މީހުން މެރި ގާތިލުން ކޮބައިތޯ މައުމޫން ސުވާލު ކުރައްވައިފި

މީހުން މަރާ މީހުން ހިފައި ގާނޫނުގައިވާ އަދަބު ދެވެންޖެހޭނެ ކަމަށާއި އެކިއެކި މީހުން މަރާލި، އެމީހުންގެ ގާތިލުން ކޮބައިތޯ ސުވާލު ކުރައްވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުން ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
ޓްވީޓެއް ކުރައްވާ މައުމޫން ވިދާޅުވީ މީހުން މަރާފައިވާ ހުރިހާ ގާތިލުން ހިފައިން ގާނޫނުގައިވާ އަދަބުދެވެން ވާނެ ކަމަށެވެ. އަދި ޑރ. އަފްރާޝީމާއި މުހީތާއި ފުލުހުންގެ ޑިއުޓީގައި ހުއްޓާ މަރާލި އާދަމް ހަލީމާއި އެގޮތަށް މަރާލާފައިވާ މީހުންގެ ގާތިލުން ކޮބައިތޯ ވެސް ރައީސް މައުމޫން ސުވާލު ކުރައްވާފައި ވެއެވެ. މީގެ އިތުރުން އެހެން ޓްވީޓެއް ކުރައްވާ ކ. ތުލުސްދޫގައި މެއަށް ވަޅި ހަރައި މީހަކު މަރާލުން ކުށްވެރިކުރާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވި އިރު އެމަނިކުފާނު ރައީސްކަން ކުރައްވާ ޕީޕީއެމްގެ ސަރުކާރުން ވަނީ ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރަން ނިންމާ އެކަމަށް ހާއްސަ ގަވާއިދެއް ވެސް އާންމުކޮށްފަ އެވެ.
ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް މި ސަރުކާރުން އިއުލާން ކުރީ މިދިއަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު އެވެ. އެ ދުވަހު 20 މާއްދާގެ މައްޗަށް އެކުލެވޭ "ގަސްދުގައި މީހަކު މެރުމުގެ ކުށް ތަހުގީގުކުރުމުގައާއި އެ ކުށުގެ އަދަބު ތަންފީޒު ކުރުމުގައި އަމަލުކުރަންވީ ގޮތުގެ ގަވައިދު" އާންމު ކުރައްވާ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ އެ ގަވައިދު ތަންފީޒުކުރާނީ ހަމައެކަނި ގަސްދުގައި މީހަކު މެރިކަން ސާބިތުވާ މީހުންގެ މައްޗަށް އެކަނި ކަމަށެވެ. މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ހުރިހާ ކަމަކާއި އަދި ގަވައިދުގެ ނެތް ކަމެއް ދިމާވެއްޖެނަމަ އެކަމެއް ކުރާނީ ވެސް ކަރެކްޝަނަލް ސާވިސް އިން ކަމަށެވެ.
ހަމަ އެދުވަހު އުމަރު އިތުރަށް ވިދާޅުވީ މަރުގެ ހުކުމް ރާއްޖޭގައި ތަންފީޒުކުރަން ފެށުމަކީ ބޭރުގެ ބައެއް ގައުމުތަކުންނާއި ޖަމާއަތްތަކުން ފާޑު ކިޔާނެ ކަމެއް ކަމަށެވެ. ނަމަވެސް ރާއްޖެއަކީ ސަތޭކަ ޕަސަންޓް މުސްލިމް ގައުމަކަށްވާއިރު މަރުގެ ހުކުމް ތަންފީޒުނުކޮށް ތިބެވެން ނެތް ކަމަށެވެ. އަދި މިރާއްޖޭގެ ހާލަތާއި ޖަލުތައް ފުރިފައިވާ މިންވަރު އެނގިވަޑައިގަންނަވާ ކަމަށް ވެސް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ