ޑީއާރުޕީ އެތެރޭގެ ބައިބައިވުމަކީ ސީދާ ވެރިކަމުގެ ބާރު ހޯދުމާ ގުޅިފައިވާ ކަމެއް ކަމަށް ގަބޫލެއް ނުކުރެވޭ: ޔާމީން

ޑީއާރުޕީގެ ލީޑަޝިޕްގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުންގެ މެދުގައި މިހާރު އޮތް "ދެކޮޅުވެރިކަމަ"ކީ ސީދާ ވެރިކަމުގެ ބާރު ހޯދުމާ ގުޅިފައިވާ ކަމެއް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށާއި އެއީ އެ ބޭފުޅުންގެ މެދުގައި ބައެއް ކަންތައްތަކާ މެދު އުފެދިފައިވާ ދެބަސްވުމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ޑީއާރުޕީއާ އެކު ކޯލިޝަން ހަދާފައިވާ ޕީއޭގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
މުލަކު ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ޒައީމް ކުރީގެ ރައީސް މައުމޫންގެ ކޮއްކޯފުޅު ޔާމީން ވިދާޅުވީ "ޑީއާރުޕީގެ ލީޑަޝިޕްގެ ބޭފުޅުން ސުލްހަވުމަށް އެދެން" ކަމަށާއި ވަކިވަކި މެމްބަރުންނަށް ވުރެ ޕާޓީގެ އާންމު މެމްބަރުންގެ ވިންދަށް ވިސްނެވުން މުހިންމު ކަމަށެވެ.
"ޕާޓީގެ އިސްވެރިން ގަބޫލުކުރަން ވެއްޖެ ވަކިވަކި މެމްބަރުންގެ ހައްގުތަކަށް ވުރެ މުޅި ޕާޓީގެ އާންމު މެމްބަރުންގެ ހައްގު އިސްކުރަން ވެއްޖެ ކަމަށް. ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން ވާހަކަ ދައްކަވައި ސުލްހަވެގެން ނޫނިއްޔާ ހައްލެއް ނެތް،" ޔާމީން ވިދާޅުވި އެވެ. "މި ކަމުގައި އިސްވެ މި އުޅުއްވަނީ އުމަރު ނަސީރު ނޫންތޯ؟ އޭނާ ބައެއް މީޑިއާތަކަށް ދެއްވާ އިންޓަވިއުތަކުގައި އެބަ ވިދާޅުވޭ ޕާޓީ ތެރޭގައި ހުރި މައްސަލަތައް. އެ ކަންކަމުގެ ވާހަކަ ޕާޓީ ތެރޭގައި ދައްކަވައި ހައްލު ހޯއްދަވަންވީ ނޫންތޯ؟ އަޅުގަނޑަކަށް ހިއެއް ނުވޭ އޭގެ ބޭރުން، ހަގީގީ މައްސަލައިގެ ބޭރުން ބައެއް ބޭފުޅުން ދައްކަވަމުން ގެންދަވަނީ ރަނގަޅު ވާހަކަތަކެއްހެން. އެއީ ސްޕެކިއުލޭޝަންތައް."
ޔާމީން ވިދާޅުވީ ޑީއާރުޕީ ތެރޭގައި އުފެދިފައިވާ ނުތަނަވަސްކަމުން ޑީއާރުޕީ/ޕީއޭ ކޯލިޝަނަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށާއި "ކޯލިޝަން ވަރުގަދަ" ކަމަށެވެ.
"އެއީ ޑީއާރުޕީގެ އެތެރޭގެ ކަމެއް. ކޯލިޝަނާ ގުޅޭ ކަމެއް ނޫން އެއީ. އެހެން ނަމަވެސް ކައުންސިލް އިންތިހާބު ކުރިމަތީގައި އޮތްއިރު ވަރަށް ބޮޑަށް ވިސްނަން އެބަޖެހޭ. މި ދެ ތިން ދުވަހު ވަރަށް ގިނަ ފަރާތްތަކުން، ޑީއާރުޕީ ތެރޭގައި މި އުޅޭ ކަންތައްތަކާ ގުޅިގެން ކަންބޮޑުވެގެން އެބަ ގުޅުއްވާ ހައްދަވާ. ޕާޓީގެ އާންމު މެމްބަރުން ޝައްކު އެބަ ކުރައްވާ. ސުވާލުތައް އެބަ އުފައްދަވާ. އެހެންވީމަ އިންތިހާބު މިހާ ކައިރީގައި އޮއްވައި ޑީއާރުޕީ ތެރެއިން މިފަދަ ކަންތައްތައް ވުމަކީ ވަރަށް ދެރަ ކަމެއް. އަވަހަށް ހައްލު ކުރަންޖެހޭ ކަމެއް،" ޔާމީން ވިދާޅުވި އެވެ.
ޑީއާރުޕީ ތެރޭގައި މިހާރު އުފެދިފައިވާ "ކޯޅުން"ތަކުގެ ފަހަތުގައި ޔާމީން ހުންނެވި ކަމަށް ޑީއާރުޕީގެ ބައެއް ފަރާތްތަކުން ނުރަސްމީކޮށް ބުނަމުންދާއިރު އޭނާ ވިދާޅުވީ އެއީ "ހަގީގަތެއް ނެތް" ވާހަކަތަކެއް ކަމަށެވެ. އަދި މިއީ ޔާމީން ޑީއާރުޕީ ތެރެއަށް "އަތްގަދަ" ކުރެއްވުމަށް ހިންގާ ކަމެއް ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ވިދާޅުވީ ޕާޓީ ތެރޭގައި މިހާރު ހިނގަމުންދާ ކަންތައްތައް ކުރިމަތިނުވެ ވެސް އޭނާ އަށް ޑީއާރުޕީ އަށް ބަދަލުވެ ވަޑައިގެންނެވިދާނެ ކަމަށެވެ.
"ކީއްކުރަންތޯ އަޅުގަނޑު ޑީއާރުޕީ އަށް ދާން ބޭނުންވާ ނަމަ ޕާޓީ ތެރޭގައި މިހާރު ހިނގަމުންދާ ކަންތައްތައް ކުރިމަތިވާންވީ. އަޅުގަނޑަށް އެއަށް ވުރެ ފަސޭހައިން ޑީއާރުޕީ އަށް ވަދެވިދާނެ. އެކަމުގައި އެއްވެސް ޝައްކެއް ނެތް،" ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ ޔާމިން ވިދާޅުވި އެވެ.
ފަހުން ޑީއާރުޕީއާ ގުޅިވަޑައިގެންފާނެތޯ ދެންނެވުމުން ޔާމީން ވިދާޅުވީ "ޑީއާރުޕީއާ ގުޅެން ޖެހިއްޖެ ނަމަ ނުގުޅެންވީ އެއްވެސް ސަބަބެއް ނެތް" ކަމަށެވެ. އަދި ވިދާޅުވީ އޭނާގެ ފަހަތުގައި ތިއްބެވި މީހުން ވެސް ޑީއާރުޕީއާ ނުގުޅެންވީ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.
"އަޅުގަނޑުމެންނާ ޑީއާރުޕީއާ ނުލާހިކު ގުޅުން ބޮޑު. އެ ޕާޓީގެ މެމްބަރުންނާ އަޅުގަނޑުމެންނަކީ އެކައްޗެއް. އެހެންވީމަ ތިއީ ކޮންމެހެން ސުވާލު އުފައްދަންވާ ވަރުގެ ކަމެއް ކަމަށް އަޅުގަނޑު ނުދެކެން،" ޔާމީން ވިދާޅުވި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު "ހަވީރަ" ށް ދެއްވި އިންޓަވިއުއެއްގައި ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އަލީ ވަހީދު ވިދާޅުވެފައި ވަނީ ޑީއާރުޕީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް އަހުމަދު ތަސްމީންގެ ބަދަލުގައި ޔާމީނަށް، ފަހު ވަގުތު ރައީސް މައުމޫން ތާއީދު ކުރައްވާނެ ކަމަށް ޕާޓީގެ ބައެއް މީހުން ގަބޫލުކުރާ ކަމަށެވެ.
ޔާމީން ވިދާޅުވީ މިހާރުގެ މައްސަލައަކީ މައުމޫން އޭނާ އަށް ތާއީދު ކުރައްވާނެތޯ ނުވަތަ ނޫންތޯ ނޫން ކަމަށާއި "މައްސަލަ އުފެދިފައި ވަނީ ޕާޓީގެ އެތެރޭގައި ކަމަށް" އުމަރު ނަސީރު ދައްކަވާ ވާހަކަތަކުން ދޭހަވާ ކަމަށެވެ.
"އެހެންވީމަ އަޅުގަނޑު މި ދަންނަވަނީ އެ މައްސަލަ ހައްލު ކުރައްވަން ވީ ނޫންތޯއޭ؟ ޕާޓީގެ އެތެރޭގެ މައްސަލަތަކެއްގެ ވާހަކައޭ މި އަޑު އިވެނީ. އެ ކަންތައްތައް ސުލްހަވެރިކަމާއެކު ހުރިހާ ބޭފުޅުން ވެގެން ހައްލުކުރަން ވީ ނޫންތޯއޭ؟" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ