ޖޭޕީ އާ ގުޅުނު ކަމަށް ދެކެވޭ ވާހަކަތައް އަހުމަދު ރަޝީދު ދޮގު ކުރައްވައިފި

އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ޖުމްހޫރީ ޕާޓީއާއި ގުޅުނު ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގު ކުރައްވައިފިއެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން އަހުމަދު ރަޝީދު ވިދާޅުވީ ޖުމްހޫރީ ގުޅުމުން ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ޤުރުއާން ކިޔަވާދިނިން އެކަމަށް އެދުމުން ކަމަށެވެ. ނަމަވެސް ޕާޓީ ބަދަލުކޮށްފައި ނުވާނެ ކަމަށާއި އޭނާ އަދި ވެސް ހުންނެވީ ޕީޕީއެމުގައި ކަމަށް ވިދާޅުވިއެވެ.
އަހުމަދު ރަޝިދު ވިދާޅުވީ އޭނާ ޖުމްހޫރީ ޕާޓީއާއި ގުޅުނުކަން ރޭގެ ޖަލްސާގައި އިއުލާނުކޮށްފައިވަނީ އޮޅުމަކުން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީއަށްފަހު އަހުމަދު ރަޝީދު އުޅުއްވަމުން ގެންދަވަނީ އެޕާޓީއާއި ވަރަށް ބޮޑަށް ދުރުގައެވެ. ސީއެންއެމުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ ޕީޕީއެމުން ވަކިވާން ވެސް ގަސްތު ނުކުރައްވާ ކަމަށެވެ. އަދި މިވަގުތު ޕާޓީއާއި ތަންކޮޅެއް ދުރުގައި އުޅުއްވަމުން ގެންދަވަނީ ޕްރައިމަރީ ތެރޭގައި އޭނާއާއި މެދު ބައެއް ފަރާތްތަކުން އަމަލު ކުރި ގޮތާއި މެދު ހިތްހަމަޖެހިވަޑައިނުގަންނަވާތީ ކަމަށެވެ.
ޕްރައިމަރީގައި އަހުމަދު ރަޝީދު ތާއީދު ކުރެއްވީ އުމަރު ނަސީރަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ