"އިންޑިއާ އާއި ޗައިނާއާ ދެމެދު ރޯވެފައިވާ އަލިފާނަށް ދަރުއަޅާ ބަޔަކަށް ރާއްޖެ ވެއްޖެނަމަ، ދެގައުމުގެ ދުޝްމަނަކަށް ވެދާނެ"

އިންޑިއާ އާއި ޗައިނާއާ ދެމެދު ރޯވެފައިވާ އަލިފާނަށް ދަރުއަޅާ ބަޔަކަށް ރާއްޖެ ވެއްޖެނަމަ، ދެ ގައުމުގެ ދުޝްމަނުންނަށް ވެދާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބަނަވެފައިވާ ދުނިޔެއެއްގައި ރާއްޖޭގެ ހާރިޖީ ސިޔާސަތަކަށް ވާންޖެހޭނީ ހުރިހާ ގައުމުތަކާ ގުޅިގެން ރާއްޖެއަށް އެހީތެރިކަން ހޯދުން ކަމަށެވެ.
"ރާއްޖެއަކީ އިންޑިއާ އަދި ޗައިނާގެ ދެމެދުގައި ރޯވެފައިވާ އަލިފާނަށް ދަރު އަޅާ ބަޔަކަށް ވެއްޖެނަމަ، ދިވެހިންނަކީ އެ ދެގައުމުގެ ދުޝްމަނުންނަށް ވެދާނެ،" އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް މިގޮތަށް ވިދާޅުވެފައި މިވަނީ ޗައިނާއިން ނަގާފައިވާ ލޯނުތަކާ ގުޅިގެން މުޅި މަޖިލިސް އެއްކޮށްގެން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ކުރެވުނު ހޫނު ބަހުސްއާ ގުޅިގެންނެވެ. އެގޮތުން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ ކުރީގެ ސަރުކާރުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ޗައިނާގެ ދަރަނީގެ ދަންތުރައަކަށް ރާއްޖެ ހަދާފައިވާ ކަމަށެވެ. އަދި ޗައިނާއަށް ދައްކަން ޖެހޭ ލޯނުގެ އަދަދު ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އެ ކޮމެޓީގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު ކަމާއި ގަވަރުނަރުކަން ކުރެއްވެވި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ވިދާޅުވީ އެމަނިކުފާނުގެ ފިނޭންސް މިނިސްޓަރު ކަމުގައި ޗައިނާ އިން ލޯނު ނަގަން ނިންމީ ދުނިޔޭގެ އެއްވެސް ތަނަކުން އެހާ ލުއިކޮށް ލޯނު ލިބެން ނެތުމުން ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު ކަން ކުރެއްވި އަހުމަދު މުނައްވަރު ވިދާޅުވީ އޭނާ މިނިސްޓަރު ކަމުގައި ހުންނެވިއިރު ނެގި ލޯނުތައް ދައްކައި ދަރަނި މެނޭޖް ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށާއި ލޯނު ނަގާފައި ވާނީ ވެސް އެގޮތުގެ މަތިން ކަމަށެވެ. އަދި އޭނާ މިނިސްޓަރު ކަމުގައި ހުންނެވިއިރު ޗައިނާއިން ނެގި ލޯނެއް ކަމަށް ވިޔަސް އަދި އިންޑިއާއިން ނެގި ލޯނެއް ކަމަށް ވިޔަސް އޭގެ މައުލޫމާތުތައް މިހާރު ވެސް ފިނޭންސް މިނިސްޓްރީގައި ހުންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް މިއަދު އެ ކޮމިޓީގައި ވިދާޅުވެފައިވަނީ ރާއްޖެއަށް ބޭރުގެ ދަރަނި ނުދެއްކި ސޮވެރިން ޑިފޯލްޓްއަކަށް ދާން ޖެހޭ ހިސާބުގައި ރާއްޖެ ނެތް ކަމަށެވެ. އަދި ދަރަނިތައް އަދާކުރެވި މެނޭޖް ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަަމަށާއި ފިނޭންސް މިނިސްޓްރީގެ އަގުވެއްޓޭނެ ގޮތަށް ވާހަކަތައް ނުދެއްކުމަށް އެދިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ