ސްނޯވްގެ ތޫފާނަކާއެކު އެމެރިކާގެ ބައެއް ސްޓޭޓްތަކުން ކަރަންޓް ކެނޑިއްޖެ

ޕެންސެލްވީނިޔާ (އޮކްޓޯބާ 30) : އެމެރިކާގެ އިރުއުތުރުގެ ބައެއް ސްޓޭޓްތަކަށް ކުރިމަތިވެފައިވާ ސްނޯވްގެ ތޫފާނަކާ ގުޅިގެން އެސްޓޭޓްތަކުގެ ބޮޑުބަޔަކުން ކަރަންޓް ކެނޑި ހަރަކާތްތައް ހުއްޓުމަކަށް އައިސްފި އެވެ.
ޕެންސެލްވީނިޔާއިން ފެށިގެން ކޮނިޓިކެޓް އާއި ނިޔުޔޯކަށް ދެމިގެންގޮސްފައިވާ ސްނޯގެ މިތޫފާނުގައި ވާޖީނިޔާ، ވެސްޓް ވާޖީނިޔާ އަދި މިރިލެންޑްގެ ބޮޑު ބަޔަކުން ވަނީ ކަރަންޓް ކަނޑައިގެން ގޮސްފަ އެވެ.
ސީ.ބީ.އެސް. ނެޓްވާކް ބުނި ގޮތުގައި މިސްޓޭޓްތަކުގެ ގެތަކުގެ ތެރޭން ބައިމިލިޔަން ގެއިން ވަނީ ކަރަންޓް ކަނޑައިގެން ގޮސްފަ އެވެ. އަދި ކޮނިކްޓިކެޓް އާއި ނިޔުޔޯކް އަދި މިރިލެންޑްގެ ބޮޑު ބަޔަކުންވެސް ވަނީ ކަރަންޓް ކަނޑައިގެން ގޮސްފަ އެވެ. މީގެއިތުރުން ސްނޯވްގެ ސަބަބުން ފިލެޑެލްފިޔާގެ މައި އެއާޕޯޓާއި ނިޔުޔޯކްގެ ހުރިހާ އެއާޕޯޓްތަކަށް ދަތުރު ކުރަމުން ދިޔަ ފްލައިޓްތައް ވަނީ މަގު ބަދަލުކޮށް އެހެން އެއާޕޯޓްތަކަށް ތިރިކޮށްފަ އެވެ.
ޖޯން ކެނެޑީ އިންޓާނޭޝަނަލް އެއާޕޯޓަށް ބޯޓުތައް ޖެއްސުމާއި ނައްޓާލުންވެސް 4 ގަޑީއިރަށް މެދުކަނަޑާލަން ޖެހިފައިވެ އެވެ. އެމެރިކާގެ "ވެދާ ޗެނެލް" ބުނާގޮތުން އެމެރިކާގެ އިރުއުތުރުގެ ބައެއް ސްޓޭޓްތަކަށް ކުރިމަތިވެފައިވާ ސްނޯވްގެ ތޫފާންގައި 30 ސެންޓިމީޓަރުގެ ބޯމިނުގައި ގަނޑުފެން ފާބާފައިވެ އެވެ. މިކަމުގެ ސަބަބުން ވަރަށް ގިނަ ރައްރަށުގެ މަގުތައް ބަންދުވެ ފިހާރަތަކާއި އާންމު ހިދްމަތްދޭ ތަންތަނުގެ ހަރަކާތްތައް ވެސް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. (ނޫސްއެޖެންސީތައް)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ