ރައީސް ޔާމީންއަށް 2018 ގެ ޓިކެޓް ދޭންޖެހޭނެ - މައުރޫފް

ރައީސް އަބްދުﷲ ޔާމީންއަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ޓިކެޓު ދޭންޖެހޭނެ ކަމަށް، އެމްޑީއޭގެ ނައިބު ލީޑަރު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު، އަލީ މައުރޫފް ވިދާޅުވެއްޖެއެވެ.
"ވަގުތަށް" ދެއްވި ހާއްސަ އިންޓަވިއުއެއްގައި މައުރޫފް ވިދާޅުވީ، ރައީސް ޔާމީންގެ ދައުރު ދެބައިވީއިރު ކޮށްދެވިފައިވާ މަސައްކަތަށް ބަލާއިރު، އެމަނިކުފާނަށް ޓިކެޓް ދޭންޖެހޭނެ ކަމަށް، ގަބޫލުކުރާ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސް ޔާމީންއަށް 2018 ގެ ޓިކެޓް ކަށަވަރުވާންޖެހޭ. އަޅުގަނޑަކަށް ނޭނގޭ ޕީޕީއެމްއިން މިކަމުގައި ހިޔާލު ތަފާތުވާންވީ ސަބަބެއް" މެމްބަރު ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ ދުނިޔޭގެ އެހެން ޑިމޮކްރެސީ ތަކުގައިވެސް އަމަލުކުރާ ގޮތަކީ އެއީ ކަމަށެވެ. "ތަހްޒީބުވެފައިވާ ޤައުމުތަކުގައިވެސް ކަންހިނގާ ބީދައަކީ ވެރިކަން ކުރާ ޕާރޓީގެ ރައީސަކު ދެވަނަ ދައުރަކަށް ކުރިމަތިލާން ބޭނުން ކަމަށްވާނަމަ އެއްވެސް ޝަރުތަކާ  ނުލައި އެޕާރޓީ އިން އެކަން ކޮށްދިނުން. އަޅުގަނޑު ޤަބޫލު ކުރާ ހިތް އޮތީ ޕީޕީއެމްގެ އެއްވެސް ޝަރުތެއް ނެތި، ރައީސް މައުމޫނު، ރައީސް ޔާމީން އަށް ޓިކެޓް ހޯދައި ދެއްވާނެކަމަށް"
ރައީސް ޔާމީންގެ ދައުރު ދެބައިވީއިރު ދިވެހި ރައްޔިތުންނަށް ވަރަށް ގިނަ ކަންތައް ކޮށްދެއްވާފައިވާ ކަމަށް އެމްޕީ ވިދާޅުވިއެވެ. ކެނދިކުޅުދޫ ދާއިރާގެ މެންބަރު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގެ މިއަދާ ހަމައަށް އައިއިރު އިޤްތިސާދީ ގޮތުން ރާއްޖެއަށް ބޮޑެތި ކުރިއެރުންތައް އައިސްފައިވާކަމަށެވެ. "މިއަދު ދިވެހި ރާއްޖޭގެ ރައްޔިތުންގެ ވިސްނުން ހުރީ 2018ގައި ރައީސް ޔާމީން އަށް ވެރިކަން ދިނުމުގެ ވިސްނުން."
ކޯލިޝަން ސަރުކާރެއްގައި ދައުރު ވަމުންދާއިރު އެމްޑީއޭ އާއި ޕީޕީއެމްގެ ކޯލިޝަން އެއް ހެދީ ރައީސް ޔާމީންގެ ސަރުކާރަށް އިތުބާރު އޮތުމުން ކަމަށާއި، މިއަދު އެ އިތުބާރު އިތުރަށް ބޮޑުވެފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޕީޕީއެމް އެމްޑީއޭ ސަރުކާރުގެ މެނިފެސްޓޯގެ ބޮޑު އިންސައްތައެއް ހާސިލްވެގެން ގޮސްފައިވާއިރު، ރައީސް ޔާމީންގެ ޤާބިލް ކަމާއި ދޭތެރޭ ޕީޕީއެމްގެ އެއްވެސް މެންބަރަކު ޝައްކު ނުކުރާނެ ކަމަށް މެންބަރ މައުރޫފު ވިދާޅުވިއެވެ. "ރައީސް ޔާމީން ޕްރައިމަރީ އެއްގަ ވާދަކޮށްގެން ޓިކެޓް ހޯދަން ޖެހުމަކީ އެއީ ކުރަން ޖެހޭނެ ކަމެއްކަމަށް އަޅުގަނޑެއް ނުދެކެން"
ރައީސް ޔާމީން އަކީ ދިވެހި ރާއްޖޭގައި މިހާތަނަށް އެންމެ އަވަސް ދުވެލީގައި ތަރައްޤީ ގެނެސްދެއްވި ރައީސް ކަމަށާއި، އިޤްތިސާދީ ގޮތުން އެމަނިކުފާނަކީ ވަރަށް "ތަފާތު ރައީސްއެއް" ކަމަށް މެންބަރު މައުރޫފު ވިދާޅުވިއެވެ. "ހަޤީޤަތުގަ އަޅުގަނޑުމެން ބުނަމުން އައީވެސް ރައީސް ޔާމީން އަކީ އިޤްތިސާދީގޮތުން ފުންނާބު އުސް ބޭފުޅެކޭ. މިއަދު ފެނިގެން މިދިޔައީ ހަމައެކަނި އިޤްތިސާދީ ގޮތުން ފުންނާބު އުސްކަމެއް ނޫން. ސިޔާސީ ގޮތުން ވެސް އެމަނިކުފާނަކީ ވަރަށް ފުންނާބު އުސް ބޭފުޅެއްގެ ގޮތުގަ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ