ރާއްޖޭގެ ޓީޓީ އަމްޕަޔަރު ޔާމީނަށް ބްލޫ ބެޖް

ރާއްޖޭގެ ޓޭބަލް ޓެނިސް (ޓީޓީ) އަމްޕަޔަރު މުޙައްމަދު ޔާމީން، އިންޓަރނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އިން ދޭ ބްލޫ ބެޖް ހާސިލުކޮށްފިއެވެ.
ޔާމީން އަކީ ބްލޫ ބެޖް ހާސިލުކުރި ރާއްޖޭގެ ފުރަތަމަ ޓީޓީ އަމްޕަަޔަރެވެ. އަދި ދެކުނު އޭޝިއާ ސަރަހައްދަށް ބަލާއިރު، މީގެ ކުރިން ބްލޫ ބެޖް ހާސިލުކޮށްފައިވަނީ ހަމައެކަނި އިންޑިއާގެ އަމްޕަޔަރުންނެވެ. އެހެންކަމުން ޔާމީންގެ ކާމިޔާބާއެކު އެ ލިސްޓަށް ރާއްޖޭގެ ނަން މިވަނީ އިތުރުވެފައެވެ.
އައިޓީޓީއެފްއިން ބެޖް ދިނުމުގައި ތިން ފަންތިއެއް ކަނަޑައަޅާފައިވާއިރު، އެންމެ ފުރަތަމަ ދެނީ ވައިޓް ބެޖެވެ. އަދި އޭގެ ފަހުން ބްލޫ ބެޖް ދޭއިރު، އެންމެ މަތީ ފަންތިއަކީ ގޯލްޑް ބެޖެވެ. ގޯލްޑް ބެޖް ތައާރަފުކޮށްފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ.
ޔާމީން ބްލޫ ބެޖް ހާސިލުކުރިއިރު، އޭނާ ރަސްމީކޮށް ޓީޓީ އަމްޕަޔަރުކަން ކުރަން ފެށީ 2008 ވަނަ އަހަރު ބޭއްވި ބޭސިކް އަމްޕަޔަރު ކޯހާ ހަމައިންނެވެ. އޭގެ ފަހުން 2016 ވަނަ އަހަރު ޔާމީން ވަނީ ވައިޓް ބެޖް ހާސިލުކޮށްފައެވެ.
ޔާމީން ވަނީ މަލްޓި ސްޕޯޓްސް ގިނަ ގޭމްސްތަކެއްގެ ޓީޓީ އިވެންޓުތަކުގައި އަމްޕަޔަރުކަން ކޮށްފައެވެ. އެ ގޮތުން 2019 ވަނަ އަހަރު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި މިދިޔަ އަހަރު މަޑަގަސްކަރައިގައި ބޭއްވި ގޭމްސްގެ އިތުރުން 2022 ވަނަ އަހަރު ތުރުކީގެ ކޮންޏާގައި ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސް ހިމެނެއެވެ. މީގެ އިތުރުން 2017 ވަނަ އަހަރު ސްރީ ލަންކާގައި ބޭއްވި ސައުތު އޭޝިއަން ޖޫނިއަރ އެންޑް ކެޑޭޓް ޗެމްޕިއަންޝިޕާއި، 2018 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސައުތު އޭޝިއާ ޖޫނިއަރ މުބާރާތާއި، ގަތަރުގައި 2021 ވަނަ އަހަރު ބޭއްވި އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ