އަމިއްލައަށް ހޯދާ މުސީބާތަކީ ސިޔާސީ ގޮތުން މިކުރާ ކަންތައްތައް: ރައީސް

ދިވެހިން އަމިއްލައަށް ހޯދަމުން އަންނަ "މުސީބާތަކީ" ސިޔާސީ ގޮތުން ހޯދަމުން އަންނަ މުސީބާތްތައް ކަމަށާއި އެފަދަ ކަންކަން ކުރުމުން ދިވެހިން ދުރުވާންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ. ދަރުބާރުގޭގައި މިރޭ އޮތް "އިކޮނޮމިކް ޑައިލޮގް ވިތު ދަ ޕްރެޒިޑެންޓް" ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން އިޝާރާތް ކުރެއްވި "ސިޔާސީ މުސާބާތަކީ" ދިވެހިންގެ ތެރެއިން ބަޔަކު ކުރާ ކަންތައްތަކުގެ ސަބަބުން، ފަތުރުވެރިކަމާއި ގައުމުގެ ތަރައްގީއަށް ހުރަސް އެޅިގެންދާތީ ދިމާވާ ގޮންޖެހުންތަކަކަށެވެ. ރައީސް ވިދާޅުވީ ރާއްޖެއަކީ ދިވެހިނާއި ބޭރު މީހުންނަށް ވެސް އުޅެވޭ ތަނަކަށްވާންޖެހޭ ކަމަށެވެ. އަދި އެގޮތަށް އެކަން މިއަދާ ހަމައަށް އޮތުމުގެ ނަތީޖާ ފަތުރުވެރިކަމުގެ ސިނާއަތަށް ބަލާލިއަސް ފެންނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. "އަދި ދިވެހިރާއްޖެއަކީ ނާމާން ތަނެއްގެ ގޮތުގައި ދެއްކުމަށް މި ކުރާ މަސައްކަތް، ޓުވީޓްތަކުގަ އާއި ޝޯޝަލް މީޑިއާގައި ރާއްޖެއާ ބެހޭ ގޮތުން ދެކެވޭ ބޭކާރު ދޮގު ވާހަކަތައް. ނަމަވެސް މި ހުރިހާ މަސައްކަތްތަކާ އެކީ ދިވެހިރާއްޖެ މިއީ ހެބިޓެބަލް އަދި ދިވެހިން ދިރިއުޅެން ވެސް ކަމުދާ އަދި ބޭރު މީހުން ވެސް އުޅެން ކަމުދާ އަދި ބޭރު މީހުންނަށް އެންމެ ހައި ރިޓާނެއް އިންވެސްޓުމަންޓު ރިޓާނެއް ލިބޭ ތަނަކަށް ދިވެހިރާއްޖެ ނޫނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ނިޒާމު އޮތް ތަނެއްގެ ގޮތުގައި މިހާރު މިއޮތީ. އެއަށް ކެޕްޓަލައިޒް ކޮށްފައި އެއަށް އިތުރު ކުރިއެރުންތައް ލިބޭތޯ އެހެން ބޮޑެތި މަޝްރޫއުގެ ވާހަކަތައް މި ދައްކަނީ،"ރައީސް ވިދާޅުވި އެވެ. ރާއްޖެއަކީ ޓެކްސް ނެގޭނެ މާ ގިނަ ދާއިރާތަކެއް ހުރި ގައުމެއް ނޫން ކަމަށް ފާހަގަ ކުރައްވައި ރައީސް ޔާމީން މިރޭ ވިދާޅުވީ ކޮންމެ މީހަކީ ވެސް ކޮންމެ ކިޔަވާ ކުއްޖަކީ ވެސް އަތްމަތި ތަނަވަސް މުއްސަންޖަކަށް ވާން ބޭނުންވާނެ ކުއްޖެއް ކަމަށެވެ. އެގޮތުން މިރޭ ތައާރަފް ކުރެވިގެން ދިޔަ 50 މިލިއަން ރުފިޔާގެ ލޯނަކީ ވެސް ޒުވާނުން ބާރުވެރި ކުރުމަށް ޒުވާނުންނަށް ވިޔަފާރި ކުރެވޭނެ މަގު ތަނަވަސް ކުރުމަށް ހުޅުވާލެވިގެން ދިޔަ ފުރުސަތެއް ކަމަށާއި އެއީ ސަރުކާރުގެ ބޭނުން ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ޔާމީން ވިދާޅުވީ ރާއްޖެއަކީ ބޭރުގެ "ވަރަށް" އެހީ ލިބޭ ގައުމެއް ކަމަށް ބައެއް ފަރާތްތަކުން ދެކެމުން އަންނަ ކަމަށެވެ. ނަމަވެސް އެއީ ކުންހީއެއް ކަމަށް ރައީސް ވިދާޅުވި އެވެ. ދިވެހިންގެ ދާހިލީ ކަންތައްތައްކާ ގުޅޭ ގޮތުން ދުނިޔޭގެ ނުފޫޒުގަދަ ބައެއް ގައުމުތަކުން ވާހަކަދައްކަމުން ދިޔަ ނަމަވެސް ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރުމަށް އެ ގައުމުތަކުން އެއްވެސް ހޭދައެއް ކޮށްފައި ނުވާ ކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވި އެވެ. "ނަމަވެސް އަޅުގަނޑުމެން އުފަލާއެކު ފާހަގަ ކުރަން ޖެހެނީ ބައެއް ކަހަލަ ސްޓްރެޓިޖިކް އެލަޔަންސްތަކުގެ ތެރެއިން އަޅުގަނޑުމެންނަށް މި ކުރެވޭ މަސައްކަތްތައް ވަރަށް ރަނގަޅު. އިންޑިއާއަކީ އަޅުގަނޑުމެންނަށް ވަރަށް އެހީވާ ގައުމެއް. ޗައިނާއަކީ އަޅުގަނޑުމެންނަށް ވަރަށް އެހީވާ ގައުމެއް. ޖަޕާނަކީ އަޅުގަނޑުމެންނަށް އެހީވާ ގައުމެއް. އަދި ފަހުން އަޅުގަނޑުމެންނާ އުހުވަތްތެރިކަމުގެ ގުޅުން އިތުރުވެގެން ދިޔަ ސައުދީ އަރަބިއްޔާއާ އިސްލާމީ ދައުލަތްތަކަކީ އަޅުގަނޑުމެންނަށް ވަރަށް އެހީވާ ގައުމުތައް. އެހެންވީމަ އެ ގައުމުތަކާ އެކީ އަޅުގަނޑުމެން ކުރިއަށްދާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ. ރައްޔިތުންނަށް ހިދުމަތް ކުރުމަށް ރައީސް ޔާމީނަށާއި އެމަނިކުފާނުގެ ކެބިނެޓަށް ލިބިފައި ވަނީ ފަސް އަހަރު ދުވަހުގެ މުއްދަތު ކަމަށާއި އެ މުއްދަތު ނިމުމުގެ ކުރިން ޒުވާނުންނަށް އުފާވެރި މުސްތަގުބަލެއް ހޯދައިދޭން ސަރުކާރުން ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ