ބަރުލަމާނީ ނިޒާމުގެ ކެމްޕެއިން ކުރުމަށް އެމްޑީޕީން ބޭއްވި ލޮރީބުރެއް ރޫޅާލުމަށްފަހު ބައެއް މީހުން ހައްޔަރުކޮށްފި

ބަރުލަމާނީ ނިޒާމުގެ ކެމްޕެއިން ކުރުމަށްޓަކައި އެމްޑީޕީން މާލޭގައި މިއަދު ހެނދުނު ބޭއްވި ލޮރީބުރެއް ފުލުހުން ނުކުމެ ރޫޅާލުމަށް ފަހު ބައެއް މީހުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިއަދު ހެނދުނު 30: 10 ހާއިރު އެމްޑީޕީން ބޭއްވި ލޮރީބުރު ހުއްޓުވައި ބައެއް މީހުން ހައްޔަރުކުރީ ސަރުކާރުގެ އެއްވެސް ފަރާތަކުން ހުއްދަ ނުހޯދައި މާލޭގެ މަގުތަކުގައި ލޮރީބުރު ބޭއްވުމުން ކަމަށެވެ. އެހެން ނަމަވެސް މިކަމާ ގުޅިގެން ހައްޔަރުކުރި މީހުންގެ އަދަދެއް ފުލުހުންގެ އޮފިޝަލް ވިދާޅެއް ނުވެ އެވެ.
"މިހާރު އެ މައްސަލަ މި ދަނީ ތަހުގީގު ކުރަމުން. އެއްވެސް ފަރާތަކުން ހުއްދަ ނުހޯދައި މާލޭގެ މަގުތަކުގައި ލޮރީތަކުގައި ނުކުމެ އަޑުގަދަކުރުމުގެ ސަބަބުން އެމީހުން ހައްޔަރުކުރީ،" ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.
ބަރުލަމާނީ ނިޒާމަށް ކެމްޕެއިން ކުރުމަށް މި ބޭއްވި ލޮރީބުރު ފުލުހުން ހުއްޓުވީ ސޯޝަލް ސެންޓަރު ކައިރިންނެވެ. ގ. ދުންފިނިގޭގައި ހުންނަ އެމްޑީޕީގެ ހަރުގެއިން ފެށިގެން ސޯޝަލް ސެންޓަރާ ހަމައަށް ލޮރީބުރު ދިޔަތަނުން އެ ލޮރީތައް ހުއްޓުވައި ހަތަރު ޑްރައިވަރަކު ހައްޔަރުކުރި ކަމަށް ލޮރީ ބުރުގައި ހަރަކާތްތެރިވި ބައެއް މީހުން މިއަދު ބުންޏެވެ.
"އެ ހަތަރު ޑްރައިވަރުންނަކީ ހަތަރު ލޮރީ ދުއްވަން ތިބި މީހުން. ހަތަރު ޑްރައިވަރުން ހައްޔަރުކުރުމުގެ އިތުރުން ލޮރީތަކުގެ ތަޅުދަނޑިތައް ވެސް ފުލުހުން އަތުލި،" ލޮރީބުރުގައި ހަރަކާތްތެރިވި މީހަކު ބުންޏެވެ. އެ ހަތަރު ޑްރައިވަރުންގެ އިތުރުން އެހެން ދެ މީހަކު ވެސް ފުލުހުން ގެންދިޔަ މަންޒަރު ހަވީރުގެ ނޫސްވެރިންނަށް ފެނިފައި ވެ އެވެ. އަދި ލޮރީތަކުގައި ބަރުލަމާނީ ނިޒާމަށް ތާއީދު ހޯދުމުގެ ގޮތުން ދަމާފައި ހުރި ބެނާ ތަކާއި އެމްޑީޕީގެ ދިދަތަކާއި ޕޯސްޓަރުތައް ވެސް ފުލުހުން ވަނީ ގެންގޮސްފަ އެވެ.
ލޮރީބުރު ހުއްޓުވުމާ ގުޅިގެން އެކަމުގައި ހަރަކާތްތެރިވި ބައެއް މީހުން ވަނީ ވަކިން ގޭގެއަށް ޒިޔާރަތްކޮށް ބަރުލަމާނީ ނިޒާމުގެ ކެމްޕެއިން މިއަދު ފަށައިފަ އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު (އަންނި) ވެސް ހިމެނިވަޑައިގަންނަވަ އެވެ.
މި ލޮރީބުރު ރޫޅާލުމާ ގުޅިގެން އެކަން އިންތިޒާމްކުރި އެމްޑީޕީގެ ބައެއް މީހުން ބުނީ ދެން އިތުރު ސިޔާސީ ޕާޓީއަކުން މިފަދަ ލޮރީބުރެއް ބާއްވަން ނުކެރޭނެ ކަމަށާއި އެކަމަށް ހުރަސްއަޅާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ