ރާއްޖޭގައި ތިބި އިންޑިއާ މީހުން ބަލައި އައި މަނަވަރި ރާއްޖޭގައި ބަނދަރުކޮށްފި

ރާއްޖޭގައި ތިބި އިންޑިއާގެ މީހުން ބަލާ އެގައުމުން ފޮނުވި ކަނޑުބޯޓު ރާއްޖޭގައި ބަނދަރުކޮށްފިއެވެ.
އިންޑިއާ ހައިކޮމިޝަނުން ބުނީ މިއީ ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުން މީހުން ފޮނުވުމަށް ކުރާ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އައި މަނަވަރެއް ކަމަށެވެ.
މިއީ ކޮވިޑް 19އާ ގުޅިގެން ގައުމެއްގައި ތާށިވެފައި ތިބި އިންޑިއާގެ މީހުން އަނބުރާ ގެންދިއުމަށް އެގައުމުން ނިންމި ފުރަތަމަ ފަހަރެވެ.
މާލޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނާ ހަވާލާދީ ކާނަޓަކާ ސްޓޭޓުގެ ނޫހެއް ކަމަށްވާ ޑެކަން ހެރާލްޑުގައި ބުނެފައިވަނީ، ކޮވިޑާ ގުޅިގެން ދެގައުމުން ވެސް އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ރާއްޖޭގައި ތިބި އިންޑިއާގެ 200 މީހުން ބަލައި ބޯޓެއް ހަމަޖައްސަމުން އަންނަ ކަމަށެވެ.
ރާއްޖޭގައި ތާށިވެފައި ތިބި އިންޑިއާގެ މީހުން ބަލައި އަންނަ ބޯޓުން ޖާގަ ދިނުމުގައި އިސްކަންދޭނީ ހައި ކޮމިޝަންގައި ރަޖިސްޓްރީ ކޮށްފައި ތިބި މީހުންގެ ތެރެއިން ސިއްހީ މައްސަލަތައް ހުންނަ މީހުން، މާބަނޑު މީހުން، އުމުރުން ދުވަސްވީ މީހުން، ޓޫރިސްޓު ވިސާގައި ރާއްޖޭގައި ތިބި މީހުންން އަދި ވަޒީފާ ގެއްލިފައި ތިބި އިންޑިއާގެ ރައްޔިތުންނަށް އިސްކަން ދިނުމަށް ވަނީ ނިންމައިފައެވެ. އޭގެ އިތުރުން ގާތްތިމާގެ މީހަކު ނިޔާވެފައިވާ މީހުންނަށް ވެސް އިސްކަންދޭން ވަނީ ނިންމައިފައެވެ.
އެ ބޯޓު ދާނީ އިންޑިއާގެ ކޮޗިންއަށް ކަމަށާއި އަދި އެމީހުން ދާން ބޭނުންވާ ތަނަކަށް ދިއުމުގެ ހުއްދަ ދިނުމުގެ ކުރިން ކޮޗިންގައި އެ އެންމެން 14 ދުވަހަށް ކަރަންޓީނު ކުރާނެ ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ