ނޮވެމްބަރު 17 ގައި ހުވާ ކުރާ އާ ސަރުކާރާއި އެކު ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު މަޖިލީހުގެ މެމްބަރުކަމުން އިސްތިއުފާ ދެއްވަން ނިންމަވައިފިއެވެ.
މަޖިލިސް ކުރާ ގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަބްދުﷲ ޝާހިދު ވިދާޅުވީ މިއަދަކީ އެމަނިކުފާނު މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވާނެ އެންމެ ފަހު ދުވަސް ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނު އިސްތިއުފާ ދެއްވާނީ އާ ސަރުކާރު ހުވާ ކުރާ ހިސާބުންކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ 5 ދައުރު ފުރިހަމަ ކުރެއްވުމަށް ފަހު ޝާހިދު ވިދާޅުވީ މަޖިލިސް މެންބަރު ކަމުން އިސްތިއުފާ ދެއްވުމަށްފަހު އެމަނިކުފާނު ފެނިވަޑައިގަންނަވާނީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ތެރެއިން ކަމަށެވެ. ނަމަވެސް ފެނިވަޑައިގަންނަވާނީ ކޮން މަގާމަކުން ކަމެއް ހާމައެއް ނުކުރައްވައެވެ. ޝާހިދު މެމްބަރުކަމުން އިސްތިއުފާ ދެއްވުމަށްފަހު ވަޑައިގަންނަވާނީ ކެބިނެޓަށް ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ.
" ރައީސް ސޯލިހު ހަވާލުކުރެއްވި ކޮންމެ މަގާމެއްގައި ދެމިހުންނާނަން. އަބަދުވެސް ރައްޔިތުންނަށް އިޚްލާސްތެރިކަމާ އެކީ ޚިދުމަތް ކުރުމަށް ދެމިހުންނާނަން،" ޝާހިދު ވިދާޅުވިއެވެ.
މަޖިލީހުގެ 5 ދައުރު ހޭދަކުރެއްވިއިރު ކުރިމަތިވެ ވަޑައިގެންނެވި ތަޖުރިބާތައް ހިއްސާ ކުރައްވަމުން ޝާހިދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ވަދެވަޑައިގެންނެވުމުން އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހިމެނިވަޑައިގަންނަވާ ގޮތަށް ގައުމުގެ އަމަން ބަލަހައްޓާ ބޭޭފުޅުން މަޖިލިސް މެމްބަރުން ނެރެގެން ގެންދިޔަ ދުވަސް އެއީ އުއްމީދު ކުރެއްވި ދުވަހެެއް ނޫންކަމަށެވެ.
"މަޖިލީހުގެ ރައީސްކަން ކުރުމަށްފަހު މި ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން ފޮނުވާފައިހުރި މީހެއްގެ ގޮތުން އައިސް ވަނީމާ މަޖިލީސް ތެރެއިން އުފުރާލައިގެން ރާއްޖޭގެ އަމަން ބަލަހައްޓާ މީހުން މިތަނުން އަޅުގަނޑު ނެރެގެން ވެސް ގެންދިޔަ. އަޅުގަނޑު އުއްމީދު ކުރި ދުވަހެއް ނޫން އެއީކީ. އަޅުގަނޑު އުއްމީދެއް ނުކުރަން އެގޮތަށް ގެންގޮސްފާނޭ. އަޅުގަނޑާއި އަޅުގަނޑާއި އެއްކޮށް އުޅުނު މީހުން އޭގެ ތެރޭގައި މިއަދު ގައުމުގެ ރައީސެއްކަމުގައި އިންތިޚާބުވެވަޑައިގެންފައި ހުންނެވި އިބްރާހިމް މުހައްމަދު ސޯލިހު ހިމެނިވަޑައިގަންނަވާގޮތަށް މިތަނުން ނެރެގެން ގެންދިޔަ. އެހުންނަނީ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ކުރެވޭ ތަޖުރިބާތައް އިނގޭތޯ،" ޝާހިދު ވިދާޅުވިއެވެ.
އަބްދުﷲ ޝާހިދު ވަނީ ވ. އަތޮޅުގެ މަޖިލިސް މެންބަރުކަމާއި، ކެޔޮދޫ ދާއިރާގެ މަޖިލިސް މެންބަރުކަމާއި އަދި ހެންވޭރު އުތުރު ދާއިރާގެ މަޖިލިސް މެންބަރު ކަން ކުރައްވާފަ އެވެ. މީގެއިތުރުން މިހާރު އެކުލަވާލާފައިވާ ފެހި ގާނޫނުއަސާސީއާއި އޭގެ ކުރިން އަމަލުކުރަމުން ދިޔަ ނޫގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގައި ވެސް އަބްދުﷲ ޝާހިދު ވަނީ މަސައްކަތް ކުރައްވާފަ އެވެ.
ޝާހިދު ވަނީ 25 އަހަރު ހިދުމަތް ކުރެއްވުމުގެ ފުރުސަތު ދެއްވީތީ މެމްބަރުކަން ކުރެއްވި ދާއިރާތަކުގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.
އާ ރައްޔިތުންގެ މަޖިލީހަކަށް ކުރެވޭ އުއްމީދަކަށް ޝާހިދު ވިދާޅުވީ ރައްޔިތުންގެ ބައިވެރިވުން މަޖިލީހުން ފެންނަން އުއްމީދުކުރައްވާ ކަމަށެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އާ ސަރުކާރާއި އެކު އަބްދުﷲ ޝާހިދު މެމްބަރުކަމުން އިސްތިއުފާ ދެއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ