ޕްރައިމަރީގައި މައުމޫނު ވާދަނުކުރާގޮތަށް ނިންމަވައިފި

ޕީޕީއެމްގެ ޕްރައިމަރީގައި ވާދަ ނުކުރަން ރައީސް މައުމޫނު ނިންމަވައިފިއެވެ. ރައީސް މައުމޫނު އެކަން އިއުލާނު ކުރައްވާފައިވަނީ މީގެ ކުޑައިރުކޮޅެއް ކުރިން ނެރުއްވި ބަޔާނެއްގައެވެ.
މިބަޔާނުގައި ރައީސް މައުމޫނު ވިދާޅުވެފައިވަނީ، ޕްރައިމަރީގައި ވާދަ ނުކުރަން ނިންމެވީ ޕީޕީއެމްގެ ލީޑަރޝިޕްގައި ރައީސްކަން ކުރުމުގެ ގާބިލުކަން ލިބިވަޑައިގެންފައިވާ ބޭފުޅުން ތިއްބެވުމުން ކަމަށެވެ. ޕްރައިމަރީގައި ވާދަ ނުކުރެއްވި ނަމަވެސް އިންތިހާބު ޕީޕީއެމަށް ކާމިޔާބު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ރައީސް މައުމޫނު ވިދާޅުވެފައިވެއެވެ.
އަދި ޕްރައިމަރީގައި ވާދަ ނުކުރެއްވި ނަމަވެސް ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ޕާޓީ އިތުރަށް ހަރުދަނާކޮށް ތަރައްގީ ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ރައީސް މައުމޫނު ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ޕީޕީއެމްގެ ޕްރައިމަރީގައި އެމަނިކުފާނު ވާދަ ކުރެއްވުމަށް އެކި ގޮތްގޮތުން އެދެމުން ދިޔަ ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށް ވެސް މިބަޔާނުގައި ވިދާޅުވެފައިވެއެވެ.
ރައީސް މައުމޫނު ވާދަ ނުކުރައްވާނެކަން އިއުލާނު ކުރެއްވި އިރު އަދި އެއްވެސް ފަރާތަކުން ރަސްމީކޮށް ކުރިމަތި ލައްވާފައެއް ނުވެއެވެ.
ނަމަވެސް ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަބުދުﷲ ޔާމީނާއި ކުރީގެ ނައިބު ލީޑަރު އުމަރު ނަސީރުވަނީ ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ