ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެ މަސް ދުވަހު ވެރިކަން ކުރައްވާނެ: ރައީސް ނަޝީދު

ދައުރުގެ މެދުތެރެއިން އިލެކްޝަނެއް ބާއްވާ ވާހަކަ ދެއްކެވީ ފަސް އަހަރުގެ ވެރިކަމެއް ކުރެއްވުމަކީ ދަތިކަމެއް ކަން އެނގިވަޑައިގަންނަވާތީ ކަމަށާއި މިހާރު ގައުމުގެ ހާލަތު އޮތް ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ދެ މަސް ދުވަސް ވަންދެން ރާއްޖޭގެ ރައީސް ކަމާ ހަވާލުވެވަޑައިގެން ސަރުކާރު ހިންގަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.އެމްޑީޕީންގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނާ އެކު ދަރުބާރުގޭގައި ބޭއްވި ޖަލްސާއެއްގައި ނަޝީދު ވިދާޅުވީ މަޖިލީހުގެ ރައީސް ވެރިކަން ކުރައްވާއިރު އެމްޑީޕީން ހިތުގެ އަޑިން އެމަނިކުފާނަށް ތާއީދުކުރާނެ ކަމަށާއި އެއީ ގައުމުގެ ތާރީހު ދެކޭނެ އެންމެ މުހިއްމު ހިނދުކޮޅު ކަމަށެވެ. ގައުމުގައި ހެޔޮވެރިކަމެއް އުފެދޭނީ މަޖިލީހުގެ ރައީސްގެ ވެރިކަމަށް ފަހުގައި ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ."މި ދުވަހަކީ އަޅުގަނޑުމެންނަށް ނޭނގި އޮތް ދުވަހެއް ނޫން. އަޅުގަނޑުމެން
ކުރަމުން ދިޔަ އެއްވެސް ކަމަކީ ނޭނގުމެއްގެ ތެރޭގައި ކުރަމުން ދިޔަ
ކަންކަމެއް ނޫން،" ކުރީގެ ރައީސް ނަޝީދު ވިދާޅުވި އެވެ. "ދައުރުގެ މެދުން
އިންތިހާބެއް ބޭއްވުނީމަ ދެން އަޅުގަނޑުމެންނަށް ފެންނާނީ ކުރީގައި ހުރި
ކިލަނބުކަމަށް ވުރެ މާ ސާދާ ސާފުކަމެއް. އަޅުގަނޑުމެން މިހާރު މިދަނީ އެ
ސާދާ ސާފުކަން ހޯދުމަށް. އަޅުގަނޑުމެން އެ ސާފުކަން މި ފަހަރު ހޯދަނީ،
ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެ މަސް ދުވަހު ވެރިކަން ކުރައްވާނެ. އެ ދެ
މަސް ދުވަހުގެ މުއްދަތުގައި އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖޭގެ ދަށު
ކޯޓުތައް އަލުން އަނބުރާ އެކުލައްވާލައްވާނެ. އެމަނިކުފާނުގެ ވެރިކަމުގައި
ރާއްޖޭގެ ފުލުހުންނަކީ ރައްޔިތުންގެ ލޯބި ލިބިފައިވާ މުއައްސަސާ އަކަށް
ހެދުމަށްޓަކައި މަސައްކަތް ކުރައްވާނެ،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، އެމްޑީޕީގެ ވެރިކަން ބަދަލުކުރުމަށް ފުލުހުންނާއި ސިފައިން ހަރަކާތްތެރިވި ގޮތުގެ މައްޗަށް ވެސް އަލިއަޅުއްވާލެއްވި އެވެ.ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖޭގެ ފުލުސް އޮފީހަކީ ވިޔަފާރިވެރިން ބޭނުންވާ ގޮތަށް، ފުލުހުން ހައްލައިގެން ބަޣާވާތްކޮށްގެން އެ މީހުންގެ ބޭނުންތައް ފުއްދުމަށް ތިބޭ ބައަކަށް ވާނަމަ، ރާއްޖެ އަށް ތަރައްގީއެއް ނުލިބޭނެ އެވެ. އެހެންކަމުން ފުލުހުން ރައްޔިތުންގެ ލޯބި ހޯދުމަކީ މުހިއްމު ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ."މިހާރު މި ރާއްޖޭގައި ވެރިކަން ނާޖާއިޒު ނަހަމަ ގޮތެއްގައި، ޣައިރު ގާނޫނީ
ގޮތެއްގައި ކުރަމުންދާ ވެރިކަން ބޭރުދުނިޔޭގައި ގަބޫލުކުރެވެން އޮތީ އެ
ބަޣާވާތުގެ ކަންކަން އިންސާފުކުރުމަށް ފަހު،" ޑރ. މުހައްމަދު ވަހީދުގެ
ސަރުކާރަށް ނިސްބަތްކުރައްވައި ނަޝީދު ވިދާޅުވި އެވެ.އެމަނިކުފާނުގެ ވެރިކަން ވައްޓާލުމަށް ބަޣާވާތް ކުރި މީހުންނަށް ހައްގު އަދަބު ދޭން ޖެހޭނެ ކަމަށާއި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެރިކަމުން ދުރަށް ވަޑައިގަތުމަކީ ބުއްދިވެރި ގޮތް ކަމަށް ވިދާޅުވެ މިހާރު އޮތީ ގާނޫނީ ސަރުކާރެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.އެމްޑީޕީން ހަގީގީ މާނައިގައި ހަރަކާތްތެރިވެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމުގެ މަސައްކަތް ފެށީ މާފުށީ ޖަލުގައި ބަޑިޖަހައި މަރުވި އީވާން ނަސީމުގެ މަރަށް ފަހު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ޕާޓީގެ އަސްލު މަގްސަދަކީ އަނިޔާވެރިކަމަކާ ނުލައި ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ހޯދައިދިނުން ކަމަށެވެ.ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އެއްވެސް ރައްޔިތަކަށް އަނިޔާއެއްކޮށްފައި ނޯންނާނެ ކަމަށެވެ. އެކަމަކު އެމަނިކުފާނުގެ ވެރިކަން ބަޣާވާތަކުން ވައްޓާލިތާ 12 ގަޑިއިރު ނުވަނީސް ޝަރުއީ އަމުރަކާ ނުލައި 500 އަށް ވުރެ ގިނަ މީހުން ޖަލަށްލާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ރާއްޖޭގެ އެތައް ބަޔަކަށް އަސަރުކޮށް، އަނިޔާވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އެހެންކަމުން އައްޑޫން ފެށިގެން ތުރާކުނާ ދެމެދު ފުލުހުން އިއްޔެ ހައްޔަރުކުރި މީހުން ދޫކޮށްލުމަށް ގޮވާލެއްވި އެވެ.ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދުގެ ސުލޫކީ މައްސަލައާ ދޭތެރޭ ޖުޑީޝަލް ސާވިސަސް ކޮމިޝަނުން ފިޔަވަޅު އަޅައިދިނުމަށް މިރޭގެ ޖަލްސާގައި ވެސް އެމަނިކުފާނު ވަނީ ގޮވާލައްވައިފަ އެވެ."އަބްދުﷲ މުހައްމަދަކީ ސުލޫކީ މައްސަލަތަކާއި އޭނާ އަކީ ފަނޑިޔާރުކަން
ކުރެވޭނެ މީހެއް ނޫން ކަމަށް ޖުޑީޝަލް ސާވިސަސް އިން ނިންމާފައިވާއިރު
ފަނޑިޔާރު ގޭގައި އިނުމަކީ އަޅުގަނޑުމެން އަބަދުވެސް ފާހަގަކުރަމުން އަންނަ
ގޮތަށް ޖިނާއީ މުޅި އަދާލަތުގެ ނިޒާމް ކިލަނބުވެގެންދާ ކަމެއްގެ ގޮތުގައި
އަބަދުވެސް ފާހަގަވޭ. އަޅުގަނޑު އަނެއްކާ ވެސް ދަންނަވާލަން އޮތީ
ޖޭއެސްސީން އަބްދުﷲ މުހައްމަދުގެ މައްޗަށް އަޅަން ނިންމާފައިވާ
ފިޔަވަޅުތައް އަޅައި ގާނޫނު އަސާސީގައިވާ ގޮތުގެ ފަނޑިޔާރުގެތަަކަށް
ހެދުމަށް،" ނަޝީދު ވިދާޅުވި އެވެ.
އަދި ދަށު ކޯޓުތަކުގައި ވެސް ފަނޑިޔާރުން އައްޔަންކޮށްފައި ވަނީ ގާނޫނު ހިލާފަށްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދުލު އިންސާފުގެ ދާއިރާ ހަމައަކަށް އެޅުމުން ނޫނީ ގައުމުގައި ހެޔޮ ވެރިކަމެއް ނުކުރެއްވޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި ފަނޑިޔާރުންނާ ދޭތެރޭ އަޅާފައިވާ އެއްވެސް ފިޔަވަޅަކާ މެދު ހިތާމަނުކުރައްވާ ކަމަށާއި އެ ފިޔަވަޅު އަޅާފައި ވަނީ ރައްޔިތުންގެ ހައްގުގައި ކަމަށް ވެސް ވިދާޅުވި އެވެ."ރާއްޖޭގެ ކޯޓުތަކަކީ މިއަދާ ހަމައަށް އައިއިރު ވެސް ކުރީގެ ސަރުކާރުން
ހިންގާފައިވާ ކިތަންމެ ޖަރީމާއެއް ފޮރުވައިދޭ ނިވާފަތްގަނޑަކަށް ވެފައި
އޮންނަކަން އެއީ މިދިޔަ ދުވަސްތަކުގައި އަޅުގަނޑުމެންނަށް ވަރަށް ފުރިހަމަ
އަށް ފެނިގެން ދިޔަ ހަގީގަތެއް. އަދި ބާރުގަދަ ވިޔަފާރިވެރިން އެ
ބޭފުޅުންގެ ވިޔަފާރިތައް ވަކިވަކި ގޮތްގޮތަށް ހިންގުމަށްޓަކައި ބޭނުންކުރާ
ތަންތަނުގެ ގޮތުގައި އަޅުގަނޑުމެންނަށް ފާހަގަވަމުން އަންނަތާ ކިތަންމެ
ދުވަހެއް ވެއްޖެ. އަޅުގަނޑުމެން ލަދުގަންނަވަރަށް، މިދިޔަ ތިން އަހަރު
ކޯޓުތައް މެދުވެރިކޮށް ވިޔަފާރިވެރިން ފައިދާ ނަގަމުން ދިޔަ ތަން
އަޅުގަނޑުމެން ދުށިން." ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީ އަކީ ހުރިހާ ކަނޑަކަށް ވެސް ހޮޔޮވަރު އޮޑިއެއް ކަމަށެވެ. އެ ޕާޓީ ފަނޑުވެ ނުދާނެ ކަމަށާއި މަރައި އަނިޔާކުރި ނަމަވެސް އެމްޑީޕީގެ ފިކުރު ގައުމުން ފޮހޮވިގެން ނުދާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.އެމްޑީޕީ އަކީ ހިތްވަރު ދެރަ ޕާޓީއެއް ނޫން ކަމަށާއި ވެރިކަމަށް އައީ ރައްޔިތުންގެ ތަރައްގީއަށްޓަކައި ވައުދުތަކާކާ އެކު ކަން ފާހަގަކުރައްވައި އެ ވައުދުތައް ފުއްދައިދޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެމަނިކުފާނުގެ ފަސް ވައުދު މިރޭ ވެސް ތަކުރާރު ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ