ފޮނަދޫން ކަރަންޓް ކެނޑި، ރައްޔިތުން ހިތްހަމަނުޖެހުން ފާޅުކުރަނީ

ލ. ފޮނަދު އަށް ކަރަންޓް ދިނުމަށް ބޭނުންކުރާ ދެ އިންޖީނު ވެސް އިއްޔެ ހަލާކުވެ އެ ރަށުން ކަރަންޓް ކެނޑުގެ މައްސަލާގައި ރައްޔިތުން ނުރުހުން ފާޅުކުރަން ފަށައިފި އެވެ. ޑީއާރުޕީގެ އަޣުލަބިއްޔަތު އޮންނަ ފޮނަދޫ ކައުންސިލްގެ ރައީސް އަބްދުﷲ ޝަރީފް މިއަދު ވިދާޅުވީ އިއްޔެ މެންދުރުން ފެށިގެން އެ ރަށުގައި ކަރަންޓް ނެތް ކަމަށެވެ. އޮފީސްތަކާއި ސްކޫލްތައް ހުޅުވި ނަމަވެސް ކަރަންޓް ނެތުމުގެ ސަބަބުން ދަތިތަކެއް ކުރިމަތިވުމުގެ އިތުރުން ރައްޔިތުންގެ ޝަކުވާ ވެސް ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ރަށުގައި ކަރަންޓް ނެތް މައްސަލާގައި، ބަޔަކު އިއްޔެ ވަނީ ކައުންސިލް އިދާރާ ކައިރި އަށް އެއްވެ މުޒާހަރާ ވެސް ކޮށްފަ އެވެ. ޝަރީފް ވިދާޅުވި ގޮތުގައި އިންޖީނުތަކުގައި މައްސަލަ ޖެހި، ރޯދަ މަހު ވެސް ކަރަންޓް ފޯރުކޮށްދިނުމަށް ދަތިތަކެއް މެދުވެރިވި އެވެ. "އެއް ޖަނަރޭޓަރުން ކަރަންޓް ދެމުން ދަނިކޮށް، އިއްޔެ އޭގެ ވޯޓަ ޕަމްޕް ހަލާކުވެގެން ނިވުނީ. އެ މަރާމާތުކުރަމުން އެބަ ދޭ. އެކަމަކު ކަރަންޓް ދެވޭނެ އިރެއް ވެސް ލަފާކުރާކަށް ނޭނގެ. އެ ޖަނަރޭޓަރު ހެދުނަސް މުޅި ރަށަށް ކަރަންޓް ނުދެވެންޏާ [ކަރަންޓް] ދުލެއްނުކުރާނަން،" އޭނާ ވިދާޅުވި އެވެ. ކައުންސިލުން ބުނިގޮތުގައި ކަރަންޓް މައްސަލަ ހައްލުކުރުމަށް ސަރުކާރާ ގުޅިގެން ކައުންސިލުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި އެ ރަށަށް އިތުރު ޖަނަރޭޓަރެއް ލިބޭނެ ކަމުގެ އުއްމީދު ވެސް އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ