އިދިކޮޅު މުޒާހަރާ ތެރެއިން އަދުރޭ އާއި ޣައްސާން ހައްޔަރުކޮށްފި

އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ މުޒާހަރާ ތެރެއިން ޕްރޮގްރެސިވް ކޯލިޝަން ލީޑް ކުރައްވާ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ހައްޔަރުކޮށްފިއެވެ.
ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ 'ދަ ޕްރެސް' އަށް އެކަން ކަށަވަރުކޮށްދީފައެވެ. ހީނާ ވިދާޅުވީ އަދުރޭ އަދި ޣައްސާނުގެ އިތުރުން ޕީއެންސީގެ ނާއިބް ރައީސް މުހައްމަދު ނިމާލް އަދި މެމްބަރު މުހައްމަދު ޝާހިދު ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.
މުޒާހަރާ ނުފެށެނީސް ޕާޓީ އޮފީސް ދޮރުމަތިން ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް އާއި ޕީއެންސީގެ ކައުންސިލް މެންބަރު އަހްމަދު ނަރީޝް ހައްޔަރުކޮށްފައިވާ ކަމަށް ޕީޕީއެމް އިން ވަނީ ބުނެފައެވެ. އަދި ޕާޓީ އޮފީހަށް ވަންނަން އުޅެނިކޮށް ކުރީގެ މަޖިލިސް މެންބަރު ކާނަލް ނަޝީދު ހައްޔަރު ކޮށްފައި ވާ ކަމަށް ޕީޕީއެމުން ބުނެއެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިއަދު ހަވީރު މުޒާހަރާ ކުރުމަށް ނިންމާފައި ވަނި "މަގޭ ފްލެޓް ކޮބާ"ގެ ނަމުގައެވެ. މި މުޒާހަރާގައި ގިނަ އަދަދެއްގެ ބަޔަކު މަގުމައްޗަށް ނިކުންނަން ނިންމާފައި ވާއިރު، އިދިކޮޅުން ދަނީ ކޮންމެ ހަފްތާއަކު ސިލްސިލާކޮށް މުޒާހަރާ ކުރަމުންނެވެ. ނަމަވެސް ފުލުހުންނާއި ސަރުކާރުން ވެސް ވަނީ މިހާލަތުގައި އެއްވުންތައް ބޭއްވުމަށް ޖާގަ ނުދޭނެ ކަމުގެ އިންޒާރު ކުރިއާލާ ދީފައެވެ.
ފުލުހުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ އެޗްޕީއޭގެ އެންގުންތަކާ ހިލާފަށް އަދި ސުލްހަވެރި ކަމާއެކު އެއްވެ އުޅުމުގެ މިނިވަން ކަމުގެ ގާނޫނާ ވެސް ހިލާފަށް އެއްވުން ބާއްވަން ރާވަމުން ދާ ކަމުގެ މައުލޫމާތު ލިބިފައި ވާ ކަމަށެވެ. އަދި އެޗްޕީއޭގެ އެންގުންތަކާ ހިލާފުވެ، އާންމު ރައްޔިތުންގެ ސިއްހަތު ނުރައްކަލުގެ ތެރެއަށް ހުށަހެޅޭ ގޮތަށް އަމަލު ބަހައްޓާ ބަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެއެވެ.
ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް އާންމު ސިއްހަތު ރައްކާތެރި ކުރުމަށް، އެޗްޕީއޭއިން ވަނީ މާލެ ސަރަހައްދުގައި އެއްފަހަރާ 10 މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެ އުޅުން ހުއްޓައިލުމަށް އަންގާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ