އަވިން ކަރަންޓު އުފެއްދުމަށް ހަކަތަ އުފެއްދުމުގެ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ: ސްޓެލްކޯ

ދެމެހެއްޓެނިވިގޮތެއްގައި އަވިން ކަރަންޓު އުފެއްދުމަށް ރާއްޖޭގެ ހަކަތަ އުފެއްދުމުގެ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.
ސްޓެލްކޯއިން މިހާރު ދަނީ އެކުންފުނީގެ ގްރީންލައިފް އިނިޝިއޭޓިވްގެ ދަށުން މާލޭގެ ގެތަކުގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތްކުރަމުންނެވެ.
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯއިން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ޕީއެސްއެމް ނިއުސް އާއި ހިއްސާކުރައްވަމުން އެ ކުންފުނީގެ ސީނިއަރ މެނޭޖަރ އަހުމަދު އިބްރާހިމް ވިދާޅުވީ، ގްރީންލައިފް އިނިޝިއޭޓިވްގެ ސޯލާ ޕެނަލްތައް ހަރަކުރުމަށް ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކުރަމުންދާކަމަށެވެ. އެހެންނަމަވެސް މިކަން ކުރުމަށް ގިނަ ގޮންޖެހުންތަކެއް ހުރިކަން އަހުމަދު އިބްރާހިމް ފާހަގަކުރެއްވިއެވެ. އެގޮތުން ގިނަ ގޭގޭގެ އިމާރާތްކޮށްފައިވަނީ އޯޕަން ޓެރެސް ކޮންސެޕްޓަށް ފުރާޅުނާޅާކަމުން ސޯލާޕެނަލް ހަރުކުރުމަށް އޮންނަ ޖާގަކުޑަވެ މި ނިޒާމު އެންމެ އެކަށޭނަ ގޮތެއްގައި ބޭނުންކުރުމަށް ހުރަސްތަކާއި ކުރިމަތިވާކަމަށެވެ.
މީގެ އިތުރުން މިހާރު ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެނީ ވަރަށް ބޮޑަށް ސަބްސިޑައިޒްކޮށްގެންކަމުން އަމިއްލައަށް ޚަރަދުކޮށް ސޯލާ ޕެނަލްތައް ހަރުކުރުމަށް ކަސްޓަމަރުން ފަސްޖެހޭކަމަށް އަހުމަދު އިބްރާހިމް ވިދާޅުވިއެވެ. އެހެންނަމަވެސް، ގްރީންލައިފް އިނިޝިއޭޓިވްގެ ދަށުން ފެށި މަސައްކަތުން ރައްޔިތުންގެ މެދުގައި ސޯލާ ޕެނަލްތަކަށް އޮންނަ މަޤުބޫލުކަން އިތުރުވެ ތިމާވެއްޓާއި ރައްޓެހި މިއާދައަށް ރައްުޔިތުން ހޭލުންތެރިވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބަލާލާނަމަ ގިނަ ގޭގެ މިހުންނަނީ އޯޕަން ޓެރެސް ކޮންސެޕްޓަށް. ދެން މިވާގޮތަކީ މިހާރުގެ ކަރަންޓު ބިލްތައް މި ހުންނަނީ ވަރަށް ބޮޑަށް ސަބްސިޑައިޒްކޮށްފަ. އެހެންވެ މި ޕެނަލްތައް ގަނެގެން ކުރާނެ ފައިދާ ކަސްޓަމަރުންނަށް އަދި ނޭގޭ. އެކަމު މިކަންވެސް އެބަ ބަދަލުވޭ މަޑުމަޑުން" އަހުމަދު އިބްރާހިމް ވިދާޅުވިއެވެ.
ކަރަންޓަށް ކުރާ ހޭދަ ކުޑަކޮށް، ތިމާވެއްޓާއި ރައްޓެހި ހަކަތަ އުފެއްދުމަށް ސްޓެލްކޯއިން އެ ކުންފުނީގެ ކަސްޓަމަރުންނާއި ގުޅިގެން ޚާއްސަ ޕްރޮގްރާމެއް ވަނީ ފަށައިފައެވެ. ސްޓެލްކޯއިން ކުރިއަށްގެންދާ "ގްރީން އިނީޝިއޭޓިވް" ޕްރޮގްރާމްގެ ދަށުން އެކުންފުނިން ސޯލާ ޕެނަލްތައް ވަނީ ވިއްކަން ފަށާފައެވެ. އަދި މިމަޝްރޫއުގެ ފުރަތަމަ ބުރުގެ ދަށުން ސޯލާ ޕެނަލްތައް ހަރުކޮށް ކާމިޔާބުކަމާއެކު ކަސްޓަމަރުން ބޭނުންކުރަން ފަށާފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ. މި ޕްރޮޖެކްޓްގެ ދަށުން މިހަފްތާތެރޭގައި 4 ގެއެއްގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ނިންމާ އިތުރު 2 ގެއްގައި މި ސައްކަތް ފަށާނެކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.
ގޭގޭގައި ސޯލާ ޕެނަލް ހަރުކުރުމަށް ވެދޭ އެހީގެދަށުން ޕެނަލް ބްލޮކްސް ބެހެއްޓުމާއި، ޓްރާންސްފޯމަރާއި ކަރަންޓު ގްރިޑް ގުޅާދިނުން ހިމެނެއެވެ. ބައެއް ގެތަކުގައި މި ސިސްޓަމްތައް ޓެސްޓްކޮށް ބޭނުންކުރަން ފަށާފައިވާއިރު، 2000 ރުފިޔާ ކަރަންޓު ބިލަށް އަރާ ގެއަކުން 650 ރުފިޔާ މަހަކު ބިލުން އުނިވެގެންދާނެ ކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.
ސްޓެލްކޯއިން ސޯލާޕެނަލް ވިއްކައިގެން ކުރިއަށްގެންދާ މި ޕްރޮޖެކްޓަކީ އާއްމުން ތިމާވެއްޓާއި ރައްޓެހި ގޮތްތަކަށް ހޭލުންތެރިކުރުމަށް ކުރިއަށްގެންދާ ޕްރޮގެރާމެކެވެ. ސްޓެލްކޯއިންވަނީ އެ ކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށްވެސް މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ. މާލޭގެ އިތުރަށް މާލޭ ސަރަޙައްދުގެ ގިނަ ރަށްތަކަކަށް ސްޓެލްކޯއިން ދަނީ ކަރަންޓުގެ ޚިދުމަތްދެމުންނެވެ. މިރަށްތަކަށްވެސް ވަނީ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ