މެމްބަރު ކަމަށް ހޮވިފައި ވަނީ ރައީސް ނަޝީދުގެ ތާއީދާއެކީއެއް ނޫން: މޫސަ

އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިނާއި ފަނޑިޔާރު މުއުތަސިމް އަދުނާން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ވޯޓު ނެގި އިރު އެ ޖަލްސާ އަށް ހާޒިރުވެވަޑައިނުގެންނެވި އެމްޑީޕީގެ ހަ މެމްބަރުންނަކީ ޕާޓީގެ ގިނަ ބައެއްގެ ތާއީދު އޮތް ބައެއް ކަމަށާއި މެމްބަރުކަމަށް އަންނަނީ ރައީސް ނަޝީދުގެ ތާއީދާ އެކީ ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމަށް މިދިޔަ އާދިއްތަ ދުވަހު ނެގި ވޯޓުގައި އެމްޑީޕީގެ ހަ މެމްބަރަކު ބައިވެރިވެވަޑައިނުގަންނަވާ އަދި އެ ޕާޓީގެ ވިޕްލައިނާ ހިލާފުވުމުން އެބޭފުޅުންނާ މެދު ފިޔަވަޅު އެޅުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ފާސްކުރުމާ ގުޅިގެން "ސަން" އާ ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ ޕާޓީގެ މެމްބަރު ކަމަށް އަންނަނީ އާންމު މެމްބަރުންގެ ތާއީދާ އެކު ކަމަށެވެ. އެހެންނަމަވެސް މެމްބަރުންނާ މެދު ފިޔަވަޅު އެޅުމަކީ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ކުރަން ޖެހޭނެ ކަމެއް ކަމަށާއި އެކަން ކަމަށް އިހުތިރާމް ކުރާނެ ކަމަށް މޫސާ ވިދާޅުވި އެވެ.
"އެކަމަކު ޕާޓީގެ ރައީސް ބޭނުންވާ ގައުމީ މަޖިލީހުގެ މެމްބަރުން އެއްކުރައްވައިގެން އަޅުގަނޑުމެން މަޖިލީހުގައި ކަންކަން ކޮށްފައި ހުރުމުގެ އިތުރުން އަޅުގަނޑުމެންގެ ޒާތީ މުއާމަލާތްތަކާ ބެހި މީހުންގެ ތެރޭގައި އެއްޗެހި ގޮވާ ސިޔާސީ އިދިކޮޅު އެހެން ފަރާތްތަކާ މެދު އެއްޗެހި ކިއާ ގޮތަށް ކިއާ ޕާޓީ ބަދުނާމުވާ ގޮތަށް ވާހަކަ ދެއްކުމަކީ އެމްޑީޕީ އަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް."
މޫސަ ވިދާޅުވީ ރައީސް ނަޝީދުގެ މައިގަނޑު އަމާޒަކީ އެމަނިކުފާނު ޕާޓީން ވަކިކުރުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރައީސް ނަޝީދު މޫސަ ވަކިކުރުމަށް އަމާޒު ހިފައިފާފައި ވަނީ މޫސަ ޕާޓީގައި ހުރެގެން 2018 ވަނަ އަހަރުގެ ރިޔާސީ އިިންތިހާބު ކާމިޔާބު ނުކުރެވޭނެތީ ކަމަށެވެ.
ގައުމީ މަޖިލީހަށް ވަކި ބަޔަކު އެއްކޮށްލައިގެން ނިންމާ ނިންމުންތަކަކީ މުޅި އެމްޑީޕީގެ ނިންމުން ކަމަކަށް ބަލައި ނުގަނެވޭނެ ކަމަށް މޫސަ ވިދާޅުވި އެވެ. މޫސަ ވިދާޅުވީ އެމްޑީޕީގެ ތެރެއިން މިހާރު ފެންނަމުން ދަނީ ހުދުމުހުތާރު ސިފަތަކެއް ކަމަށެވެ.
"އެމްޑިޕީއަށް އެއްވެސް އިރެއްގައި އަބްދުﷲ ރިޔާޒުގެ ދިފާއުގައި ގާސިމް އިބްރާހިމްގެ ދިފާއުގައި ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިންގެ ދިފާއުގައި ތެދުވުމުކީ އެމްޑީޕީން ކުރަން ޖެހޭނެ ކަމެއް ނޫން. އެއަށްވުރެއް މާބޮޑެތި އަނިޔާ މިދެންނެވި ބޭފުޅުންގެ ފަރާތުން އަޅުގަނޑުމެންނަށް ލިބިފައި އެބަހުރި. އިއްޔެ އަޅުގަނޑު މަޖިލީހުގައި ދެއްކި ވާހަކަތަކަކާ ގުޅިގެން ރައީސް ނަޝީދު ބޭނުންފުޅުވީ ގައުމީ މަޖިލިސް އެއްކުރައްވައި ޕާލިމަންޓްރީ ގުރޫޕުގެ ހަ މެމްބަރުންނާ ދިމާލަށް އެއްޗެތި ގޮވަން. އެއީ ރައީސް ނަޝީދު ވަރަށް ގިިނައިން ކުރައްވާ ކަމެއް. އެއީ މީހާ އެއްކަލަ ފުރައްސާރަކޮށް ހަޅޭއްލަވައިގެން މީހާ މަޖުބޫރުން އޭނަގެ ފައިބުޑު މައްޗަށް ތިރިވުން. މި މައްސަލާގައި އަޅުގަނޑު މިހިރީ ރައީސް ނަޝީދުގެ ފައިބުޑު މައްޗަށް ތިރިވާ ގޮތަކަށް ނޫން." މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ ރައީސް ނަޝީދު ޖެހިވަޑައިގަންނަވާނީ ޕާޓީގެ ސުލޫކީ ކަންކަމަށް ބޮޑަށް ވިސްނައި ޕާޓީ ހަމަ މަގަށް ގެނައުމަށް މަސައްކަތް ކުރައްވަން ކަމަށެވެ. އެހެން ނޫން ކަމަށް ވަނީ ނަމަ ރައީސް ނަޝީދު ޕާޓީގެ ލީޑާޝިޕުން އިސްތިއުފާ ދެއްވައި ޕާޓީގެ ހަރަކާތްތަކުން އެއްކައިރިވާން ޖެހޭނެ ކަމަށް މޫސަ ވިދާޅުވި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމާފައި ވަނީ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނު ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވާ އެމްޑީޕީގެ ހަ މެމްބަރުންނާ މެދު ހަތް ދުވަހުގެ ތެރޭގައި ފިޔަވަޅު އެޅުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ