ޓެކުހަށް ތައްޔާރުވުމަށް ބައެއް ފިހާރަ ބަންދުކޮށްފި

ރޭ ބައެއް ފިހާރަތައް ބަންދުކުރި އިރު، ފިހާރަތަކުގެ ބޭރުގައި ހަރުކޮށްފައިވާ ލިޔުމުގައި ބުނެފައިވަނީ އޮޑިޓްކުރުމަށްޓަކައި އާދީއްތަ ދުވަހާ ހަމައަށް ވިޔަފާރި ބަންދު ކަމަށެވެ. ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަސް ބަންދުކުރަން ނިންމި ބޮޑެތި ފިހާރަތަކުގެ ތެރެއިން އެއް ތަނަކީ ބާޒާރުމަތީގައި ހުންނަ ބީއެޗްއެމް ޓްރޭޑާސް އެވެ.
"ޖީއެސްޓީ ނަގަން ފަށާއިރު ސޮފްޓްވެއާ އަށް ވެސް އެބަ ބަދަލު ގެންނަންޖެހޭ. ބަންދު މިކުރީ އޮޑިޓް ވެސް ކުރާށާ އެކު ސޮފްޓްވެއާ އަށް ވެސް އެ ބަދަލު ގެންނަންވެގެން،" ބީއެޗްއެމްގެ އޮފިޝަލަކު ވިދާޅުވި އެވެ.
އާދީއްތަ ދުވަހުގެ ސުންގަނޑި ސުން މިނެޓުން ފެށިގެން ޖީއެސްޓީ ނަގަން ފަށަން ނިންމާފައިވާ އިރު، ލިބުނު އެއް މަސް ދުވަހުގެ ކުރު މުއްދަތުގައި ގިނަ ވިޔަފާރިވެރިންނަށް ވަނީ އެ ކަމަށް ތައްޔާރުނުވެވި އެވެ.
ގިނަ އަދަދެއްގެ ވިޔަފާރި މުދާ އެތެރެކުރާ ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނިން ބުނީ ޖީއެސްޓީ ނެގޭ ގޮތަށް ސޮފްޓުވެއާ އަށް ގެންނަންޖެހޭ ބަދަލު ގެނައުމަށް އަދި ހަފުތާއެއްހާ ދުވަސް ނަގާނެ ކަމަށެވެ.
"އެކަމުގެ ފަންނީ މީހުން ގެނެސްގެން އެކަން މި ކުރަންޖެހެނީ. ޖީއެސްޓީގައި ތިން ގިންތިއެއް އުޅޭތީ ސޮފްޓްވެއާ އަށް ވެސް އެބަދަލު ގެންނަން އުނދަގޫ. ހުރިހާ އެއްޗަކުން އެއްވަރަށް ( 3.5 ޕަސެންޓް) ނަގާނަމަ މިއީ މާ ބޮޑު ކަމެއްނޫން،" ނޫހުގައި ނަން ޖަހަން ބޭނުންނުވާ އެ ކުންފުނިން ބުންޏެވެ.
އެހެން ކުންފުންޏަކުން ބުނީ އެ ކުންފުނީގައި ބޭނުންކުރާ ސޮފްޓްވެއާ އަށް ބަދަލު ގެންނަން ބެލިއިރު، އެ ކަމަށް 2،700 ޑޮލަރު ( 41،634ރ.) ސޮފްޓުވެއާ ފޯރުކޮށްދިން ކުންފުންޏަށް ދައްކަންޖެހޭ ކަމަށެވެ. ބައެއް ކުންފުނިތަކަށް ވަނީ އެ ކަމަށް ކުރަންޖެހޭ ހަރަދު ބޮޑުވުމުގެ ސަބަބުން ވެސް ބުރައަކަށްވެފަ އެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނީ މުދާ އިމްޕޯޓްކޮށްގެން ވިއްކާ ހުރިހާ ބޮޑެތި ތަންތަނަކުންހެން، އާދީއްތަ ދުވަސް އަންނައިރު ޖީއެސްޓީ ނަގަން ފެށޭ ވަރަށް ސިސްޓަމް ގާއިމުކުރާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް ލިބިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ