އިންވެސްޓްކުރާނެ ފައިސާ ނެތުމުން އެޕޯލޯގެ އެއްބަސްވުން އުވާލައިފި

އައިޖީއެމްއެޗްގެ ހިންގުން އިންޑިޔާގެ އެޕޯލޯ ގުރޫޕާ ހަވާލުކުރުމުގެ އެއްބަސްވުމުގައިވާ ގޮތަށް އެއްބަސްވި މުއްދަތުގެ ތެރޭގައި އެޕޯލޯ އިން އަމަލުކޮށްފައި ނެތުމުން އެ އެއްބަސްވުން އުވާލާފައިވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އައިމިނަތު ޖަމީލް މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ވިދާޅުވީ މި އަހަރުގެ ޖެނުއަރީ 15 ގައި އެޕޯލޯ ގުރޫޕާއެކު ދިވެހި ސަރުކާރުން ވި އެއްބަސްވުން އުވާލަންޖެހުނީ އައިޖީއެމްއެޗް ތަރައްގީކުރަން ބޭނުންވާ މިންވަރަށް އެ ފަރާތަށް ފައިސާ އިންވެސްޓްނުކުރެވުމުން ކަމަށެވެ. އެކަމަކު އެއީ ކިހާ ފައިސާއެއް ކަމެއް ޑރ. އައިމިނަތު ޖަމީލް ވިދާޅެއްނުވެ އެވެ.
ކުރިން ހެލްތު މިނިސްޓްރީން ބުނެފައިވަނީ މިހާރު ދެމުންގެންދާ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް ދިވެހި ސަރުކާރާއި އެޕޯލޯ ގްރޫޕުން 20 މިލިއަން ޑޮލަރު އިންވެސްޓްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ބުނެފައިވަނީ އައިޖީއެމްއެޗުގައި ހިދުމަތްކުރުމަށް ބޭނުންވާ މުވައްޒަފުން ބިނާކުރުމަށް ފިޔަވަހިތަކަކަށް ބަހާލައިގެން 15 އަހަރުގެ ތެރޭގައި 80 ޕަސެންޓް ދިވެހިން މަސައްކަތްކުރާ ތަނަކަށް ހެދުން އެގްރީމަންޓުގެ ދަށުން ހިމެނޭ ކަމަށެވެ. އަދި އެ ޓާގެޓް ހާސިލްކުރުމަށް އެއްބަސްވެފައިވަނީ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި އެކުލަވައިލާ، އައިޖީއެމްއެޗް ހިއުމަން ރިސޯސަސް ޑިވެލޮޕްމަންޓް ޕްލޭންގެ ދަށުން ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
މިދިޔަ އޮކްޓޫބަރު މަހު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ އައިޖީއެމްއެޗުގެ މެނޭޖްމަންޓް އެޕޯލޯއާ ހަވާލުކުރާނީ އެ ކުންފުނިން 25 މިލިއަން ޑޮލަރު އައިޖީއެމްއެޗަށް އިންވެސްޓްކުރުމުން ކަމަށެވެ. އަދި އެ މަނިކުފާނު ވިދާޅުވެފައިވަނީ އެޕޯލޯ އަށް ލަފާކުރެވިފައި އޮތީ ކެޕިޓަލް އިންވެސްޓްމަންޓް އެއީ ދެ ފަރާތުން [ސަރުކާރާއި އެޕޯލޯ] އެކީގައި ހޯދަން ޖެހޭ އެއްޗެއް ކަމަށެވެ.
"އެ އިންވެސްޓްމަންޓާ ނުލައި މެނޭޖްމަންޓް ހަވާލުކުރުމުގެ ވާހަކައެއް އަޅުގަނޑުމެން ނުދައްކަން. މިސާލަކަށް އެއާޕޯޓް. ތިން ސަތޭކަ ހަތްދިހަ މިލިއަން ޑޮލަރާ ނުލައި އެއާޕޯޓް ހަވާލުކުރާ ވާހަކައެއް އަޅުގަނޑުމެން އެއްވެސް އިރެއްގައެއް ނުދައްކަން. އެ ބޭނުންވާ ވަރަށް ހެލްތީ އިންވެސްޓްމަންޓް ގެންނަންވާނެ. ގެނައީމަ އެޕޯލޯ އަށް [އައިޖީއެމްއެޗް] ލިބޭނީ. ދެން ކިތަންމެ ވަރަކަށް އެ އައިޖީއެމްއެޗުގައި ހުރި ކުރު އަކުރުތައް ކިޔުއްވިޔަކަސް އަޅުގަނޑު ދުލެއް ނުކުރާނަން. އެ އަދަދަށް އެ ފައިސާ ލިބުނީ އަޅުގަނޑު ހަމަ ބޭނުން މާދަން ވެސް އެ އެގްރީމަންޓާއިގެން ކުރިއަށް ދާން،" ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.
ހެލްތު މިނިސްޓަރު ވިދާޅުވީ އައިޖީއެމްއެޗުގެ ހިދުމަތް ތަރައްގީކުރުމަށް ބޭނުންވާ ފައިސާ ހޯދޭތޯ ބަލާނެ ކަމަށް ކުރިން ވެސް އެޕޯލޯ އިން ބުނެފައިވާ ކަމަށާއި މައްސަލައަކަށް ވީ އެއްބަސްވުމުގައިވާ މުއްދަތަށް ކޮމިޓްމަންޓް ނުދެވުން ކަމަށެވެ.
"އަޅުގަނޑުމެންނަށް އެ ވަރަށް ފައިސާ ރެއިޒް ނުކުރެވިގެން މި އެއްބަސްވުމަށް ދާން ޖެހުނީ. ދެން އެ އެއްބަސްވުމުގައިވާ ޓާމްތަކަށް އެ ފަރާތުން [އެޕޯލޯ] އަމަލު ނުކުރެވުނީމާ އެއްބަސްވުން ނިމުމަކަށް އައީ. ކޮންމެ އެއްބަސްވުމެއްގައި ވެސް ކަންކަން ނިންމަންޖެހޭ މުއްދަތުތަކެއް ވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
"އެއްބަސްވުން ނިމުމަކަށް އައިސްފައިވާ ކަމަށް މިހާރު އަޅުގަނޑުމެން ވާނީ އެކޮޅަށް [އެޕޯލޯ] ވެސް އަންގާފައި. އެހެން ނަމަވެސް އެ ފަރާތުން ބޭނުންވަންޏާ މާލޭ ހެލްތު ކޯޕަރޭޝަނާ ގުޅައިގެން އެހެން ކަންތައްތައް ކުރުމަކީ ނެތް ކަމެއް ނޫން."
އައިޖީއެމްއެޗް ހިންގުން އެޕޯލޯއާ ހަވާލުކުރުމުގެ އެއްބަސްވުން އުވާލިއިރު އެ ތަން ހަވާލުކުރުމުގެ އޮޕަރޭޝަނަލް މެނޭޖްމަންޓް އެގްރީމަންޓް (އޯއެމްއޭ) ގައި ސޮއިކުރަންޖެހޭ މުއްދަތު ވެސް ވަނީ ހަމަވެފަ އެވެ. އެ އެއްބަސްވުމުގައި މިދިޔަ ޖުލައި މަހުގެ ނިޔަލަށް ސޮއިކުރަންޖެހެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ