ފޭކް ބޮން ހަދާ މީހުން ހޯދައި އެންމެ ހަރުކަށި އަދަބު ދޭނަން - އުމަރު

މާލޭގެ އެކި ކަންކޮޅުތަކުގައި ބޮން ކަމަށް ބެލެވޭ އެއްޗެހި ހަރުކުރަމުންދަނީ ރާވައިގެން ރައްޔިތުން ބިރުވެރިކަމެއްގެ ތެރެއަށް ވެއްދުމަށްޓަކައި ކަމަށާޢި، އެކަންކުރާ މީހުން ހޯދައި އެންމެ ހަރުކަށި އަދަބު ދޭނެ ކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި މިނިސްޓަރު އުމަރު ވިދާޅުވެފައިވަނީ ހާބަރު ސަރަހައްދުންނާއި ރޭގެ ވަގުތެއްގައި ކަސްޓަމު ސަރަހައްދުން ފެނިފައިވަނީ ބޮމެއް ގޮތަށް ހަދާފައިވާ އެއްޗެއް ކަމަށެވެ. އަދި އެކަންކަން ކުރަމުންދަނީ ވަރަށް ބޮޑަށް ރާވައިގެން ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ހޯމް މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު، އިއްޔެ ހަވީރު ސްޓެލްކޯ ސަރަހައްދުގައި އޮތް ކާރެއްގެ ބޮނެޓް ތެރޭގައި ބޮމެއް އޮތް ކަމަށް ބުނެ އެސަރަހައްދުގެ ގެތަކުން މީހުން ނެރުމަށް ފަހު އެތާ އޮތީ ކޯޗެއްތޯ ޗެކްކޮށްފައިވެއެވެ. އަދި ސަލާމަތީ ބާރުތަކުން ބުނެފައިވަނީ އެތަނުގައި އޮތީ ބޮމެއް ނޫން ކަމަށެވެ.
އެހެންނަމަވެސް މިދިޔަ ނޮވެމްބަރު 2 ވަނަ ދުވަހު މުލިއާގޭ ކައިރީގައި ޕާކްކޮށްފައި އޮތް ވެހިކަލެއްގެ ތެރެއިން އިމްޕްރޮސިވް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ފެނިގެން، އެ އައިއީޑީ ޑިފިއުސް ކުރެވިފައިވާ ކަން ސަލާމަތީ ބާރުތަކުން ވަނީ ހާމަކޮށްފައެވެ.
އުމަރު ވިދާޅުވީ ފޭކް ބޮންތަކެއް ހަދައި ބަޔަކު މީހުން މާލޭގެ އެކި ތަންތަނުގައި ބަހައްޓަމުންދާ ކަމަށާއި އެއީ ޓެރަރިޒަމްގެ އަމަލު ކަމަށެވެ. އަދި މިކަމުގެ ސަބަބުން މުޅި މާލޭގައި ބިރުވެރިކަން އުފެދޭ ކަން ހޯމް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިދިޔަ ސެޕްޓެމްބަރު 28 ވަނަ ދުވަހު ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި އެއްޗެއް ގޮވި ހާދިސާ އާއި ގުޅިގެން ސަލާމަތީ ބާރުތަކުން ހިންގަމުންދާ އޮޕަރޭޝަންގައި ބ.ހިބަޅިދޫއިން ވަނީ ގިނަ އަދަދެއްގެ ހަތިޔާރު ފެނިފައެވެ. އަދި ބަލައި ފާސްކުރަމުން އަންނަ ބައެއް ގޭތަކުން ބޮން ހަދާ ސާމާނު ފެނިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ