ބެކް ޓު ސްކޫލް ޕްރޮގްރާމަށް ދިރާގުން އެހީ ވަނީ

މުޖުތަމައުގައި އެހީއަށް ބޭނުންވެފައި ތިބި އާއިލާތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން މަމްސް އެއިޑްގެ "ބެކް ޓު ސްކޫލް 2024" ޕްރޮގްރާމުގައި ދިރާގުން ބައިވެރިވެއްޖެ އެވެ.
"ބެކް ޓު ސްކޫލް 2024" ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ދިރާސީ އާ އަހަރު ފެށޭއިރު މުޖުތަމައުގައި އެހީއަށް ބޭނުންވެފައި ތިބި އާއިލާތަކުގެ ތެރެއިން ހާއްސަކޮށް އެކަނިވެރި މައިންނަށް އެއްބާރުލުން ދިނުމެވެ.
މި މައިންގެ ތެރޭގައި ތަފާތު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިތުރުން ބަލި ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލަހައްޓާ މީހުންވެސް ހިމެނެ އެވެ.
މި ޕްރޮގްރާމްގެ ދަށުން މަމްސް އެއިޑްގެ ކެއާ ލިސްޓުގައި ހިމެނޭ އާއިލާތަކުގެ ތެރެއިން ދިރާސީ އާ އަހަރު ފެށޭއިރު ކުދިން ސްކޫލަށް ތައްޔާރުކުރުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ އާއިލާތަކުގެ ކުދިންނަށް ބޭނުންވާ ބޫޓު، އިސްޓާކީނު، ދަބަސް، ޔުނީފޯމް ސެޓް އަދި ސްޓޭޝަނަރީ ފޯރުކޮށްދެވޭނެ ކަމަށް ދިރާގުން ބުނެ އެވެ.
އެގޮތުން ދިރާގުގެ އެހީތެރިކަމާއެކު "ބެކް ޓު ސްކޫލް 2024" ޕްރޮގްރާމުގައި މަމްސް އެއިޑް ކެއާ ލިސްޓުގައި ހިމެނޭ ފައުންޑޭޝަން ސްޓޭޖުގެ -- ޕްރީ ސްކޫލް ލެވެލްގެ ދަރިވަރުންނަށް މިތަކެތި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް ދިރާގުން ބުނެ އެވެ.
މަމްސް އެންޖީއޯއަކީ މުޖުތަމައުގައި އެހީތެރިކަން ބޭނުންވެފައި ތިބި ގިނަ އާއިލާތަކަށް އެއްބާރުލުން ފޯރުކޮށްދޭ އެންޖީއޯއެކެވެ.
މަމްސް އެއިޑާއެކު ދިރާގުން ކުރިއަށްގެންދާ މި ޕާޓްނާޝިޕް މަގުސަދަކީ މި އާއިލާތަކަށް އެއްބާރުލުން ދިނުމާއި ހާއްސަކޮށް ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ މައިންނަށް އެހީތެރިކަން ފޯރުކޮށްދީ އެއްބައިވަންތަ މުޖުތަމައެއް ބިނާކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ