ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަން މިއަހަރު ނިމުމުގެ ކުރިން ބަދަލުކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ހިތަދޫ ދެކުނު ދާއިރާގެ ބައިއިލެކްޝަނުގައި އެމްޑީޕީން ވާދަކުރައްވާ އަބްދުﷲ ސޯދިގު (ސޯބެ) މާލޭގައި ބޭއްވި ކެމްޕޭން ޖަލްސާގައި ނަޝީދު ވިދާޅުވީ މި ވެރިކަން ބަދަލުކުރުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށާއި، އެކަން ކުރާނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމަށެވެ. އެގޮތުން މަޖިލީހުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު ހޯދައިގެން މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު ފާހަގަ ކުރެއްވި ގޮތުގައި މި މަސައްކަތުގައި ޕީއެންއެފްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ހުންނެވީ ތައްޔާރަށެވެ. އަދި ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ވެސް ޕާޓީ ބަދަލުކޮށް، ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިއަހަރު ނިމުމުގެ ކުރިން މި ވެރިކަން ބަދަލުކުރަން ވެއްޖެ. އެކަމަށް ހާސްވެނުލައްވާ، ރައްޔިތުންގެ މަޖިލީހުގެ ތަނަވަސް އަޣުލަބިއްޔަތު، އިތުބާރު ނެގޭ މިންވަރަށް ތިންބައިކުޅަ ދެބައި އަޅުގަނޑުމެންގެ އަތަށް ގެންނާނަން އިރާދަ ކުރެއްވެއްޖިއްޔާ،" ނަޝީދު ވިދާޅުވި އެވެ.
"ރައީސް ޔާމީން ވެސް އެ ހުންނެވީ މިކަން ކުރައްވަން ވަރަށް ބޮޑަށް ތައްޔާރަށް. އަދި އަޅުގަނޑަށް މާ ސާފުކޮށް އެނގޭ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ގިނަ ބޭފުޅުން ހުރަސްކުރައްވާނެ. ޕާޓީ ބަދަލު ކުރައްވާނެ. މި ރައީސުލްޖުމްހޫރިއްޔާ އަށް އިތުބާރު ނެތް ކަމަށް އެ ބޭފުޅުން ސޮއިކުރައްވާނެ، ސޯބެއާއެކުގައި. އެ ލިސްޓުގެ ފުރަތަމަ ނަމަކީ ސޯބެ."
މި ވެރިކަން ބަދަލުކުރާ ވާހަކަ ނަޝީދު ވިދާޅުވިއިރު ނަޝީދު އާއި ޔާމީން އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ހުކުރު ދުވަހުގެ ރޭ ބައްދަލު ކުރައްވައި ގައުމު އިސްލާހު ކުރަން މަސައްކަތް ކުރަން ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.
އެ ބަދަލުތަކުގެ ތެރެއިން މިހާރު އެންމެ އިސްކަމެއް ދެއްވާ ކަމެއްގެ ގޮތުގައި ތިން ރައީސުން ވެސް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމާއި އެއްވެސް އުޅުމުގެ މިނިވަންކަން ދިފާއު ކުރުމެވެ.
މި ވެރިކަން ބަދަލުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވިއިރު، މިދިޔަ މަހުގެ 4 ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނެތޯ ނެގި ރިފަރެންޑަމްއިން މުއިއްޒު ވަނީ ބަލިވެފަ އެވެ.
މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ހަ މަސް ކުރުކޮށް 2028 ގައި ބާއްވާ ރިޔާސީ އިންތިހާބާއެކު 21 ވަނަ ރައްޔިތުންގެ މަޖިލީސް ވެސް އިންތިހާބުކުރަން މުއިއްޒު ބޭނުންވި ނަމަވެސް ރައްޔިތުން އެކަމަށް ތާއިދެއް ނުދިނެވެ.
މުއިއްޒު ބޭނުންވި ގޮތަށް ވޯޓު ދިނީ 30 ޕަސެންޓު ރައްޔިތުންނެވެ. އެހެންވެ، ގާނޫނުއަސާސީއަށް ގެންނަން މަޖިލީހުން ފާސްކުރި ބަދަލުތައް ވަނީ ހުއްޓިފަ އެވެ.
މިއަހަރު ނިމުމުގެ ކުރިން މުއިއްޒުގެ ވެރިކަން ބަދަލުކުރާނަން: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ