ހުކުރު ދުވަހު މާލެއިން ކަރަންޓު ކެނޑުނީ ނެޓްވޯކުގެ މައި ކޭބަލަކަށް ގެއްލުން ލިބުމުން: ސްޓެލްކޯ

މިދިޔަ ހުކުރު ދުވަހު މުޅި މާލެއިން ކަރަންޓް ކެނޑެން މެދުވެރީ ސްޓެލްކޯގެ މައި ނެޓްވޯކުގެ ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެންކަމަށާއި، އެ މައްސަލަ މިހާރު ހައްލުކޮށްފައިވާކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ.
މިމަހުގެ 23 ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި ސްޓެލްކޯގެ މައި ނެޓްވޯކަށް ކުރިމަތިވި މައްސަލައަކާގުޅިގެން މުޅި މާލެއިން 4 ގަޑިއިރަށްވުރެ ގިނަ އިރުވަންދެން ވަނީ ކަރަންޓް ކެނޑިފައެވެ.
ޕީ.އެސް.އެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން މުޣުނީ ވިދާޅުވީ، މާލޭގެ ކަރަންޓް ނެޓްވޯކުގެ ސިސްޓަމް ރޭވިފައިވާގޮތުން ކްރިޓިކަލް ކޭބަލަކަށް މައްސަލައެއް ދިމާވެއްޖެނަމަ، ކަރަންޓް ދިނުމަށް ބޭނުންވާ ޖަނަރޭޓަރުތައް އަމިއްލަށް ޝަޓްޑައުންވާނެކަމަށެވެ. އަދި މިގޮތަށް މި ސިސްޓަމް ހަމަޖެހިފައިވަނީ އެފަދަ ކަމަކުން ޖަނަރޭޓަރުތަކަށް ލިބިދާނެ ގެއްލުންތައް ވީހާވެސް ކުޑަކުރުމަށްކަމަށް މުޣުނީ ވިދާޅުވިއެވެ.
މުޣުނީ ވިދާޅުވީ، މައި ކޭބަލަކަށް ގެއްލުން ވެގެން މުޅި މާލެއިން ކަރަންޓް ކެނޑިގެންދިއުމަކީ ވަރަށް މަދު ޙާލަތެއްގައި ނޫނީ ކުރިމަތިނުވާނެ ޙާލަތެއްކަމަށެވެ. އެހެންނަމަވެސް މިދިޔަ ހުކުރު ދުވަހު އެ މައްސަލަ ކުރިމަތިވި ހިސާބުން، ވަގުތުން އެކަމަށް އެޓެންޑްކޮށް، މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެށި ކަމުގައި އޭނާ ވިދާޅުވިއެވެ. ނަމަވެސް އެ މައްސަލަ ހައްލުކުރުން ހީކުރިވަރަށްވުރެ ދިގުލައިގެން ދިޔައީ، ފަހަރަަކު ޖަނަރޭޓަރަކަށްފަހު ޖަނަރޭޓަރެއް ޖައްސަން އުޅުމުގެ ތެރޭގައި އަނެއްކާވެސް އޮޓޮމެޓިކް ޝަޓްޑައުންއަކަށް ސިސްޓަމްތައް ދިއުމުންކަމަށް މުޣުނީ ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު އެ މައްސަލަ މުޅިން ހައްލުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން އަނެއްކާވެސް ކަރަންޓް ދެމުންދަނިކޮށް އަނެއްކާވެސް ޝަޓްޑައުންނަކަށް ދިޔައީ. ހަޤީޤަތުގައި އެކަން ދިގުދެމިގެންދިޔަ ސަބަބަކީ އެއީ. އަނެއްކާވެސް އަޅުގަނޑުމެން އަލުން ފަށައިގެން ކަރަންޓް ދިނުމުގެ ކަންކަން ކުރިއަށްގެންދިޔައީ. އާއްމުކޮށް އަޅުގަނޑުމެން ސިސްޓަމުގައި މައްސަލައެއް ދިމާވެއްޖެނަމަ މުޅި ސިސްޓަމް އެއްކޮށް ޝަޓްޑައުނެއް ނުވާނެ. އެކަމަކު އެ ގުޅިފައިހުރި ފީޑަރުތަކެއް ޝަޓްޑައުންވާނީ. މިފަހަރު މި ދިމާވި މައްސަލައިގެގޮތުން ހަޤީޤަތުގައި މާލެއިން ކަރަންޓުގޮއްސައި އަދި އަޅުގަނޑުމެންނަށް ފަހަރަކު ފީޑަރެއް ޖައްސަމުން އެގޮތަށް މި ގެންދަން ޖެހުނީ" މުޣުނީ ވިދާޅުވިއެވެ.
މުޣުނީ ވިދާޅުވީ، އެކުންފުނީގެ މަސައްކަތް ބެހިފައިވަނީ މައިގަނޑު ދެބަޔަކަށް ކަމަށެވެ. އެގޮތުން ކަަރަންޓް އުފެއްދުމާއި، އެ ޑިސްޓްރިބިއުޓްކުރުންކަން ފާހަގަކުރައްވާ، މުޣުނީ ވިދާޅުވީ، މި ދެބަޔަކީވެސް ވަރަށް މުހިއްމު ދެ ބައިކަމަށާއި، އެއިން އެއްވެސް ބަޔަކަށް މައްސަލައެއް ޖެހިއްޖެނަމަ އާއްމު ރައްޔިތުންނަށް ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކަށް ބުރުއަރާނެކަމަށެވެ. އެހެންކަމުން އެފަދަ ކަމަކަށް އެކުންފުނިން އަބަދުވެސް ތައްޔާރުވެގެން ތިބޭކަމަށާއި، އަބަދުވެސް މަސައްކަތް ކުރަނީ އެފަދަ ކަމެއްވިޔަނުދޭންކަމަށްވެސް މުޣުނީ ވިދާޅުވިއެވެ.
މާލޭގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް މިހާރު ބޭނުންކުރާ ނެޓްވޯކަކީ ވަރަށް ދުވަސްވީ ނެޓްވޯކެއްކަން ފާހަގަކުރައްވާ، މުޣުނީ ވިދާޅުވީ ނެޓްވޯކް އަޕްގްރޭޑްކުރުމުގެ މަސައްކަތް އެކި ފަހަރު މަތިން ކޮށްފައިވީނަމަވެސް، ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި އެ މަސައްކަތް އެންމެ އެދެވޭގޮތެއްގައި ކުރިއަށްގޮސްފައިނުވާކަމަށެވެ. އަދި 2019 ވަނަ އަހަރުގެ ތެރޭގައިވެސް ނެޓްވޯކު އަޕްގްރޭޓްކުރުމުގެ މަސައްކަތް ކޮށްފައިވާކަމަށާއި، މިއަހަރުގެ ތެރޭގައިވެސް ކޮންމެވެސް ވަރަކަށް އެ މަސައްކަތް ކުރިއަށްގެންގޮސްފައިވާކަން މުޣުނީ ވަނީ ފާހަގަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ