ޝަރުއީ ދާއިރާގެ އެއް މޫ ބުރިކޮށްލާނެ މަގު ފެނިއްޖެ: އިބްރާ

ޝަރުއީ ދާއިރާގެ މައްސަލަތަށް ބެލުމަށް ގޮވާލައި ރައްޔިތުން އަޑު އުފުލަން ފެށިތާ ދުވަސްކޮޅެއްގެ ތެރޭގައި އެ ދާއިރާގެ އެއް މޫ ބުރިކޮށްލުމުގެ މަގު ފަހިވެއްޖެކަމަށް ރައީސުލްޖުމުހޫރިއްޔާގެ ހާއްސަ އެޑްވައިޒަރު އިބްރާހިމް އިސްމާއިލް( އިބްރާ) ވިދާޅުވެއްޖެ އެވެ.
ކުރިމިނަލް ކޯޓްގެ އިސް ގާޒީ، އަބްދުﷲ މުހައްމަދުގެ ސުލޫކީ މައްސަލަ ޖުޑީސަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެއްލެވި ބެއްލެވުމަށް އިޝާރާތް ކުރައްވާ އިބުރާ ވިދާޅުވީ އެ މައްސަލަ ޖޭއެސްސީން ބައްލަވަން ފެއްޓެވީ އެކަމާ ދެކޮޅަށް ރައްޔިތުން އަޑު އުފުލުމުގެ ސަބަބުން ކަމަށެވެ.
އަބްދުﷲ މުހައްމަދުގެ ވާހަކަތައް ދައްކަން ރައްޔިތުން ފެށުމާއެކު ޖޭއެސްސީން އެނާގެ މައްސަލަ ބެލުން އެއީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ސިފަކުރަށްވާ އިބުރާ ވިދާޅުވީ "އަދިވެސް އެފަދައިން އިންސާފާ ދެކޮޅަށް މަސައްކަތްކުރާ ކޯޓްތަކަށް ޑިޓޯލްޖަހާ ސާފުކޮށް އަދުލު އިންސާފުގެ ދާއިރާ މިނިވަން ކުރަން ޖެހޭނެ" ކަމަށެވެ.
"ތިން އަހަރު ވެއްޖެ ޖޭއެސްސީ އޮންނަތާ އެއްވެސް ކަމެއް ނުކުރޭ. މި ވާހަކަތައް އަޅުގަނޑުމެން ދައްކާ އެކަމާ ދެކޮޅަށް މަސައްކަތް ކުރަން ފެށިތާ މަސް ދުވަސް ނުވޭ ކަނޑާކަނޑާ ބަންގަޅީސް ވެގެން އެދިޔައީ،" އިބްރާ ވިދާޅުވިއެވެ.
އެމްޑީޕީ ހަރުގޭގައި އިބުރާ މިރޭ ވިދާޅުވީ އަދުލު އިންސާފުގެ މައްސަލަތައް ނިންމާ ގޮތް ވީހާވެސް ގިނަ ރައްޔިތުން ބެލުމަކީ އެ ދާއިރާ އިސްލާހު ކުރަން އެޅޭނެ އެންމެ ބޮޑު ފިޔަވަޅު ކަމަށެވެ. ކޮންމެ ޝަރީއަތެއް އަޑުއެހުމަށް ގިނަ އަދެއްގެ ރައްޔިތުން ގޮސްގެން ނޫނީ އެ ދާއިރާ ހަމައަށް ނޭޅުވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު އިބްރާހިމް މުއްތޮލިބުގެ މައްޗަށް އިބުރާ ކުރަށްވާ އަބުރުގެ ދައުވާގެ އިސްތިއުނާފު މަރުހަލާގެ ޝަރީއަތް ހައިކޯޓުގައި އަންނަ ބުދަ ދުވަހު އޮންނާނެ ކަމަށާއި ހައިކޯޓުގައި ކުރައްވާ ދައުވާ އިބުރާ އާއި އެއްކޮޅަށް ނޫންގޮތަށް ނުނިމޭނެ ކަމަށް ވެސް އިބުރާ މިރޭ ވިދާޅުވި އެވެ.
"ލާހިކެއްނޫން މިފަހަރު އަޅުގަނޑު ބޭނުން ނޫން ގޮތަކަށް އެ މައްސަލަގައި ހުކުން ކުރާކަށް މިއީކީ އަޅުގަނޑު ކޯޓަށް ދައްކާ ބިރެއް ވެސް ނޫން އަދި ފަނޑިޔާރުންނަށް ދައްކާ ބިރެއްގެ ގޮތުން ބުނާ ވާހަކައެއް ވެސް ނޫން. ހައިކޯޓުގެ ފަނޑިޔާރުން ސިކުނޑި، ކޮޅަށް ޖަހައިގެން ތިބިއްޔާމު އެނގިވަޑައިގެންނަވާނެތާ ގަލަމެއް ފެނިއްޔާ އެއީ ގަލަމެއްކަން. އެއީ އެހާ ސާފުކޮށް މުތުލަގަށް އޮތް މައްސަލައެއް،" އިބްރާ ވިދާޅުވިއެވެ.
އިބުރާ ވިދާޅުވީ ދަށުކޯޓުގެ ފަނޑިޔާރުން އެ މައްސަލާގައި އަށް މަސްދުވަހު އޭނާ ކޯޓަށް ހާޒިރުކޮށް ހުކުމް ކުރަން ޖެހުނު ވަގުތު މައްސަލަ ބެލެން ނެތްކަމުގައި ވިދާޅުވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ ބުދަ ދުވަހު ހައިކޯޓްގައި މައްސަލަ ހިންގާއިރު ގިނަ ބަޔަކު ކޯޓަށް ދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މީގެ އިތުރަށް މިރޭގެ ޖަލްސާގައި އެމްޑީޕީގެ އެކިއެކި ގޮފިތަކުން އެ ޕާޓީއަށް އަލަށް ގުޅުނު މެންބަރުންގެ ފޯމްތައް ޕާޓީއާ ހަވާލު ކުރުން ވެސް އޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ