ބަހާލައިގެން ކަރަންޓު ބިލު ދެއްކުމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

މާޗު މަހުން ފެށިގެން ޖޫން މަހާއި ހަމައަށް ކަރަންޓު ބިލު ދެއްކުމުގައި ދަތިވެފައިވާ ފަރާތްތަކަށް، އެ ހަތަރުމަހުގެ ބިލު ބަހާލައިގެން ދެއްކުމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. މިދިޔަ ބުރާސްފަތި ދުވަހު، ސްޓެލްކޯ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ މިއަހަރުގެ މާޗު، އޭޕްރީލް، މެއި އަދި ޖޫން މަހަކީ ކޮވިޑާ ގުޅިގެން އާންމު ދިރިއުޅުމަށް ބަދަލުތަކެއް އައި ހަތަރު މަސްކަމުން އެ ހާލަތާ ގުޅިގެން މި ހަތަރު މަހުގެ ކަރަންޓު ބިލު ދެއްކުމަށް ދަތިވާ ފަރާތްތަކަށް މަސްތަކަކަށް ބަހާލައިގެން ބިލު ދެއްކުމުގެ އިންތިޒާމު ހަމަޖައްސައިދޭން ނިންމާފައިވާ ކަމަށެވެ. ބަހާލައިގެން ބިލްތައް ދެއްކެވުމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު އޮންލައިންކޮށްވެސް ވަނީ ހުޅުވާލައިފަ އެވެ. އަދި ސްޓެލްކޯގެ ކައުންޓަރުންވެސް އެކަމަށް އެދޭ ފޯމު ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. https://twitter.com/STELCOMALDIVES/status/1279631039812395008 ކޮންމެ ކަސްޓަމަރަކަށްވެސް އެމީހެއްގެ ހާލަތު ވަކިން ބެލުމަށްފަހު ހާއްސަ އިންތިޒާމުތައް ހަމަޖައްސައިދޭނެ ކަމަށް ސްޓެލްކޯގެ އެމްޑީ ވިދާޅުވި އެވެ. މިއަދުން ފެށިގެން ދެ ހަފްތާއަށް ހުޅުވާލާ މި ފުރުސަތުގައި އެކަމަށް އެދޭ ފަރާތްތަކާއެކު ސްޓެލްކޯއިން އެގްރިމެންޓެއް ހަދައި އިންސްޓޯލްމެންޓަށް ބިލު ދެއްކޭނެ އިންތިޒާމުތައް ހަމަޖައްސައިދޭނެ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ. ޑޮމެސްޓިކް އަދި ވިޔަފާރި ކަސްޓަމަރުންނަށްވެސް އިންސްޓޯލްމެންޓަށް ބަހާލައިގެން ބިލު ދެއްކުމުގެ އިންތިޒާމު ހަމަޖެހޭނެ ކަމަށް މުޣުނީ ވިދާޅުވި އެވެ. ޖޫން މަހުގެ ކަރަންޓު ބިލު ބޮޑުވެފައިވާކަމުގެ ޝަކުވާކުރަމުން ދަނިކޮށް އެ މަހުގެ ބިލުވެސް ސަބްސިޑައިޒްކޮށް، ބިލުން 40 ޕަސަންޓު ކަނޑާލަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. ސްޓެލްކޯއިން ބުނީ ސަބްސިޑީ ލިބޭނީ ހަމައެނަކި ޑޮމެސްޓިކް ކަސްޓަމަރުންނަށް ކަމަށެވެ. ކޮވިޑާ ގުޅިގެން އޭޕްރީލް އަދި މެއިމަހުގެ ކަރަންޓު ބިލުންވެސް ވަނީ 40 ޕަސެންޓުގެ ޑިސްކައުންޓެއް ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ