ޓެސްޓްގައި ކޮޕީ ކޮށްގެން ގާޒީ ރާޣިބަށް ފިޔަވަޅު އަޅަން ފޮނުވައިފި

ގދ. ގައްދޫ ކޯޓްގެ ސީނިއާ މެޖިސްޓްރޭޓް މުހައްމަދު ރާޣިބު އަހުމާދާ މެދު ފިޔަވަޅު އަޅަން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފޮނުވައިފި އެވެ.
އޭނާއަށް ފިޔަވަޅު އަޅަން އެދުނީ ޝަރީއަތާއި ގާނޫނު ޑިޕްލޮމާ ކޯހުގެ އިމްތިހާނުގައި މަކަރު ހެދުމުގެ ސަބުން ކޯހުން ވަކިކޮށްފައި ވަނިކޮށް ކުއްލިއްޔާގެ ދަރިވަރުންގެ ގަވައިދާ ހިލާފަށް އަލުން ކޯހުގައި ބައިވެރިކުރި ކަމަށް ބުނެ ހުށަހެޅި މައްސަލަ ބެލުމަށްފަހު އެވެ.
އޭސީސީން މައްސަލަ ނިންމި އިރު ދެބައެއް ނިންމާފައި ވެއެވެ. އެއީ މައްސަލައިގައި ކޮރަޕްޝަން ހިމެނޭތޯ ބެލުމަށް ހިނގި ބަޔާއި ހިންގި އަމަލާމެދު ކުރި ތަހުގީގެ އެވެ. އޭސީސީން ބުނީ އެ ކޮމިޝަނުގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގެ ތިންވަނަ ނަމްބަރުގައި ގައިވާ ގޮތުގެ މަރިން ރާޣިބު ޓެސްޓ ހަދަން އިނީ ޖަވާބު ކަރުދާހެއް ހިފައިގެންކަން އޭނާގެ ތަހުގީގު ބަޔާނާއި އިންވިޖިލޭޓަރާއި ކުއްލިއްޔާގެ އެކަޑަމިކް ބޯޑުގެ މެންބަރުންގެ ބަހުން ސާބިތުވާތީ ފަނޑިޔާރުންގެ ސްލޫކީ މިންގަނޑުގެ އުސޫލު ތިނެއްގެ 3.1 އާއި 3.2 ގައި ފަނޑިޔާރުންގެ ސްލޫކް ބަހައްޓަން ވާނީ އެ މީހުންގެ ތެދުވެރި ކަމާއި އިހުލާސްތެރި ކަމާއި އަމާނާތްތެރި ކަމާމެދު އާންމުންގެ މެދުގައި އިތުބާރު ކުރެވޭފަދަ މަތީ ދަރަޖައަކަށް ކަމަށް ބަޔާންކޮށްފައިވާއިރު ރާޣިބުގެ އެ އަމަލަކީ އެ މިންގަނޑާ ހިލާފު އަމަލެއް ކަމަށެވެ. އެހެން ކަމުން އެކަން ތަކުރާރުނު ނުވާނެހެން ރާޣިބަށް ޔަވަޅު އަޅައި ދިނުމަށް ޖޭއެސްސީއަށް ފޮނުވީ ކަމަށެވެ.
އޭސީސީ މައްސަލަ ބެލުމަށްފަހު ނެރުނު ރިޕޯޓްގައި ބުނަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ކުއްލިއްޔާ ގުޅިގެން 2010 ގައި ފަނޑިޔާރުންނަށް ހިންގި ކޯހުގައި ރާޣިބު ބައިވެރިވެ ކޯހުގެ މާއްދާއެއް ކަމަށްވާ ކޮންސްޓިޓިއުޝަނަލް ލޯގެ ކްލާސް ޓެސްޓްގައި އެ ޓެސްޓްގެ ޖަވާބުތައް ހިމެނޭ ކަރުދާހެއް އިމްތިހާނު ހެދި ގަޑީގައި ގެންގުޅުނުތައް ސުޕަވައިޒަރަށް ފެނި ރިޕޯޓް ކުރުމުން ކުއްލިއްޔާގެ އިސްވެރިންގެ ކޮމެޓީއަކުން މައްސަލަ ބަލައި އެކަމާބެހޭ ރިޕޯޓެއް އެކަޑަމިކް ބޯޑަށް ހުށަހެޅި ކަމަށާއި ބޯޑުން އެ މައްސަލައިގައި ރާޣިބު ކޯހުން ވަކިކޮށް، ދެން ކޯހެއްގައި ބައިވެރިވެވެނީ 2011 ގެ ފަހުން ކަމަށް ރާޣިބަށާއި ޖުޑީޝަލް އެޑްމިސްޓްރޭޝަނަށް އަންގަފައިވާ ކަމަށެވެ.
އެކަން އެނގުމުން ވަކި ކުރި މައްސަލަ އިސްތިއުނާފު ކުރުމަށް ރާޣިބު ކުއްލިއްޔާއަށް ސިޓީއެއް ފޮނުވި ކަމަށާއި ޑިޕާޓްމަންޓްން ވެސް އެ މައްސަލަ މުރާޖާކޮށް ދިނުމަށް އެދިފައިވާ ކަމަށެވެ.
އޭސީސީން ބުނީ ރާޣިބާއި ޑިޕާޓްމަންޓުން އެގޮތަށް އެދުމުން ކުއްލިޔާގެ އެކަޑިމިކް ބޯޑުން ރާގިބު އަލުން ކޯހުގައި ބައިވެރި ކުރަން ނިންމައިފައި ވަނީ އިމްތިހާނުގެ އިންވިޖިލޭޓަރަކަށް ހުރި ފަރާތާ ސުވާލު ކުރުމަށްފަހު ކަމަށާއި ކުއްލިއްޔާގެ ގަވައިދުގައި އިމްތިހާނު ކަމަށް ބަޔަންކޮށްފައި ވަނީ ސެމިސްޓާ އެގްޒާމް ކަމަށްވެފައި އެ ޓެސްޓަކީ ކުލާސް ޓެސްޓަކަށް ވާތީ ކޯހުން ވަކި ކުރުމާމެދު ބޯޑުގެ މެންބަރުންގެ ހިޔާލު ތަފާތުވެ އެ އަމަލަކީ ކޯހުން ވަކިކުރާ ވަރުގެ އަމަލެއް ނޫން ކަމަށެވެ.
ބޯޑުގެ ބައްދަލުވުމުގައި ރާޣިބު ކޯހުން ވަކި ކުރި މައްސަލަ މުރާޖާކޮށްފައިވާކަން ޖުޑީޝަލް އެޑްމިނިޓްރޭޝަނަށް ކުއްލިއްޔާއިން އަންގާފައިވާތީ ދެފަރާތް ގުޅިގެން ހިންގި ކޯހުގެ ފުރަތަމަ ސެމިސްޓާ މާކްސް ސީޓްގައި ކޮންސްޓިޓިއުޝަނަލް ލޯ މާއްދާގެ ކްލާސް ޓެސްޓުން ރާޣިބަށް މާކްސްއެއް ލިބިފައި ނުވާތީ އަލުން ކޯހުގައި ބައިވެރި ކުރީ ކަމަށެވެ. އެހެން ކަމުން ހިދުމަތުގައި ތިބި ފަނޑިޔާރުންނަށް އަމާޒުކޮށް ހިންގު ކޯހުން ރާޣިބު ވަކިކޮށް އަލުން ފުރުސަތު ދީފައި ވަނީ އެނާ އިސްތިއުނާފު ކުރުމުން އަލުން މައްސަލަ ބެލުމުންކަން އެނގޭތީ އެ ކަމުގައި ކަރަޕްޝަންގެ އަމަލެއް ހިނގާފައި ނުވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.
ރާޣިބަކީ މެޖިސްޓްރޭޓުންގެ ތެރެއިން ވަރަށް މަޝްހޫރު ގާޒީއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ