ދޫނިދޫގައި ގެންގުޅުނު ނަމަވެސް ރައީސް ނަޝީދާއި ސަރުކާރު ޖަވާބުދާރީ ކުރުވަން ފަހެއް ނުޖެހޭނަން: ޔާމީން

އޭނާ އާއި މާމިލިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފަދަ ބޭފުޅުން ސަރުކާރުން ހައްޔަރުކުރި ނަމަވެސް ރައީސް މުހައްމަދު ނަޝީދު ހާސިލުކުރައްވަން ބޭނުންފުޅުވާ އެއްވެސް ކަމެއް ހާސިލު ނުކުރެއްވޭނެ ކަމަށާއި އެ ބޭފުޅުން ދޫނިދޫގައި ގެންގުޅު ނަމަވެސް ރައީސް ނަޝީދާއި ސަރުކާރު ޖަވާބުދާރީ ކުރުވަން ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށް، މިދިޔަ އަންގާރަ ދުވަހު ފުލުހުން ހައްޔަރުކުރި މުލަކު ދާއިރާގެ މެމްބަރު އަދި ޕީއޭގެ ރައީސް އަބްދުﷲ ޔާމީން ބުދަ ދުވަހުގެ ރޭ ވިދާޅުވެއްޖެ އެވެ.
ސަރުކާރު ވައްޓާލަން އުޅޭކަމުގެ ތުހުމަތުގައި ދޫނިދޫގައި ހައްޔަރުކުރުމަށް ފަހު ތިން ދުވަސް ވަންދެން ގޭ ބަންދުގައި ބަހައްޓަން ޖިނާއީ ކޯޓުން ބުދަ ދުވަހުގެ ރޭ އަމުރު ނެރުނު ފަހުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ އެ ބޭފުޅުންގެ މައްސަލަތައް އޮތިއްޔާ ގާނޫނީ ހަމަތަކުގެ މަތިން ބެއްލެވުމަކީ ރައީސް ނަޝީދުގެ އަރިހުގައި އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން ދެ ދުވަހު ދޫނިދޫގައި ގެންގުޅުއްވައިފި ހަމަ ޓޯޓަލީ ]މުޅިން[ ގާނޫނާ ހިލާފަށް. ދެ ދުވަސް މަތިން އަޅުގަނޑުމެން ތި ގެންގުޅުއްވީ ދޫނިދޫގައި. އެހެން ނަމަވެސް ރައްޔިތުންގެ ހައްގުގައި، މި ސަރުކާރު މަގުން ކައްސާލައިގެން ދާއިރު ސަރުކާރު ޖަވާބުދާރީ ކުރުވަން އަދި ހުދު ރައީސް ނަޝީދު ޖަވާބުދާރީ ކުރުވާކަށް ވެސް ޔާމީން ފަހެއް ނުޖެހޭނަން،" ޖަސްޓިސް ބިލްޑިންގައި ހުންނަވައިގެން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޔާމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބުދަދުވަހަކީ ހައްގުގެ މަގުގައި ނަސްރު ލިބުނު ދުވަހެއް ކަމަށާއި "އަނިޔާވެރި" ސަރުކާރަކުން ފުލުހުން ލައްވައި ގާނޫނާ ހިލާފު ކިތަންމެ ކަންތައްތަކެއް ކުރުވާފައިވާ ކަމަށެވެ. ކުރީގެ ރައީސް މައުމޫނުގެ ކޮއްކޯފުޅު ޔާމީން ވިދާޅުވީ ސަރުކާރުން އޭނާގެ މައްޗަށް އުފުލާފައި ވަނީ ސަރުކާރު ވައްޓާލަން އުޅޭ ކަމުގެ ތުހުމަތު ކަމުގައި ވިޔަސް އެ ކަމުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.
"އަޅުގަނޑުމެން ދެންނެވިން އަޅުގަނޑުމެން އޮޕޮޒިޝަންގައި ތިބޭ ކަމަށް ވަންޏާ ގާނޫނު އަސާސީން އަޅުގަނޑުމެންނަށް ލާޒިމް ކުރަނީ ސަރުކާރު މަގުން ކައްސާލައިގެން ދާ ކަމަށް ވަންޏާ ސަރުކާރު ޖަވާބުދާރީ ކުރުވާށޭ. އަދި ޖަވާބުދާރީ ނުވެއްޖެ ކަމަށް ވަންޏާ އެ ޖަވާބުދާރީ ނުވި ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް ނަގާށޭ،" ޔާމީން ވިދާޅުވި އެވެ. "އެނގިވަޑައިގަންނަވާނެ މި ކަމެއް ހިނގައި މުޅި ކެބިނެޓް އިސްތިއުފާދީ އަޅުގަނޑާ ގާސިމާ ދޫނިދު އަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު ]އެއޮތީ[ މުޅި ސަރުކާރު އިސްތިއުފާ ދީފައި. އެހެންވީމަ އަޅުގަނޑަށް ގަބޫލު ކުރެވެނީ ރައީސް ނަޝީދުގެ ސަރުކާރު ހަގީގަތުގައި މި ވައްޓާލީ ޔާމީނާއި ގާސިމް އިބްރާހީމެއް ނޫނޭ. ރައީސް ނަޝީދުގެ ސަރުކާރު މި ވައްޓާލީ ރައީސް ނަޝީދު އައްޔަން ކުރެއްވި ކެބިނެޓް މިނިސްޓަރުން. އެ ބޭފުޅުން އެއްގޮތަކަށް ވެސް އަޅުގަނޑުމެންގެ ބަހެއް ހޯއްދަވާފައެއް ނުވޭ އިސްތިއުފާ ދެއްވާކަށް."
ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް އެއްބާރުލުން ނުދޭތީ އެކަން ތަހުގީގު ކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު ޔާމީން ވިދާޅުވީ މަޖިލީހުން ކުރާ ކަންތައްތަކުގެ ތަހުގީގު ކުރަން ޖެހޭ އުސޫލު އެމަނިކުފާނަށް އެނގިވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި ޔާމީން ވިދާޅުވީ މަޖިލީހުގެ މެމްބަރުން ގޭގައި ތިއްބަވަނިކޮށް ގެންގޮސް ހައްޔަރު ކުރެވުމުން އެ އުސޫލުތައް ނުހިންގެވޭނެ ކަމަށެވެ.
ޔާމީން ވިދާޅުވީ ޑީއާރުޕީ އާއި ޕީއޭ އަދި އެހެން ޕާޓީތައް މަޖިލީހުގައި ތަމްސީލު ކުރަމުންދާއިރު ސަރުކާރު ހިންގަން ވަރަށް ފަސޭހަ ދުވަސްތަކެއް ދިޔަ ކަމަށާއި އެކަމަކު ދައުލަތުގެ މުދާތައް "ވިއްކަވާ" ހިސާބަށް ދިއުމުން ރައްޔިތުންގެ ހައްގުގައި މަޖިލީހުގެ މެމްބަރުންގެ ކެތްތެރިކަން ކުޑަވީ ކަމަށެވެ.
"އަޅުގަނޑުމެން ކޮށްފައި އޮތް ހުވައަށް ބަލާއިރު އަޅުގަނޑުމެން ޖެހޭ މި ސަރުކާރު ޖަވާބުދާރީ ކުރުވަން. މި ޖަވާބުދާރީ ކުރުވަން ހުރި މަސައްކަތްތަކުގައި އަޅުގަނޑުމެންނަށް ގަބޫލުނުކުރެވޭ ސިޔާސަތުތައް، ތައުލީމީ ދާއިރާގެ ސިޔާސަތުތައް ގެންގުޅުއްވާ ގޮތުން ޑރ. މުސްތޮފާ ލުތުފީގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދައި މައްސަލަ ބަހުސް ކުރަން އޮތް ދުވަހުގެ ކުރީ ދުވަހު ޔާމީނާއި ގާސިމް އިބްރާހީމާ މި ހައްޔަރު ކުރީ،" ޔާމީން ވިދާޅުވި އެވެ.
ތިން ދުވަހަށް ގޭ ބަންދުގެ މުއްދަތު އިތުރު ކުރެއްވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ވިދާޅުވީ އޭނާ އަކީ އަބަދުވެސް ތިން ބާރު ވަކިކުރުމުގެ ނިޒާމަށް ތާއީދު ކުރައްވާ އަދި އިންސާފަށް ލޯބި ކުރައްވާ ބޭފުޅެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރުގެ ސަރުކާރުގައި ވެސް ކުރައްވަން ޖެހިވަޑައިގެންނެވި ކަންކަން އިސްލާހަށްޓަކައި ކުރެއްވި ކަމަށެވެ.
"އަޅުގަނޑު ]މި ސަރުކާރުން[ ނުކުމެގެން އައީ އަޅުގަނޑަށް ]ސަރުކާރުގައި[ 21 ދުވަސްވީ ތަނުން އަޅުގަނޑަށް އެނގިއްޖެ މި ސަރުކާރުގައި ނުހުރެވޭނެކަން. އަޅުގަނޑުގެ ވާޖިބު އަދާކުރުމަށް އަޅުގަނޑަށް ނުކުޅެދިއްޖެ ކަން. ނުކުޅެދުނީ އަޅުގަނޑާ ހެދިއެއް ނޫން. އަޅުގަނޑަށް ވަޒީފާ ދެއްވި ފަރާތުން އަޅުގަނޑުގެ ވާޖިބު އަދާކުރުމަށް ފުރުސަތު ނުދެއްވީމަ އަޅުގަނޑު ނުކުމެގެން އައީ،" ގާސިމް ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރުކަން ކުރެއްވި ގާސިމް ވިދާޅުވީ މިހާރުގެ ސަރުކާރުން އިސްތިއުފާ ދެއްވުމަށް ފަހު އަމިއްލަ ވިޔަފާރީގެ އިތުރުން މަޖިލީހާއި ޖުމްހޫރީ ޕާޓީގައި ހުންނަވައިގެން މަސައްކަތްކުރެއްވީ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށް ކަމަށެވެ.
"މިހާރު އަޅުގަނޑުގެ ބޮލުގައި އަޅުވަމުން އެ ގެންދާ އިލްޒާމަކީ ބަޔަކު ފުރިހަމަކުރަން ބޭނުން ވެގެން ކުރާ ކަމެއް. ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑު މިއީ ގައުމަށް އެފަދަ ހަރާންކޯރު ކަމެއް ކުރާނެ މީހެއް ނޫނޭ. އަޅުގަނޑު ނުކުރާނަމޭ ޔަގީން ކުރައްވާށޭ. މިހާތަނަށް ކޮށްފައެއް ވެސް ނޯންނާނެ،" ޖިނާއީ ކޯޓުން ނުކުމެ ވަޑައިގެން ނޫސްވެރިންނަށް ދެއްވި ކުރު އިންޓަވިއުގައި ގާސިމް ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އެ ބޭފުޅުން ދޫނިދޫގައި ތިއްބެވިއިރު ފުލުހުން ވަރަށް ކަމޭހިތްތެވި ކަމަށާއި ޝަކުވާ ކުރައްވާނެ އެއްވެސް ޖާގައެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ އެ ބޭފުޅުން ދޫނިދު އަށް ގެންދެވީ ފުލުހުންގެ ގާނޫނާ ހިލާފަށް ކަންތައްތަކެއް ކުރުމަށް އައި އަމުރުތަކެއްގެ ސަބަބުން ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ.
އޭނާ އަދި ވިދާޅުވީ މޯލްޑިވްސް ޕޮލިސް އަކީ ޕްރޮފެޝަނަލް ހިދުމަތަކަށް ހަދަންޖެހޭ ކަމަށާއި ފުލުހުން ތަބާވާންޖެހޭނީ ހަމައެކަނި ގާނޫނީ އަމުރަށް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އަކީ ފުލުހުންގެ އެންމެ މަތީ ވެރިޔާ ނޫން ކަމަށާއި މި ވަގުތު ފުލުހުންގެ އެންމެ މަތީ ވެރިޔަކީ ޕޮލިސް ކޮމިޝަނަރު ކަމަށް ވާއިރު އޭނާގެ މައްޗަށް އަމުރުކުރައްވާނެ ސިޔާސީ ވެރިއެއް ނުހުންނަވާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ