އޭލެވަލް އިން އެއްވަނަ ހޯދާ ދަރިވަރުންނަށް ދޭ ސްކޮލަޝިޕްގެ އަދަދު ވަކިވަރެއްގައި ހިފަހައްޓައިފި

އޭލެވެލް އިމްތިހާނުން އެއްވަނަ ހޯދާ ހުރިހާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަޝިޕް މީގެ ކުރިން ދެމުން އައި ނަަމަވެސް އަހަރަކު 15 ކުދިންނަށް އެސްކޮލަޝިޕް ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.
މިބަދަލަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުން ފެށިގެން ކަމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މައުލޫމާތު ލިބިފައިވެ އެވެ.
އޭލެވެލްގެ ގަދަ ދިހައެއްގެ އެއްވަނައިގައި ހިމެނޭ ހުރިހާ ކުދިންނަށް މީގެ ކުރިން ސްކޮލަޝިޕް ދިން ނަމަވެސް އަންނަ އަހަރުން ފެށިގެން އެ އަދަދު 15 އަށް މަދުކުރީ ކީއްވެ ކަމެއް ރަސްމީގޮތުން އެއްވެސް ފަރާތަކުން ހާމައެއް ނުކުރެ އެވެ.
އެޑިއުކޭޝަނުން އާއްމުކޮށްފައިވާ އުސޫލެއްގައި ބުނީ ރައީސުލްޖުމުހޫރިއްޔާ ދެއްވާ ސްކޮލަޝިޕް ލިބޭނީ އެކަމަށް ކުރިމަތިލާ ދަރިވަރުންގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ ކުދިންނަށް ކަމަށެވެ އަދި ޕޮއިންޓް ދޭ އިރު މާއްދާތަކުން އޭ ގްރޭޑަށް 12 ޕޮއިންޓް އަދި "އޭ ޕްލަސް" އަށް 15 ޕޮއިންޓް ދޭނެ ކަމަށެވެ. އަދި ސްކޮލަޝިޕަށް ހުށަހަޅާ ދަރިވަރުންނާ އިންޓަވިއުކުރާނީ އެކަމަށް ހާއްސަ ޕެނަލަކުން ކަމުގައިވެސް އެޑިޔުކޭޝަނުން ބުނެ އެވެ.
އޭލެވެލް އިން އެއްވަނަ ހޯދައިގެން ރައީސްގެ ސްކޮލަޝިޕް ލިބޭ ހުރިހާ ދަރިވަރުންނަށް އެ ކުއްޖަކު ބޭނުން ގައުމަކުން ބޭނުން ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ކުރިން ދިން ނަމަވެސް އެ އުސޫލަށްވެސް އަންނަ އަހަރުން ފެށިގެން ވަނީ ބަދަލު ގެނެސްފަ އެވެ.
އެންމެ ފަހުން ބޭއްވި އޭލެވެލް އިމްތިހާނުގައިވެސް އެކައުންޓް މާއްދާއިން މުޅި ދުނިޔޭގެ ގަދަ ދިހައެއްގެ އެއްވަނަގައި ރާއްޖޭގެ 11 ދަރިވަރުން ހިމެނުނު އިރު ދުނިޔޭގެ ގަދަ ދިހައެއްގައި ރާއްޖޭގެ 16 ދަރިވަރަކު ވަނީ ހިމެނިފައި،، އަދި ގައުމީ ގަދަ ދިހައެއްގައި 23 ދަރިވަރަކު ވަނީ ހިމެނިފަ އެވެ.
ރާއްޖޭގެ އޭލެވެލް އިމްތިހާނުގެ ގަދަ ދިހައެއްގެ ނަތީޖާތަކަށް ބަލާއިރު މިފަހުން އެއްވަނައިގައި ހިމެނޭ ދަރިވަރުންގެ އަދަދު ކޮންމެ އަހަރަކުވެސް ވަނީ 15 އަށް ވުރެ މަތިވެފަ އެވެ. އެހެން ކަމުން އޭލެވެލްގެ ގަދަ ދިހައެއްގެ އެއްވަނައިގައި ހިމެނޭ ހުރިހާ ކުދިންނަށް އާ އުސޫލުގެ ދަށުން ސްކޮލަޝިޕްގެ ފުރުސަތެއް ނުލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ