ޝަރުއީ ދާއިރާގެ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ ގާޒާއަށް

މީޑިއާ ތަކުން ގުޅިގެން ކުރިއަށްގެންދާ ހެލްޕް ގާޒާ ޓެލެތޯނަށް އެހީވުމުގެ ގޮތުން ޝަރުއީ ދާއިރާގެ ފަނޑިޔާރުންނާ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ ހެލްޕް ގާޒާ ފަންޑަށް ހަދިޔާކުރަން ނިންމައިފި އެވެ.
ޝަރުއީ ދާއިރާގެ ފަރާތްތަކުން ހެލްޕް ގާޒާ ފަންޑަށް އެއް ދުވަހުގެ މުސާރަ ހަދިޔާކުރަން ނިންމީ ފަލަސްތީންގައި ހާލުގައި ޖެހިފައި ތިބި ލޮބުވެތި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށް ޝަރުއީ ދާއިރާ އިން ބުނެ އެވެ.
ޝަރުއީ ދާއިރާއިން ހެލްޕް ގާޒާ ފަންޑަށް އެހީވެދޭން ނިންމާފައިވާއިރު، ރާއްޖޭގެ ހުރިހާ ސުކޫލަކުން ވެސް ހެލްޕް ގާޒާ ފަންޑަށް އެހީތެރިވެދީފަ އެވެ. އަދި ދައުލަތުގެ ގިނަ މުއައްސަސާތަކާއި ވިޔަފާރި ކުންފުނި ތަކާއި އަމިއްލަ އޮފީސް ތަކާއި އަމިއްލަ ވިޔަފާރި ތަކާއި އަދި ވަކިވަކި އަމިއްލަ ފަރުދުންވެސް ގެންދަނީ ހެލްޕް ގާޒާ ފަންޑަށް އެހީތެރިވަމުންނެވެ.
"ހެލްޕްގާޒާ"ގެ ނަމުގައި އިއްޔެ މެންދުރުފަހު 2:30 އިން މިރޭ މެންދަމް 12:00 ޖެހުމާއި ހަމައަށް ކުރިއަށް ގެންދާ މި ޓެލެތޯންގެ ހޭޝް ޓެގެއްގެ ގޮތުގައި ބޭނުން ކުރާނީ، HelpGazaMv# އެެވެ. އަދި ޓެގްލައިނެއްގެ ގޮތުގައި ބޭނުންކުރާނީ "މަވެސް އެހީވާނަން" އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ