ޣައްޒާ ރައްޔިތުން ޝަހީދުވުމުގެ ޒިންމާ ނަގަން ޖެހޭނީ ހަމާސްއިން - ހިލަރީ ކްލިންޓަން

ފަލަސްތީނުގެ ޣައްޒާގައި އިސްރާއީލް ސިފައިން ހިންގި ގަތުލު އާންމުގައި އެތައް ހާސް ބަޔަކު ޝަހީދުވުމުގެ ޒިންމާ ނަގަން ޖެހޭނީ ފަލަސްތީން ކޮންޓްރޯލް ކުރަމުންދާ ހަމާސްގެ މުޖާހިދުން ކަމަށް އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަން ވިދާޅުވެއްޖެ އެވެ.
2016 ވަނަ އަހަރު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް ބެލެވިފައިވާ ހިލަރީ ކްލިންޓަން ވަނީ އިސްރާއީލު ސިފައިން ޣައްޒާގައި ހިންގަމުން ގެންދާ ގަތުލު އާންމަށް ތާއީދުކޮށް ވާހަކަދައްކާ ހަމާސް ވަރަށް ބޮޑަށް ކުށްވެރިކޮށް ވާހަކަަދައްކަވާފައެވެ.
ހިލަރީ ކްލިންޓަން ވިދާޅުވީ އިސްރާއީލުން ޣައްޒާއަށް ހަމަލާދެމުން ދަނީ ހަމާސްގެ ރޮކެޓުތަކުން ދިފާއުވުމަށް ކަމަށާއި ހަމަލާތަކުން ދިފާއުވުމުގެ ހައްގު އިސްރާއީލަށް ލިބިގެންވާ ކަމަށެވެ.
އަދި ހަމާސްއިން، ރޮކެޓުތައް އިސްރާއީލަށް ފޮނުވުމަށް ބޭނުންކުރަމުން އަންނަނީ ޣައްޒާ ރައްޔިތުން ދިރިއުޅޭ ސަރަހައްދުތައް ކަމަށްވެސް ހިލަރީ ކްލިންޓަން ތުހުމަތުކުރެއްވި އެވެ.
"އިސްރާއީލަށް އެބައޮތް ހައްގު ހަމަލާތަކުން ދިފާއުވުމުގެ، ހަމާސްގެ ރޮކެޓުތަކާއި ކޮމާންޑު ސެންޓަރުތަކާއި ކޮންޓްރޯލް ފެސިލިޓީސް އާއި ބިންގަރާސްތައް ހުންނަނީ ޣައްޒާގެ ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކުގައި،" ހިލަރީ ކްލިންޓަން ވިދާޅުވި އެވެ.
ހިލަރީ ކްލިންޓަން ވިދާޅުވީ ދާދި ފަހުން ޣައްޒާގައި ހުރި ޔޫއެންގެ ސްކޫލަކަށް ހަމަލާދިން ކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށާއި އިސްރާއީލް ސިފައިން "އަސްލު ބޮން އެޅީ ޔޫއެން ސްކޫލަށް" ނޫން ކަމަށެވެ. އަދި އިސްރާއީލުން ބޮން އެޅީ ހަމާސްއިން އެ ސްކޫލާއި ކައިރި ހިސާބަކުން ރޮކެޓު ހަމަލާތަކެއް ފޮނުވާލުމާއި ގުޅިގެން ހަމާސްއިން ރޮކެޓު ފޮނުވާލި ސަރަހައްދަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހިލަރީ ކްލިންޓަން ވަނީ އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ވެސް ވަރަށް ބޮޑަށް ތައުރީފްކޮށް ވާހަކަދައްކަވާފައެވެ. އެގޮތުން ނަތަންޔާހޫ ކުރަމުން ދަނީ އަގު ނުކުރެވޭ ފަދަ މަތިވެރި ހިދުމަތްތަކެއް ކަމަށާއި އެއީ ލީޑަރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަހަކަށްވުރެ ގިނަ ދުވަސް ކުރިން އިސްރާއީލުން ޣައްޒާއަށް ދޭން ފެށި ހަމަލާތައް ހުއްޓުމަކަށް ގެނެވޭތޯ ބެލުމަށް އިސްރާއީލާއި ހަމާސްގެ އޮފިޝަލުންގެ މެދުގައި ކުރިއަށް ގެންދާ މަޝްވަރާތަކުން އަދިވެސް ކުރިއެރުމެއް ނުލިބެ އެވެ. މަޝްވަރާތަކުން ކުރިއެރުމެއް ލިބިފައިނުވާއިރު 72 ގަޑިއިރަށް ދެފަރާތުން ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށްވި އެއްބަސްވުން މިރޭ ދަންވަރު ހަމަވާނެ އެވެ.
ހަމާސް އިން ބުނަމުން ދަނީ ހަމަލާ ދިނުން ހުއްޓާލުމަށް އެއްބަސްވާނީ ޣައްޒާ ހިސާރުކޮށްފައި އޮންނަ އޮތުން އިސްރާއީލުން ނިމުމަކަށް ގެނައުމުން ކަމަށެވެ. ނަމަވެސް މަޝްވަރާތަކުން ކުރިއެރުމެއް ނުލިބެނީ އިސްރާއީލުން އެކަމަށް އެއްބަސްނުވާތީ އެވެ.
އިސްރާއީލުން ޣައްޒާ އަށް ދެމުންދާ ލާއިންސާނީ ހަމަލާތައް އަދި ނުނިމޭ ކަމަށާއި ސުލްހައިގެ ވާހަކަތައް ކުރިއަށް ދިއަ ނަމަވެސް އަސްކަރިއްޔާ އޮންނަން ވާނީ ހަމަލާތައް ފަށަން ތައްޔާރަށް ކަމަށް އިސްރާއީލްގެ ޑިފެންސް މިނިސްޓަރ މޯޝް ޔަލޫން ވަނީ ބުނެފައެވެ.
މިދިޔަ މަހުގެ އަށް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 1900 އަށް ވުރެ ގިނަ ރައްޔިތުން ޝަހީދުވެފައިވެ އެވެ. އަދި އިސްރާއީލް ސިފައިންގެ 64 މީހަކު މަރުވެ އާންމުންގެ 3 މީހަކު ވަނީ މަރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ