ރައީސް ޔާމީނަކީ ތިން އަހަރާއި ބައިގެ ފަހުން އިސްތިއުފާދެއްވާނެ ރައީސެއް ނޫން - މައުމޫން

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ ތިން އަހަރާއި ބައިގެ ފަހުން އިސްތިއުފާދެއްވާނެ ރައީސެއް ނޫން ކަމަށާއި ރައީސް ޔާމީނަކީ ވަރަށް ހިތްވަރުގަދަ ބޭފުޅެއް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
"ގުޅިގެން މަޖިލިސް ވެސް ޔަގީން" މި ނަމުގައި ޕީޕީއެމުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ހަވާލުވެވަޑައިގަންނަވާ ބޭފުޅަކީ، އެބޭފުޅަކަށް ދީފައިވާ މުއްދަތު ސާބިތުކަމާއިއެކު ފުރިހަމަ ކުރައްވާ ބޭފުޅަކަށް ވާންޖެހޭނެ ކަމަށާއި މީގެކުރިން ފެނިގެން ދިޔައީ އެމަންޒަރު ނޫން ކަމަށެވެ.
"އެންމެ ތިން އަހަރާއި ބައިގެ ތެރޭގައި އެބޭފުޅަކު އަމިއްލަފުޅަށް އިސްތިއުފާދެއްވީ، ކެރިވަޑައެއް ނުގެން ފަސް އަހަރުގެ މުއްދަތު ހަމަކުރައްވާކަށެއް، އެހެންވީމަ އެފަދަ ބޭފުޅަކަށް ދެވަނަ ފަހަރަށް ރައީސްކަން ދީފިއްޔާ ދެންވާނެ ގޮތަކާއި މެދުގައި ވެސް އަޅުގަނޑުމެން ވިސްނަން ޖެހޭ." ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިޝާރާތްކުރައްވާ ރައީސް މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ނަޝީދަށް ދިމާވި ކަންތައްތަކަށް ވުރެ މާ ބުރަ ކަންތައްތަކެއް މީގެކުރިން ވެރިކަމުގައި ތިއްބެވި ފަރާތްތަކަށް ވެސް ދިމާވި ކަމަށާއި އެގޮތުން 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު ބޭރުގެ ޓެރަރިސްޓް ޖަމާއަތަކުން ރާއްޖެ އަރައި ހަތިޔާރު ބޭނުންކޮށްގެން އެތައް ދިވެހިންގެ ފުރާނަ ކަތިލިއިރު ސަރުކާރުގެ އިސްވެރިންގެ ފުރާނަ ވެސް ދުއްވާލާނެ ކަމުގެ ބިރު އޮތް ކަމަށާއި ނަމަވެސް ސަރުކާރުގެ އިސް އެއްވެސް ބޭފުޅެއްގެ ފުރާނަ ދުއްވާލެވިފައިނުވާ ކަމަށެވެ.
"މިސާލަކަށް އަހަރުގެ ތިނެއް ނޮވެމްބަރުގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި ވެސް ސަރުކާރުގެ އިސްވެރިންގެ ފުރާނަ ގެއްލިގެން ގޮސްފައިވާނެ ކަމުގެ ބިރު އޮތް ނަމަވެސް އެ ދުވަހު އެއްވެސް ވެރިއަކު އިސްތިއުފާއެއް ނުދެއްވާ. ގެއަކަށް ވަޑައެއް ނުގަންނަވާ، ސާބިތު ކަމުގައި ތިއްބެވީ،" ރައީސް މައުމޫން ވިދާޅުވި އެވެ.
އެހެންކަމުން ރައީސް ޔާމީނަކީ އެގޮތަށް އިސްތިއުފާ ދެއްވާފައި ވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށާއި އެމަނިކުފާނު ސާބިތު ކަމާއި އެކުގައި ރައްޔިތުންދީފައިވާ މުއްދަތު ކާމިޔާބު ކަމާއި އެކީގައި ފުރިހަމަކުރައްވާނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ލިބިގެން ސަރުކާރުން ބޭނުންވާ މަގްސަދުތައް ހާސިލްކުރެވޭނެ ކަމަށާއި އޭރުން ރާއްޖޭގައި އިސްލާމް ދީނަށް ދޭންޖެހޭ އެންމެ ފުރިހަމަ ހުރުމަތްތެރިކަން ދެވޭނެ ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު އެންމެ ފުރިހަމަ ގޮތުގައި ދެމެހެއްޓޭނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"ރާއްޖޭގައި ޑިމޮކްރަސީ އަޅުގަނޑުމެން ބޭނުންވާ ގޮތަށް ހަރުދަނާކޮށް އެ ޑިމޮކްރަސީގެ ފައިދާ ރައްޔިތުންނަށް ލިބިގެންދާނީ އޭރުންނޭ، ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީ ކުރިއަށް ގެންގޮސް އޭގެ މަންފާ ދިވެހި ރައްޔިތުންނަށް ލިބިގެންދާނީ އޭރުންނޭ، ރާއްޖޭގައި ހަމަޖެހުމާއި އަމަން އަމާންކަން ގާއިމުވެ ރާއްޖޭގެ ރައްޔިތުންނަށް އުފާ ފާގަތި ދިރިއުޅުމެއް ލިބިގެންދާނީ އޭރުންނޭ،" ރައީސް މައުމޫން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރު ކޯލިޝަނަށް ނުލިބިއްޖެނަމަ ދެކެން ބޭނުންނުވާ މަންޒަރުތައް ފެނިގެންދާނެ ކަމަށާއި މީގެކުރިން އެމަންޒަރު ފެނިފައިވާ ކަމަށް މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ތިން އަހަރާއި ބައިގެ ތެރޭގައި ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހުނު ކަމަށާއި އެގޮތުން ރާއްޖޭގައި އިސްލާމް ދީން ނެތިގެން ދިއުމުގެ ބިރު ހީވާ ދަރަޖައަށް ގޮސް މިނިވަންކަން ގެއްލިގެން ދިއުމުގެ ބިރު އޮތް ކަމަށެވެ.
އަދި އިގްތިސާދު ފުން ވަޅުގަނޑަކަށް ވެއްޓިގެން ދިޔަ މަންޒަރު ފެނުނު ކަމަށާއި ރާއްޖޭގެ ޑިމޮކްރަސީ ކަތިލެވުނު މަންޒަރު ވެސް ފެނިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ