ނަޝީދަށް ދިން ހަމަލާގެ ޝަރީއަތް އަވަސް ކުރަން މަޖިލީހުން ގޮވާލައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލައާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން ހަދާފައިވާ އިންކުއަރީ ރިޕޯޓަށް ފުރިހަމައަށް އަމަލުކުރަން އެދިވަޑައިގަންނަވާ ކަމަށް މަޖިލިސް ރައީސް މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށްގެން ނަޝީދަށް ހަމަލާދީފައި ވަނީ މޭ 6، 2021 ގައެވެ. އައިއީޑީ ގޮއްވާލާފައި ވަނީ އެމަނިކުފާނު ގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރުއްވަން ވަޑައިގަންނަވަނިކޮށް ރިމޯޓެއް ބޭނުންކޮށްގެންނެވެ. އެ ހާދިސާގައި އެމަނިކުފާނަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާއިރު އަދިވެސް އިންސާފެއް ނުލިބެ އެވެ.މި ހާދިސާއަށް މިއަދު ތިން އަހަރު ފުރިފައިވާތީ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ ޝަރީއަތް އަވަސް ކުރަން ގޮވާލައްވާފަ އެވެ. "މަޖިލީހުގެ ނަމުގައި އެދެނީ އެކަމާ ގުޅޭ ގޮތުން ތައްޔާރުކޮށް އާންމު ކޮށްފައިވާ އިންކުއަރީ ރިޕޯޓުގައި ހިމެނިފައިވާ ރިކޮމެންޑޭޝަންތަކަށް ވީހާ ވެސް އަވަހަށް ފުރިހަމަ އަށް އަމަލު ކުރުން،" އަސްލަމް ވިދާޅުވި އެވެ.ރާއްޖެއިން ހަރުކަށި ފިކުރާއި އަނިޔާވެރިކަން އެއްކޮށް ނައްތާލަން ޖެހޭ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.މަޖިލިސް ރައީސްގެ މަގާމުގައި ހުންނަވަނިކޮށް ނަޝީދަށް ދިން ހަމަލައިގެ ސަބަބުން އެ މަނިކުފާނަށް ބޮޑެތި އަނިޔާތަކެއް ވެ، ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހިވަޑައިގަތެވެ. އަދި އެ އާލާސްކަންފުޅުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި އެވެ.ނަޝީދަށް ހަމަލާ ދީފައި ވަނީ ވަރަށް ބޮޑަށް ފާރަލައި އޭގެ ކުރިން ދެ ފަހަރަކު އައިއީޑީ ގޮއްވާލަން މަސައްކަތް ވެސް ކުރުމަށްފަހު އެވެ. އެކަމުގެ ފަހަތުގައި ތިބީ ހަރުކަށިފިކުރުގެ މީހުން ކަމަށް ބުނެ 10 މީހަކަށް ވަނީ ދައުވާ ވެސް ކޮށްފަ އެވެ. ދައުލަތުން އެ މައްސަލާގައި ދައުވާކުރަނީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ އިތުރުން މ. ކުދެހިގޭ އިސްހާގާއި އއ. މާޅޮސް، އަސަރީގޭ މުހައްމަދު ނާޒިމްގެ މައްޗަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ