން އޮތް ވަރު އެއީ ވިލިނގިއްޔާއި ހަމައަށް ނިމެންއޮތީ 2025 ގެ ނިޔަލަށް. ގުޅީފަޅުގެ ކޮޅާއި ހަމައަށް މުޅި ޕްރޮޖެކްޓް ނިމެން އޮތީ 2026 ގެ މާރޗްއަށް. އެހެންނަމަވެސް މިހާރު މި ސްޕީޑް ގެއިން ކުރެވެމުންދާ ވަރަށް އަދި އިތުރަށް އެބަ މަސައްކަތް ކުރެވޭ އިތުރު އާލާތްތައް ގެނެސް އަވަސްކޮށް އަދި އަވަސް ކުރެވެން ހުރި ހުރިހައި ކަމެއް ކުރުމަށް. އަޅުގަނޑު ވަރަށް ބޮޑު އުންމީދެއްގައި މިހުރީ އިރާދަކުރެއްވިއްޔާ މިއަންނަ އަހަރުގެ ނިޔަލަށް." ރައީސް ވިދާޅުވިއެވެ.
މުޅި ޕްރޮޖެކްޓް މި ސަރުކާރު ހަވާލުވިއިރަށްވުރެ 3 މަސްދުވަސް އަވަހަށް ނިންމާލެވޭތޯ މަސައްކަތް ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. ބްރިޖް މަސައްކަތުގެ 300 އަށްވުރެ ގިނަ އެލަމަންޓްސް މިހާރުވެސް ހުރީ ސްޕަސްޓަރަކްޗަރގައި ކާސްޓް ކޮށްފައިކަމަށް ރައީސް ވިދާޅުވިއެވެ.
މި ސަރުކާރާއި ހަވާލުވި ހިސާބުން ޕްރޮޖެކްޓް ބާރަށް ކުރިއަށްގެންދާކަމަށާއި، ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ފައިދާވާ މިކަހަލަ ހުރިހައި ޕްރޮޖެކްޓްތަކަކީ ކުރިއަށްވުރެ މާ ބާރުސްޕީޑްގައި ކުރިއަށްގެންގޮސް، އޭގެ ނަތީޖާ މާ ރަނގަޅަށް ނެރެދޭ ރަނގަޅު މަޝްރޫއުތަކެއްގެ ގޮތުގައި ކުރިއަށްގެންގޮސް ނިންމުންކަމަށް ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ