ހިޔާނާތަށް އެކަކު އެއްބަސްވެއްޖެ، ހިޔާނާތް ހިންގާފައިވަނީ އެފްއެސްއެމްއާ ގުޅިގެން: ޝާހިދު

މޯލްޑިވިސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ތެރޭގައި ހިންގި ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން އެކަކު ކުށަށް އިއުތިރާފުވެފައިވާ ކަމަށާއި ކޮރަޕްޝަން ހިންގާފައިވަނީ އެސްޓީއޯގެ ތެޔޮ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ބައެއް ފަރާތްތަކާ ގުޅިގެން ކަމަށް އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.
އެމްޕީއެލްގައި މުވައްޒަފުންތަކެއް ތެލުގެ ވިޔަފާރިން އަށް މިލިއަން ރުފިޔާގެ ވައްކަމެއްކޮށްފައިވާ ކަމަށް ފަޅާ އަރުވާލީ އެކުންފުނީގެ ކުރީގެ ޗެއާމަން މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) އެވެ. އެ މައްސަލަ ރަނގަޅަށް ނުބަލާކަމަށް ވިދާޅުވެ، އޭނާ ވަނީ އިއްޔެ އިސްތިއުފާ ދެއްވައިފައެވެ.
އެމްޕީއެލްގެ ތެރޭގައި ހިންގި ކޮޕަރްޝަންގެ މައްސަލައާ ގުޅިގެން މިހާތަނަށް ތިން މީހަކު ސަސްޕެންޑް ކޮށްފައިވާ އިރު، އެ ތިން މީހުންނަކީ ވެސް ޕްރޮކިއުމެންޓްގެ ޖޫނިއާ ސްޓާފުންނެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ޝާހިދު މިރޭ ވިދާޅުވީ ކުންފުނީގެ ތެރޭގައި ކޮރަޕްޝަން ހިންގާފައިވާކަން އެނގުނީ މީގެ މަހެއްހާ ދުވަސް ކުރިން އާންމުކޮށް ހަދާ ހުރިހާ ރިޕޯޓުތައް ތައްޔާރުކުރުމުގެ ތެރޭގައި ފިއުލް ކޮންސަޕްޝަން ރިޕޯޓުން ކަމަށެވެ. ލޮކްޑައުންގެ ސަބަބުން ކޮންމެ މަހަކު އެއް ފަހަރު ހަދާ ރިޕޯޓުތައް ހުރީ ނުހެދި ކަމަށާއި އެހެންކަމުން އޭގެ ކުރީ ތިން މަހުގެ ރިޕޯޓުތައް އެކުލަވާލާފައި ނެރުނު އިރު އާންމު އުސޫލުން ތެޔޮ ގަންނަ އަގަށްވުރެ ބޮޑުކޮށް ތެޔޮ ގަނެފައިވާކަން މެނޭޖްމެންޓަށް ފާހަގަކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.
"ކޮވިޑްގެ ތެރޭގައި އަޅުގަނޑުމެންގެ އޮޕަރޭޝަން ލެވެލްވެސް ތަންކޮޅެއް ދަށް. މުދާ އަންނަ ނިސްބަތުން މުދާ އައުންވެސް ދަށް. އެހެންވީ އަސްލު ތެޔޮ މައްޗަށް ގޮސްގެން ނުވާނެކަން އަޅުގަނޑުމެންނަށް ފެނޭ. އެކަމަކު ކޮންސަޕްޝަން ރިޕޯޓުން މި ފެނުނީ ތެލުގެ ކޮންސެޕްޝަން މައްޗަށް ގޮސް ހުރިކަމަށް،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އެކަމާ ގުޅިގެން ވަގުތުން އޮޑިޓް ކުރަން ނިންމި ކަމަށާއި އޮޑިޓް ފަށައިގެން ކުރިއަށްދާތާ މަހެއްވަރު ވެދާނެ ކަމަށެވެ. އެގޮތުން ލިޔެކިޔުންތަކެއް ފޯޖް ކޮށްފައިވާ ކަމަށާއި އެކަން ކޮށްފައިވަނީ ތެލަށް ރިކުއެސްޓްކުރާ ފޯމްތަކެއްގެ ފޮޓޯކޮޕީ ހަދައި އޭގެ ނަމްބަރުތައް އޮޅުވާލައިގެން ކަމަށް އޮޑިޓް ރިޕޯޓުން ފާހަގަކުރެވުނު ކަމަށެވެ.
ތަހުގީގު ކުރިއަށްގެންދިއުމަށް އެކަމުގައި ޝާމިލުވާ މުވައްޒަފުންގެ ތެރެއިން ބަޔަކު ވަގުތުން މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް ގެއަށް ފޮނުވާލާފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
"ދެން މިކަމާ ގުޅުންހުރި މުވައްޒަފުންގެ ނެގި ބަޔާންތަކުގެ ތެރެއިން އެއް މުވައްޒަފަކު އިއުތިރާފުވެސް ވެއްޖެ ތިމަންނަމެން މިކަން ކުރަމުން ގެންދާ ކަމަށް. އަދި ކުރި ކަމަށް މި ލޮކްޑައުން ތެރޭގައި. ދެން އަދި މިކަން ކުރަނީ ތެޔޮ ސަޕްލައި ކުރާ ފަރާތް، އެއީ އެސްޓީއޯގެ ތެޔޮ ކުންފުނި ފިއުލް ސަޕްލައިގެ ބައެއް ފަރާތްތަކާ ގުޅިގެން ކަމަށްވެސް ބަޔާންދީފަ އެބައިން،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އޮޑިޓް ރިޕޯޓާއެކު ބޯޑަށް ހުށަހެޅުނީ ރެކޮމެންޑޭޝަންތަކަކާއެކު ކަމަށާއި އެއީ މިހާރު މި ހޯދުނު ހޯދުންތަކުން އަދި އިތުރަށް ތަހުގީގު ކުރަންޖެހޭ ކަމަށެވެ. އެގޮތުން ލިޔެކިޔުންތަކެއް ފޯޖްކޮށްފައި ހުރުމާ ގުޅިގެން ޖިނާއީ މައްސަލައަކަށް ވާތީ، ފުލުހަށް ހުށަހަޅައި މައްސަލަ އިތުރަށް ތަހުގީގުކުރަން ނިންމި ކަމަށެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އޮޑިޓާ ޖެނެރަލް އޮފީހަށްވެސް ހުށަހަޅަން ނިންމި ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށް ހާއްސަ އިންވެސްޓިގޭޝަން ޓީމެއް އެކުލަވާލާފައިވާ ކަމަށެވެ. އެގޮތުން މި މައްސަލައަކީ ކިހާ ފުނަކަށް ގޮސްފައިވާ މައްސަލައެއް ކަމާއި އިތުރު ކޮރަޕްޝަންގެ މައްސަލަތަކެއްވެސް ހިމެނޭތޯ ބަލާނެ ކަމަށެވެ. އަދި މިކަމުގައި ޝާމިލުވާ އެހެން ފަރާތްތައް ހޯދައި އެންމެ މައްސަލައިގެ ފުނަށް ދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝާހިދު އިތުރަށް ވިދާޅުވީ ވައްކަން ކޮށްފައިވަނީ އަށް މިލިއަން ކަމެއް ސީދާ ދަންނަވަން ދަތި ކަމަށާއި އެއަށްވުރެ މަތިވެސް ނުވަތަ ދަށްވުންވެސް އެކަށީގެންވާ ކަމަށެވެ. އެގޮތުން ލިޔެކިޔުންތައް ބަލައި ފޯޖްކޮށްފައިވާ ލިޔެކިޔުންތަކަށް ތެޔޮ ގަނެފައިވަނީ ކިހާ މިންވަރަކަށްތޯ ބަލަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ