ރާއްޖޭގައި ހުރި މީހެއްގެ ކާޑު ބޭރުގައި ބޭނުން ނުކުރެވޭގޮތް ހަދައި ދަރިވަރުންނަށް ޚާއްސަ ކާޑެއް ދެނީ

ރާއްޖޭގައި ހުރި މީހެއްގެ ކާޑު ރާއްޖޭން ބޭރުގައި ބޭނުން ނުކުރެވޭގޮތް ހަދައި ކިޔަވާ ކުދިންނަށް ޚާއްސަ ކާޑެއް ތަޢާރަފުކުރުމަށް ނިންމާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އިން ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ މި ފިޔަވަޅުތައް އަޅުއްވަން ނިންމަވާފައިވަނީ ބޭންކުން ޑޮލަރު ގަންނަން ލިބޭވަރަށްވުރެ ޑޮލަރު ވިއްކޭ އަދަދު އިތުރުވެފައިވާތީ ކަމަށެވެ.
ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ ހަމަހަމަކޮށް ހުރިހާ ރައްޔިތުންގެ އެންމެ ޒަރޫރީ ބޭނުންތަކަށް ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކޮންމެހެން ފިޔަވަޅުތައް އަޅަން ޖެހިފައިވާ ކަމަށެވެ. އެގޮތުން، ރާއްޖޭގައި ހުންނަ މީހެއްގެ ކާޑު ބޭނުންކޮށްގެން ރާއްޖޭން ބޭރުގައި ވިޔަފާރި ކުރުމާއި ފައިސާ ނެގުން ފަދަ ކަންކަން ފާހަގަކުރެވިފައިވާ ކަމަށާއި އެކަން ހައްލުކުރުމަށް ރާއްޖޭގައި ހުންނަ މީހެއްގެ ކާޑު ރާއްޖޭން ބޭރުގައި ބޭނުން ނުކުރެވޭގޮތް ހެދުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މި އިންތިޒާމުތައް ހަމަޖެހިގެންދާނީ ބީއެމްއެލް އާއި މޯލްޑިވްސް އިމިގްރޭޝަނާދެމެދު ގާއިމުކުރެވުނު ޑިޖިޓަލް އިންޓަގްރޭޝަނާއެކުގައި ކަމަށެވެ.
"އަޅުގަނޑު ކުރިންވެސް ފާހަގަކުރިން ބައެއް ފަރާތްތަކުން އެހެން ބޭފުޅުންގެ ކާޑު ހިތްޕަވައިގެން އޭޓީއެމުންވެސް ފައިސާ ނަންގަވައޭ. އަދި ވިޔަފާރިކުރަންވެސް ބޭނުންފުޅު ކުރައްވައޭ. އެހެންވީމަ މިކަންތައްތައް ހުއްޓިގެންދާނެ، ހުއްޓިގެންދިއުމާއެކު އޭގެ ފައިދާ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ލިބިގެންދާނެ ކަމަށް އަޅުގަނޑުމެން އުއްމީދުކުރަން،" ބީއެމްއެލްގެ ސީއީއޯ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މިގޮތަށް ނިންމެވި ނަމަވެސް ބޭރުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން އަމިއްލަ ކާޑެއް ނެތް ދަރިވަރުންނަށް ބެލެނިވެރިޔާ ރާއްޖޭގައި ހުރި ނަމަވެސް ބެލެނިވެރިޔާގެ ކާޑު ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ. އަދި އެފަދަ ދަރިވަރުންނަށް ޚާއްސަކޮށްގެން ވަކި ލިމިޓެއް ކަނޑައެޅިފައިވާ ކާޑެއް ތަޢާރަފުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
"ރާއްޖޭގައި ތިބޭ ސްޓޫޑެންޓުންނަށް ޚާއްސަ ލިމިޓެއް ކަނޑައެޅިފައި އޮވޭ 1200 ޑޮލަރާ ހަމައަށް. އެހެންވީމަ އެ ލިމިޓާއެއްކޮށް އެ ކާޑު ލިބޭނެގޮތް ހަމަޖައްސައި މިދެނީ. ދެން އަޅުގަނޑުމެން ގަބޫލުކުރާގޮތުގައި ފުދޭވަރަކަށް އަވަހަށް އަޅުގަނޑުމެންނަށް މިކަންތައްތައް ކޮށް ނިންމޭނެ. އެހެންވީމަ ނިމެންދެން އަޅުގަނޑުމެން މިހާރު ދަތިކަމެއްނެތި އެ ގެންގުޅުއްވާ ކާޑެއް ގެންގުޅެވޭގޮތަށް ހަމަޖައްސައިދޭނަން،" ބީއެމްއެލްގެ ސީއީއޯ ވިދާޅުވިއެވެ.
ދަރިވަރުންނަށް ޚާއްސަ ކާޑު ތަޢާރަފުކުރެވުމުން އެ ދަރިވަރުންނަށް އިތުރު ލުއިތަކާއި ފައިދާތައް ލިބޭނެ ކަމަށްވެސް ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ