އެޗްއާރުސީއެމްގެ މެންބަރުންނާ ދެކޮޅަށް ސުމޯޓޯ މައްސަލައެއް ހިންގަން ސުޕްރީމް ކޯޓުން ނިންމައިފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) މެންބަރުންނާ ދެކޮޅަށް ސުމޯޓޯ މައްސަލައެއް ހިންގުމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
ސުމޯޓޯ މައްސަލަ އަކީ، ކޯޓުގެ ފަނޑިޔާރުން އަމިއްލަ އަށް އިސް ނަގައިގެން ބަލާ މައްސަލަތަކެވެ.
އެޗްއާރްސީއެމްގެ މެމްބަރުން ވަކިވަކިން މިއަދު ކޯޓަށް ހާޒިރުކޮށް ވަނީ ސުމޯޓޯ މައްސަލައިގެ ޗިޓް ހަވާލުކޮށްފަ އެވެ. އެ މައްސަލަ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު އެވެ.
އެޗްއާރުސީއެމްގެ މެންބަރުންނާ ދެކޮޅަށް ސުމޯޓޯ މައްސަލައެއް ސުޕްރީމް ކޯޓުން ހިންގުމަށް ނިންމީ އެޗްއާރްސީއެމް އިން ތައްޔާރުކޮށް އދ. ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅާފައިވާ “ޔުނިވާސަލް ޕީރިއޮޑިކް ރިވިއު” (ޔޫޕީއާރު) ރިޕޯޓުގައި ސުޕްރީމް ކޯޓުން ޝަރުއީ ދާއިރާ ކޮންޓްރޯލްކޮށް ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތު ކޮށްފައިވާތީ އެވެ.
އެޗްއާރުސީއެމްއިން ލިޔުނު ރިޕޯޓެއްގައި ޖުވެނައިލް ކޯޓާ މެދު ޢާންމުން ދެކޭގޮތް ބަދަލުވާނެ ފަދަ ވާހަކަ ތަކެއް ލިޔެފައި ވާ ކަމަށް ބުނެ އެ ކޮމިޝަނުގެ މެންބަރުން ޖުވެނައިލް ކޯޓަށް ވެސް މީގެކުރިން ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ.
އެހެންކަމުން މިއީ އެޗްއާރުސީއެމްގެ މެންބަރުން ކޯޓަކަށް ހާޒިރުކުރި ދެވަނަ ފަހަރެވެ.
އެޗްއާރުސީއެމްގެ މެންބަރުންނާ ދެކޮޅަށް ސުމޯޓޯ މައްސަލައެއް ހިންގަން ސުޕްރީމް ކޯޓުން ނިންމިއިރު އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާއި ދެކޮޅަށް ވެސް ސުމޯޓޯ މައްސަލައެއް ހިންގައި އެ ކޮމިޝަންގެ ބައެއް މެންބަރުން މަގާމުން ވަކިކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ