ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާއާއި ބެހޭ ތަފާސްހިސާބު ހިމެނޭ ފޮތް "އައިލެންޑް އިލެކްޓްރިސިޓީ ޑޭޓާ ބުކް 2018″ މިއަދު ނެރެފި އެވެ.
މި ފޮތް ނެރެދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީ ތޯރިގު އިބްރާހީމެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން މީގެކުރިންވެސް ވަނީ ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާއާއި ބެހޭ މައުލޫމާތު އެއްކޮށް "އެނާޖީ އައުޓްލުކް ފޯ އިންހެބިޓެޓް އައިލެންޑް 2013" ގެ ނަމުގައި ފޮތެއް ނެެރެފަ އެވެ.
އެންވަރަމެންޓް މިނިސްޓްރީން ބުނީ މިއަދު ނެރުނީ "އައިލެންޑް އިލެކްޓްރިސިޓީ ޑޭޓާ ބުކް 2018″ މި ސިލްސިލާގެ ހަތަރުވަނަ ފޮތް ކަމަށާ މި ފޮތުގައި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ކަރަންޓް ޚިދުމަތް ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ ނިޒާމުތަކުގެ މުހިއްމު މައުލޫމާތުތަކާއި، ހަކަތައިގެ ދާއިރާއަށް ބޭނުންތެރި ގިނަ ތަފާސްހިސާބު ތަކެއް ހިމެނިފައިވާނެ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ ބައެއް ރިސޯޓުތަކުގައި ކަރަންޓް އުފައްދައި ބޭނުންކުރެވުނު މިންވަރުގެ މައުލޫމާތުވެސް މި ފޮތުގައި ހިމެނިފައިވެ އެވެ.
ހަމަ އެފަދައިން ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ރާއްޖޭގައި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ހޯދިފައިވާ ކުރިއެރުންތަކާއި އަދި ރާއްޖޭގެ ބައެއް ރިސޯޓުތަކުގައި ބޭނުންކުރަމުންދާ އިއާދަކުރަނިވި ހަކަތައިގެ އެކިއެކި ވަސީލަތްތަކުގެ މައުލޫމާތު ވެސް މިފޮތުގައި ހިމަނާފައިވާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
"އައިލެންޑް އިލެކްޓްރިސިޓީ ޑޭޓާ ބުކް 2018" ގެ ތަފާސްހިސާބު ދައްކާ ގޮތުން 2017 ވަނަ އަހަރުގެ ތެރޭގައި 447,555 މެޓްރިކް ޓަނުގެ ޑީސަލް، 57,730 މެޓްރިކް ޓަނުގެ ޕެޓްރޯލް، 41,666 މެޓްރިކް ޓަނުގެ އޭވިއޭޝަން ގޭސް، އަދި 14,483 މެޓްރިކް ޓަނުގެ ކެއްކުމަށް ބޭނުންކުރާ ގޭސް ވަނީ ރާއްޖެއަށް އެތެރެކޮށްފަ އެވެ. އަދި 2017 ވަނަ އަހަރު މީހުން ދިރިއުޅޭ ރަށްރަށުގައި ޖުމްލަ 704 ގިގަވޮޓްއަވަރގެ ކަރަންޓު ހަކަތަ ބޭނުންކޮށްފައިވެ އެވެ. މީގެ ތެރެއިން 56.9 އިންސައްތަ ބޭނުންކޮށްފައިވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގަ އެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޖުމްލަ 240 މެގަވޮޓް ކެޕޭސިޓީގެ ޖަނަރޭޓަރު ބަހައްޓާ، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އިރުގެ އަލިން ހަކަތަ އުފައްދާ މިންވަރު ވަނީ 11 މެގަވޮޓް އަށް އިތުރު ކުރެވިފައިވާ ކަމަށެވެ.
"އައިލެންޑް އިލެކްޓްރިސިޓީ ޑޭޓާ ބުކް 2018″ ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ