ކުއްލި ހާލަތު އިއުލާން ކުރީ އެމްޑީޕީގެ މުޒާހަރާ ހުއްޓުވާކަން ނޫން: އުމަރު

ރާއްޖޭގައި މިއަދު ކުއްލި ހާލަތު އިއުލާން ކުރީ އެމްޑީޕީން ހުކުރު ދުވަހު ބާއްވާ މުޒާހަރާ ހުއްޓުވާކަށް ނޫން ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.ރާއްޖޭގައި މިއަދު ކުއްލި ހާލަތު އިއުލާން ކުރުމާ ގުޅިގެން ޓީވީއެމްއާ ވާހަކަފުޅު ދައްކަވަމުން އުމަރު މިއަދު ވިދާޅުވީ އެއްވުންތައް ބޭއްވުމުގެ ހައްގު ހިފެހެއްޓީ އެއްވުމުގެ ތެރޭގައި އެއްޗެއް ގޮވައިގެން ބަޔަކަށް ގެއްލުމެއް ވެދާނެތީ އެކަން ވިޔަ ނުދިނުމަށް ކަމަށެވެ. "...ކުއްލި ހާލަތު މި އިއުލާން ކުރީ އެއްގޮތަކަށް ވެސް އެމްޑީޕީގެ މުޒާހަރާ ހުއްޓުވާކަށެއް ނޫން. އެމްޑީޕީގެ ވަރަށް ގިނަ އަދަދެއްގެ މުޒާހަރާ ކުރެވިއްޖެ. އަޅުގަނޑުމެން ބަލަން ވެސް ތިބިން. އެއްގޮތަކަށް ވެސް މުޒާހަރާ ހުއްޓުވާކަށް ނޫން. އެކަމަކު މިމުޒާހިރާއަށް ގިނަ އަދަދެއްގެ މީހުން އެއްވެ، ކުރިއަށްދާ ގަޑިއެއްގައި އިނގޭތޯ، ބަޔަކު ނުކުމެ، މިމުޒާހަރާގެ ތެރެއަށް ހަމަލާއެއްދީ ނުވަތަ އެ މުޒާހަރާގެ ތެރޭގައި އެއްޗެއް ގޮއްވާލައި ހަދައިފިއްޔާމު ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންނަށް ވަރަށް ބޮޑު ތަކުލީފާ ދިމާވެ، ބައެއްގެ ފުރާނަ ދިއުން ވެސް އެކަށީގެންވާ ކަމެއް. އެހެންވީމާ އެކަން ވެސް ހުއްޓުވުން އެއީ އަޅުގަނޑުމެންގެ ވަރަށް މުހިއްމު ބޭނުމެއް މިހާރު،" އުމަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވީ ބޮޑު އެއްވުމެއް މާލޭގައި ހިނގުމަށް ދޫކޮށްލައިގެން ތިއްބައި އެއްވުމުގެ ތެރޭގައި އެއްޗެއް ގޮވައިގެން ބަޔަކަށް ގެއްލުމެއް ލިބިއްޖެއްޔާ އެއީ އެންމެ ހިތާމަކުރާނެ ކަމެއް ކަމަށެވެ. "... އެހެން ވެގެން އެކަން ހަމަ ވިޔަ ނުދިނުމަށް ޓަކައި އެއް ވުންތައް ބޭއްވުމުގެ ހައްގުވެސް އަޅުގަނޑުމެން މި ހިފެހެއްޓީ،" އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ