ރާއްޖޭގައި އިސްލާމިކް ފައިނޭންސް ކުރިއެރުވުމުގެ ގޮތުން މީހުން ބިނާ ކުރުމަށް ހިންގުމަށް ހަމަޖެހިފައިވާ އިސްލާމިކް ފައިނޭންސް ޕްރެކްޓިސް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއާއި މެލޭޝިޔާގެ އިންޓަނޭޝަނަލް ސެންޓަ ފޯ އެޑިޔުކޭޝަން އިން އިސްލާމިކް ފައިނޭންސާއި، ކުއްލިއްޔާ ގުޅިގެން 18 މަސް ދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ މާސްޓާސް ލެވެލްގެ މިކޯހުގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.
އަންނަ ސެޕްޓެމްބަރު މަހު ފެށުމަަށް ހަމަޖެހިފައިވާ މިކޯހާއި ގުޅޭ ގޮތުން ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ސީއެމްޑިއޭގެ ޑިރެކްޓަ ޖެނެރަލް އަޒްލީމާ އަހްމަދު ވިދާޅުވީ މިކޯހަކީ ރާއްޖޭގައި އިސްލާމިކް ފައިނޭންސްގެ ދާއިރާ ފުޅާވަމުން އަންނާތީ އެކަމަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމަށް ސީއެމްޑިއޭ އާއި މެލޭޝިޔާގެ އިންޓަނޭޝަނަލް ސެންޓަ ފޯ އެޑިޔުކޭޝަން އިން އިސްލާމިކް ފައިނޭންސާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ކޯހެއް ކަމަށެވެ.
މިހާރުވެސް ރާއްޖޭގައި މިދާއިރާއިން ވަޒީފާގެ ގިނަ ފުރުސަތުތައް ހުރި އިރު މިދާއިރާއިން ތައުލީމު ހާސިލްކޮށްފައިވާ ދިވެހިންގެ އަދަދު މަދުވުމާއި އެކު އެފަދަ މަގާމްތަކުގައި ގިނައިން ތިބީ ބިދޭސީންކަން އަޒްލީމާ ފާހަގަކުރެއްވި އެވެ.
އަޒްލީމާ ވިދާޅުވީ މިކޯހަކީ ރާއްޖޭގައި މިހާރުވެސް ފައިނޭންސްގެ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގޭ ކޯހެއް ކަމަށާއި، މިކޯސް ފުރިހަމަކުރާ ފަރާތްތަކަށް ވަޒީފާގެ އިތުރު ފުރުސަތުތައް ފަހިވެގެން ދާނެ ކަމަށެވެ.
ކޯހުގެ ބައިވެރިންގެ ގޮތުގައި 30 މީހުނަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ މިކޯހުގެ އެޕްލިކޭޝަން ފޯމްތައް ބަލައިގަންނަމުން ދަނީ ކުއްލިއްޔާ އިން ނެވެ.
----
އިސްލާމިކް ފައިނޭންސް ދާއިރާގެ ކޯހެއްގައި ބައިވެރިވުމަށް ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ