ގާފަރު ފަޅުން ޓޫރިޒަމްގެ ބިޔަ މަޝްރޫއަކަށް 16 ރަށް ހިއްކަނީ

ޓޫރިޒަމްގެ ބިޔަ މަޝްރޫއަކަށް ކ. ގާފަރު ފަޅުގައި 16 ރަށް ހިއްކުމަށް މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ބަޔަކާ ހަވާލުކޮށްފި އެވެ.
އެމްއެފްއެމްސީ އިން މި މަސައްކަތް ހަވާލުކޮށްފައިވަނީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ އެޓޯލް ވޯކްސް ޕްރައިވެޓް ލިމިޓެޑާ އެވެ.
މި އެއްބަސްވުމުގެ ދަށުން ގާފަރު ފަޅުގައި 14 ޕްރައިވެޓް އައިލެންޑް އަދި ދެ ލަގްޒަރީ ރިސޯޓު ތަރައްގީ ކުރާނެ ކަމަށް އެމްއެފްއެމްސީން ބުނެ އެވެ. އަދި ގާފަރުގައި އިތުރު 40 ހެކްޓަރުގެ ބިންވެސް ހިއްކާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
ޖުމްލަ 106.91 ހެކްޓަރުގެ ބިން ހިއްކާ މި ބިޔަ މަޝްރޫއަކީ ކާފު އަތޮޅުގައި މިފަދަ ގޮތަކަށް އެއް ފަޅެއްގައި މިހާ ބައިވަރު ރަށްތަކެއް ހިއްކާ އެންމެ ފުރަތަމަ މަޝްރޫޢު އެވެ.
ރަށްތައް ހިއްކައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތަށް ޖުމްލަ 36 މިލިއަން އެމެރިކާ ޑޮލަރު ހަރުދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މީގެ ތެރިން، ހިއްކުމުގެ މަސައްކަތަށް 3،747،792 ކިއުބިކް މީޓަރުގެ ވެލި ބޭނުންވާނެކަމަށް އަންދާޒާ ކުރެވޭ ކަމަށާއި، ކިއުބިކް މީޓަރަކަށް 7.8 ޔޫ.އެސް ޑޮލަރުގެ ރޭޓުން، ޖުމްލަ 29،232،774 ޔޫއެސް ޑޮލަރު ޚަރަދުވާނެކަމަށް ބެލެވޭ ކަމަށް އެމްއެފްއެމްސީން ބުނެ އެވެ.
މި އަދަދަކީ ރާއްޖޭގައި މިވަގުތު ހިންގަމުންދާ ހިއްކުމުގެ މަޝްރޫޢުތަކަށް ދާ ޚަރަދަށްވުރެ ވަރަށް ކުޑަ އަދަދެއް ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ